ރާއްޖެއަކީ އިންޑިއާ ކަނޑުގައި ހިމެނޭ އެ ގައުމުގެ އަގުހުރި ބައިވެރިއެއް ކަމަށް އިންޑިއާގެ ބޮޑުވަޒީރުގެ މަގާމަށް ތިން ވަނަ ދައުރަކަށް އިންތިހާބުވެވަޑައިގަތް ނަރެންދުރަ މޯދީ މިއަދު ވިދާޅުވެއްޖެއެވެ.
މޯދީ އެފަދައިން ވިދާޅުވީ، އެ މަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ އިންޑިއާގެ ވެރިކަންކުރާ ބީޖޭޕީ އާއި އިސްކޮށް އޮވެ އުފެއްދި ކޯލިޝަނުން އާއްމު އިންތިހާބު ކާމިޔާބުކޮށް، ބޮޑުވަޒީރުކަމުގެ ތިން ވަނަ ދައުރެއް އެ މަނިކުފާނަށް ކަށަަވަރުކުރެއްވުމުން، އެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވުމުންނެވެ.
އެކްސްގައި މޯދީއަށް މަރުހަބާ ވިދާޅުވެ، ރައީސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖެ އާއި އިންޑިއާގެ ތަަރައްގީ އާއި ކުރިއެރުމަށާއި ދެ ގައުމުންވެސް ބޭނުންވާ ކަންކަމާ ގުޅޭ ގޮތުން އެކުގައި މަސައްކަތްޕުޅު ކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ރައީސްގެ މަރުހަބާ ޕޯސްޓު ރިޓުވީޓްކުރައްވައި، މޯދީ ވިދާޅުވީ، ރާއްޖެއަކީ އިންޑިއާ ކަނޑުގައި ހިމެނޭ އެ ގައުމުގެ އަގުހުރި ބައިވެރިއެއް ކަމަށާއި ރާއްޖެއަކީ އެ ގައުމުގެ އަވަށްޓެރިއެއް ކަމަށެވެ. އަދި އުންމީދަކީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ދިއުންކަމުގައި ވިދާޅުވިއެވެ.
ރައީސް މުއިއްޒު ސަރުކާރާ ހަވާލުވުމަށްފަހު، ރާއްޖޭގެ ތިން ޑެޕިއުޓީ މިނިސްޓަރަކު މޯދީއަށް ސޯޝަލް މީޑިއާގައި ފުރައްސާރަ ކުރުމާއި ސަރުކާރުގެ މަތީފަޑީގެ ބައެއް ފަރާތްތަކުގެ ނުސީދާ ފާޑުކިޔުންތަކުގެ ސަބަބުން އިންޑިއާއާ ރާއްޖޭގެ ހާރިޖީ ގުޅުން ވަނީ ގޯސްވެފައެވެ.
އިންޑިއާގެ އާއްމު އިންތިހާބުގައި ޕާޓީއަކަށް މެޖޯރިޓީ ލިބޭނީ ލޮކްޝަބާގެ 543 ގޮނޑީގެ ތެރެއިން 272 ގޮނޑި ކާމިޔާބުކޮށްގެންނެވެ. ވަގުތީ ނާތީޖާ ދައްކާ ގޮތުން މި ފަހަރުގެ އިންތިހާބުގައި ބީޖޭޕީއަށް ލިބޭނީ 240 ގޮނޑިއެވެ. ބީޖޭޕީގެ އިތުރުން ދެން އެ ކޯލިޝަނުގައި ހިމެނޭ އެހެން ޕާޓީތަކާ އެކު އެންޑީއޭއިން ލޮކްޝަބާގެ 292 ގޮނޑި ކާމިޔާބު ކުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު