ޔޫރޯ 2024 އަށް ތައްޔާރުވަމުންދާ އެ މުބާރާތުގެ އެންމެފަހުގެ ޗެމްޕިއަން އިޓަލީން ރޭ ތުރުކީއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވި އިރު، ޕޯޗުގަލްއިން ކުޅުނު މެޗުގައި ފިންލޭންޑް ބަލިކޮށްފިއެވެ.
އިޓަލީ އާއި ތުރުކީ ރޭ އިޓަލީގެ ބޮލޯނިއާގައި ކުޅުނު މެޗު އެއްވަރުވީ ގޯލެއް ނުޖެހި 0-0 ގެ ނަތީޖާއަކުންނެވެ.
މެޗުގައި މާ ނުރައްކާތެރި ހަމަލާތަކެއް ފެނިގެން ގޮސްފައިނުވާ އިރު، ފުރަތަމަ ހާފު ނިމެން ދަނިކޮށް އިޓަލީގެ ބްރަޔަން ކްރިސްޓިއާންޓޭ ބޮލުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. އޭގެ ފަހުން ދެވަނަ ހާފުގެ ކުރީކޮޅުގައި އިޓަލީގެ މަޓެއޯ ރެޓެގޫ އަށް ލިބުނު ފުރުސަތުވެސް އޭނާ އަތުން ބޭކާރުވެ، މެޗު ނިމުނީ އިތުރު ނުރައްކާތެރި ހަމަލާއެއް ނުފެނިއެވެ.
އިޓަލީން ޔޫރޯގެ ތަށި ދިފާއުކުރަން މަސައްކަތް ކުރަމުންދާ އިރު، އެޓީމު މިހާރު އޮތް ހާލަތުން އެކަން ވާނެ ކަމަކަށް ގިނަ ބަޔަކު ގަބޫލެއް ނުކުރެއެވެ. އާ ގިނަ ކުޅުންތެރިންތަކަކާ އެކު އިޓަލީން ނުކުންނަނީ މުޅިން އާ ޖީލެއްގެ ފެށުމަކަށެވެ.
ޖަރުމަނުގައި 14 ވަނަ ދުވަހުގެ ރޭ ފަށާ ޔޫރޯގެ ފެވަރިޓެއް ގޮތުގައި އޮތް ޕޯޗުގަލްއިން ރޭ ކުޅުނު އެކުވެރިކަމުގެ މެޗުގައި ފިންލޭންޑް ބަލިކުރީ 4-2 ގެ ނަތީޖާއަކުންނެވެ. މެޗުގައި ރިބެން ޑިއާޒް ޖެހި ގޯލަކުން ޕޯޗުގަލްއިން 17 ވަނަ މިނެޓުގައި ލީޑު ނެގި އިރު، ހާފު ނިމުމުގެ ކުރިން ޑިއެގޯ ޖޮޓާ ވަނީ ޕެނަލްޓީއެއްގައި ލީޑު ފުޅާވެސް ކޮށްދީފައެވެ.
ދެވަނަ ހާފުގެ ފެށުންވެސް ޕޯޗުގަލްއިން ރަނގަޅު ކުރި އިރު، ބްރޫނޯ ފެނާންޑޭޒް ވަނީ ދެވަނަ ހާފުގެ ކުރީކޮޅުގައި ތިންވަނަ ގޯލެއްވެސް ޖަހައިފައެވެ. މެޗަށް އަނބުރާ ވަނުމަށް ކުރި މަސައްކަތުގައި ފިންލޭންޑްގެ ރެކޯޑު ގޯލު ޖެހުންތެރިޔާ ތޭމު ޕުއްކި ދެ ގޯލު ޖަހައި ނަތީޖާގެ ފަރަގު ކުޑަކޮށްދިން ނަމަވެސް، ފެނާންޑޭޒް ވަނީ ފަހުކޮޅުގައި އިތުރު ގޯލެއް ޖަހައި ނަތީޖާ ޔަގީންކޮށްދީފައެވެ.
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024