އިންޑިޔާގެ އާއްމު އިންތިޚާބުގެ ވޯޓު ގުނުމުގެ މަސައްކަތް މިވަގުތު އެދަނީ ހިނގަމުންނެވެ. އެންމެފަހުގެ ނަތީޖާތައް ދައްކާގޮތުން ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބީޖޭޕީއަށް ފުރިހަމަ އަޣުލަބިއްޔަތެއް ނުލިބުން އެކަށީގެންވެއެވެ. އެކަމަކު އެންމެކުރީގައި އުޅެނީ ބީޖޭޕީ އިސްވެ އުފައްދާފައިވާ ކޯލިޝަނެވެ. އެންޑީއޭ ކޯލިޝަނެވެ. ކޮންގްރެސް ޕާޓީ އިސްވެ އޮވެގެން އުފައްދާފައިވާ އިދިކޮޅު ކޯލިޝަން އޮތީ ދެވަނައިގައެވެ. ކުރިން ހީކުރެވިފައިއޮތީ ބީޖޭޕީ އެކަނިވެސް ޕާލަމެންޓްގެ ފުރިހަމަ ކޮންޓްރޯލް ނަގާނެކަމަށެވެ. އެކަމަކު އެ މަންޒަރެއް ނުފެނެއެވެ. ފެންނަނީ ކުރީފަހަރަށްވުރެ ކޮންގްރެސްގެ ބާރުގަދަވެފައިވާ މަންޒަރެވެ. ބީޖޭޕީގެ ގޮނޑިގޮނޑި ކޮންގްރެސްއަށް ލިބެމުންދާ މަންޒަރެވެ. މިފަހަރުގެ އިންތިޚާބަކީ ޖުމްލަ ހަތް ފިޔަވައްސަކަށް ބަހާލައިގެން ބޭއްވުނު އިންތިޚާބެކެވެ. މުޅިދުނިޔޭގެ އެންމެ ބޮޑު އިންތިޚާބެވެ. އަދަދުގެ ގޮތުންނެވެ. އިންތިޚާބު ފެށުނީ އެޕްރީލްމަހު ނަވާރައިގައެވެ. ނިމުނީ މެއި އެކެއްގައެވެ. މި ހަފުތާގެ ހޮނިހިރު ދުވަހުއެވެ. އޭގެފަހުން މިއަދު ކުރިއަށް އެދަނީ ނަތީޖާ ސާފުކުރުމުގެ މަސައްކަތެވެ.

އިންޑިޔާގެ ޕާލަމަންޓް ނުވަތަ ލޮކްސަބާގައި އިންތިޚާބުކުރެވޭ މެންބަރުންގެ އަދަދަކީ 543 އެވެ. އެހެންވީމާ ސިމްޕަލް މެޖޯރިޓީއަކީ 272 ގޮނޑިއެވެ. މިހާރު ފެންނަގޮތުން އެއަދަދު ބީޖޭޕީއަށް ނުލިބޭނެއެވެ. އެކަމަކު ކައިރިކުރާނެއެވެ. ބީޖޭޕީއާއެކު އިއްތިހާދުވެފައިވާ ޕާޓީތައް ހިމަނައިގެން ކުރިން ދެންނެވި ސިމްޕަލް މެޖޯރިޓީ ނެގޭނެއެވެ. ލިބޭނެއެވެ. އެހެންވީމާ ދެންވެސް ވެރިކަމަށް ވަޑައިގަންނަވާނީ ނަރެންދުރަ މޯދީކަން ޔަގީނެވެ. މޯދީ އެ ފުރިހަމަ ކުރެއްވީ ބޮޑުވަޒީރުކަމުގެ ދެވަނަ ދައުރެވެ. އައު ދައުރު ވެގެންދާނީ އޭނާގެ ތިންވަނަ ދައުރަށެވެ. އިންޑިޔާގެ ފުރަތަމަ ބޮޑުވަޒީރު ޖަވާހަރް ލާލް ނެހުރޫ ފިޔަވައި އެހެން ބޭފުޅަކަށް ވިދިވިދިގެން ތިން ދައުރު މިހާތަނަށް ލިބިފައެއް ނެތެވެ. އެންމެފަހުގެ ދެ އިންތިޚާބުގައިވެސް މޯދީގެ ބީޖޭޕީ ވަނީ ލޮކްސަބާގެ އަޣުލަބިއްޔަތު އެމީހުން އެކަނި ހޯދައިފައެވެ. އެންމެފަހުން 2019 ގެ އިންތިޚާބުގައި 303 ގޮނޑިއެވެ. އޭގެކުރިން 2014 ގެ އިންތިޚާބުގައި 282 ގޮނޑިއެވެ.

މޯދީއާއި ބީޖޭޕީން މިފަހަރު އަމާޒު ހިފީ އެމީހުންގެ ކޯލިޝަނަށް މަދުވެގެން 350 ގޮނޑި ނެގުމަށެވެ. އެއީ ރިކޯޑު އަދަދެކެވެ. ކެމްޕޭން އުކުޅެއްގެ ގޮތުގައި ކުޅުނީ ދީނީ ކާޑެވެ. މޯދީގެ ކޯލިޝަނަށް ސިމްޕަލް މެޖޯރިޓީ ނެގުނަސް ބީޖޭޕީ އަމިއްލަޔަށް އެކަން ކުރެވޭނެކަމަށް ނުފެނުމާއި ކުރީގެ ދެ އިންތިޚާބަށްވުރެ މާގިނައިން ކޮންގްރެސް ޕާޓީއަށް ގޮނޑި ލިބުމަކީ މޯދީއަށް ވަރަށްބޮޑު ނާކާމިޔާބީއެކެވެ. ހީކޮށްގެންތިބިގޮތާ ތަފާތު ކަމެކެވެ. މޯދީގެ ވެރިކަން އޭނާއަށް ދިފާއުކުރެވުނު ކަމަށްވިއަސްމެއެވެ. ކޮންގްރެސް ޕާޓީއަށް 2014 ވަނަ އަހަރު ނެގުނީ ޖުމްލަ 44 ގޮނޑިއެވެ. އޭގެ ފަސްއަހަރު ފަހުން 2019 ވަނަ އަހަރު ނެގުނީ 52 ގޮނޑިއެވެ. މިފަހަރު މިހާތަނަށްވެސް އޭގެ ދެގުނަ ޔަގީންކޮށްފިއެވެ. އެހެންވީމާ ބައެއް މީހުންގެ ނަޒަރުގައި މޯދީ ފޭލްވެއްޖެއެވެ. ބީޖޭޕީގެ ލީޑަރޝިޕް ބަދަލުކުރުމުގެ ވަގުތު އަތުވެއްޖެއެވެ. އެކަހަލަ ޚިޔާލުތަކަށް ޖާގަލިބުނަސް މި ނަތީޖާއާ ގުޅިގެން ބީޖޭޕީގެ ލީޑަރޝިޕަށް ކުއްލި ބަދަލެއް އަންނާނެކަމަށް ނުފެނެއެވެ. ދެންވެސް ހުންނަވާނީ މޯދީއެވެ.

މޯދީއާއި އޭނާގެ ބީޖޭޕީން ކުޅުނު ދީނީ ކާޑުގެ ނަތީޖާ ސާފުވެ ބޮޑު މަންޒަރު ކުރެހިގެންދާގޮތް ބެލީމާ ހާމަވާ އެއްޗަކީ ކޮންގްރެސް ޕާޓީގެ ކުރިއެރުމެވެ. މޯދީއާ އިދިކޮޅު ފަރާތްތަކުގެ ބާރު ބޮޑުވުމެވެ. ވެރިރަށް ނިއުދިއްލީގައި އަދިވެސް އޮތީ ބީޖޭޕީގެ ބާރެވެ. އެކަމަކު ދެކުނާއި އިރުމައްޗާއި އުތުރު އަދި ހުޅަނގު ބީޖޭޕީގެ މުށުތެރެއިން ބީވެގެން ދޫވެގެން ހިނގައްޖެއެވެ. މީގެ އެންމެ ފުރިހަމަ މިސާލެއް ފެންނަނީ އުއްތަރު ޕްރަދޭޝުންނެވެ. މިއީ އިންޑިޔާގެ އެންމެ ބައިބޯ ސްޓޭޓެވެ. މި ސްޓޭޓުން އެކަނިވެސް 80 މެންބަރުން ލޮކްސަބާއަށް އިންތިޚާބު ކުރެއެވެ. އެންމެ ފަހުގެ ދެ އިންތިޚާބުގައިވެސް މި ސްޓޭޓްގެ ފުރިހަމަ ކޮންޓްރޯލް ބީޖޭޕީން ނެގިއެވެ. އެކަމަކު މިފަހަރު ދެބައިކުޅަ އެއްބައި ނެގޭނެކަމަށްވެސް ނުފެނެއެވެ. ކޮންގްރެސް ޕާޓީގެ ލީޑަރު ރަހޫލް ގާނދީއާއި ބޮޑުވަޒީރު މޯދީވެސް މިފަހަރު ވާދަކުރައްވަނީ މި ސްޓޭޓްގެ ދަފާތު ދެ ދާއިރާއެއްގައެވެ. އަޔޯދިޔާއަކީވެސް އުއްތަރު ޕްރަދޭޝްގެ ސިޓީއެކެވެ.

އަޔޯދިޔާގެ މިސްކިތް ތަޅާލައި އެތަނުގައި ރާމާގެ ފައްޅި ބިނާކުރުމުގެ އަމަލީ މަސައްކަތް ފެށުމަކީ ދީނީ ކާޑު ކުޅެގެން އިންތިޚާބު ކާމިޔާބުކުރުމުގެ ރޭވުމުގެ ތެރެއިން ކޮށްފައިވާ ކަމެކެވެ. އެންމެފަހުގެ ނަތީޖާތައް ދައްކާގޮތުން އަޔޯދިޔާގެ ގޮނޑިވެސް ބީޖޭޕީއަކަށް ނުލިބެއެވެ. އަޔޯދިޔާ ހިމެނޭ ދާއިރާއަކީ ފާއިޒްއާބާދު ދާއިރާއެވެ. އެ ދާއިރާގައި ބީޖޭޕީ އޮތީ ވަރަށްވެސް ފަހަތުގައެވެ. މިއީ މޯދީގެ ހިންދޫތަވާ ފަލްސަފާއަށް ރައްޔިތުން ނޫނެކޭ ބުނި ބުނުމެކެވެ. ސިޔާސީގޮތުން އޭނާގެ ކަންކަށިމަތީގައި ވިހެލި އެތިފަހަރެކެވެ. ފާއިޒުއާބާދު ައެކަންޏެއް ނޫނެވެ. އިންޑިޔާގެ އުތުރުން ކަޝްމީރުގައިވެސް މިޒާތުގެ ފިލާވަޅެއް ދީފިއެވެ. މޯދީގެ ސަރުކާރުން ހައްޔަރުކޮށް ޓެރަރިޒަމްގެ ދައުވާ އުފުލައި ނިއުދިއްލީގެ ޖަލަކަށް ލާފައިވާ ޝައިޚު އަބްދުއްރަޝީދު ވަނީ ޖަލުގައި ހުންނަވައިގެން ކަޝްމީރުގެ ގޮނޑިއެއް ކާމިޔާބު ކުރައްވައިފައެވެ. މޯދީގެ ކެބިނެޓުގެ ބައެއް ވަޒީރުންނާ ވާދަކޮށް ކޮންގްރެސް ޕާޓީގެ ވަރަށް ޒުވާން ބޭފުޅުންވަނީ ގޮނޑި ގޮނޑި ކާމިޔާބު ކުރައްވައިފައެވެ.

ބޮޑުވަޒީރު މޯދީއަށް އޭނާ ވާދަކުރެއްވި ވަރަނާސީގެ ގޮނޑި ކާމިޔާބު ކުރެއްވުނަސް، މޯދީގެ ސަޕޯޓަރުންގެ ތެރެއިން ބޮލީވުޑްގެ ތަރި ކަންގަނާ ރަނައުޓަށް އޭނާ ވާދަކުރި މަންޑީގެ ގޮނޑި ލިބުނަސް ބީޖޭޕީ އެކަނި ލޮކްސަބާގެ ފުރިހަމަ އަޣުލަބިއްޔަތު ނުލިބުމަކީ އައުދައުރެއް ފަށާއިރު މޯދީއަށް ވަރަށް ސީރިއަސް މައްސަލައެކެވެ. މިހާތަނަށް އޭނާ ކުރެއްވި ވެރިކަމެއް ކުރެއްވީ ބީޖޭޕީ އެކަނި އެ އަޣުލަބިއްޔަތު އޮވެގެންނެވެ. ކޯލިޝަނުގެ ޕާޓްނަރުންނަށް ބަރޯސާ ކުރެއްވުމެއް ނެތިއެވެ. މޯދީގެ ބީޖޭޕީއާ އިއްތިހާދުވެފައިވާ ޕާޓީތަކުގެ ކޯލިޝަނަށް ކިޔަނީ ނެޝަނަލް ޑިމޮކްރަޓިކް އެލަޔަންސް، އެންޑީއޭއެވެ. ބީޖޭޕީގެ އިތުރުން މި ކޯލިޝަނުގައި ހިމެނެނީ ސަރަހައްދީ ކުދިކުދި ޕާޓީތަކެކެވެ. ލޮކްސަބާގެ އަޣުލަބިއްޔަތު ކަށަވަރު ކުރެވެންއޮތީ މި ދެންނެވި ކުދިކުދި ޕާޓީތަކުގެ އެއްބާރުލުން ލިބިގެން ކަމަށްވަންޏާ މި ޕާޓީތަކުގެ ބާރު ވަރަށް ގަދަވާނެއެވެ. އެހެންބައެއްގެ ބާރުގަދަވުމަކީ ބޮޑުވަޒީރު މޯދީގެ ބާރުތައް ހަނިވެގެން ކުޑަވެގެންދާނެ ކަމެކެވެ. މިއީ މިހާތަނަށް މޯދީ އަދި ތަޖުރިބާ ނުކުރައްވާ އައު ކަމެކެވެ.