ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރުކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުއްރަހީމް އަބުދުﷲ އާއި މާފުށީ ދާއިރާގެ މެންބަރު ހުސައިން ރިޒާ މިއަދު އައްޔަން ކުރައްވައިފިއެވެ.

އަބްދުއްރަހީމް ޖޭއެސްސީއަށް އައްޔަން ކުރެއްވީ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުންނެވެ.

ރިޒާ އެ ކޮމިޝަނަށް އައްޔަން ކުރެއްވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެ ކޮމިޝަނުގައި އިންނަވާ މެންބަރުގެ ގޮތުގައި މަޖިލީހުން އިއްޔެ ފާސްކުރުމާ ގުޅިގެންނެވެ.

މިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މި ދެ ބޭފުޅުންނަށް ކޮމިޝަނުގެ މެންބަރުކަމުގެ ހުވާލައިދެއްވީ ސުޕްރީމް ކޯޓްގެ ފަނޑިޔާރު މުހައްމަދު އިބްރާހީމެވެ. މި ރަސްމިއްޔާތުގައި ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެންބަރު ކަމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން، މި ދެބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ހަވާލު ކުރައްވައިފައެވެ.

ދިހަ މެންބަރުން ހިމެނޭ ޖޭއެސްސީގައި މިހާރު ތިއްބެވީ ކޮމިޝަންގެ ނައިބު ރައީސްގެ ގޮތުގައި ހުންނެވި ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުން އިންތިހާބު ކޮށްފައިވާ ފަނޑިޔާރު މުހައްމަދު ނިޔާޒާއި އުއްތަމަ ފަނޑިޔާރު ފިޔަވައި ސުޕްރީމް ކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެކޯޓުން އިންތިހާބު ކޮށްފައިވާ ފަނޑިޔާރު ހުސްނުއްސުއޫދާއި ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން އިންތިހާބު ކޮށްފައިވާ ފަނޑިޔާރު އަލީ ޝަރީފާއި އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލިހުން ކަނޑައެޅި މެންބަރު ޑޮކްޓަރު އާމިނަތު އުއްމުކުލްސުމްއެވެ.

އޭގެ އިތުރުން ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް މުހައްމަދު ނާޒިހު އާއި ބަންޑާރަ ނައިބު އަހުމަދު އުޝާމާއި ރައީސުލްޖުމްހޫރިއްޔާގެ މެންބަރު މުހައްމަދު ސަމީރު އާއި ގާނޫނީ ވަކީލުންގެ ތެރެއިން އިންތިހާބު ކޮށްފައިވާ މެންބަރެއްގެ ގޮތުގައި އަލީ އަބްދުއްލަތީފް ވެސް ޖޭއެސްސީގަައި ހިމެނިވަޑައިގަންނަވައެވެ.

އެ ކޮމިޝަންގައި ދެން މެންބަރު ތިއްބަވާނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެ މަޖިލީހުން އައްޔަންކުރާ މެންބަރަކާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްއެވެ.