މާލޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރެއްވުމަށް، ކުރީގެ ރައީސް އިބްރާހިމް މުހައްމދު ސޯލިހު ސަރުކާރުން ކުރިއަށްގެންދިޔަ "ބިންވެރިޔާ ސްކީމް"ގެ ދަށުން ގޯތި ލިބުނު ފަރާތްތަކަށް ތިން މަސް ދުވަހުގެ ތެރޭގައި ގޯތި ހަވާލު ކުރުމަށް ލާޒިމްކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ތަސްދީގު ކުރެއްވުމަށް ރައީސުލްޖުމްހޫރއްިޔާއަށް ފޮނުވި ބިލު ބާތިލްކޮށްފިއެވެ.

ބިމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅުއްވި މި ބިލަކީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަހުމަދު ނަސީމު މިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ބިލެކެވެ.

މި ބިލުގައި ބުނަނީ، މި ގާނޫނަށް އަމަލު ކުރަން ފަށާއިރު ބަންޑާރަ ގޯތި ލިބޭ ފަރާތްތައް ކަނޑައަޅައި ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް ގެޒެޓް ކުރުމަށްފަހު ރަޖިސްޓްރީ ހަވާލު ނުކޮށްވާ ގޯތިތަކުގެ ރަޖިސްޓްރީ މި ގާނޫނަށް އަމުލު ކުރަން ފަށާ ތާރީހުން ފެށިގެން ތިން މަސް ދުވަހުގެ ތެރޭގައި ގޯތިތައް ލިބުނު ފަރާތްތަކާ، އެ ގޯތި ދޫކުރި އިދާރާއިން ހަވާލު ކުރަންވާނެ ކަމަށެވެ.

އެމްޑީޕީ މެޖޯރިޓީ އޮތް އެ މަޖިލީހުން މި ބިލް ފާސްކުރީ މިދިޔަ އޭޕްރީލް މަހުގެ 29 ގައެވެ. އަދި މިއަދާ ހަމައަށް އޮތީ އެބިލް ތަސްދީގު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ފޮނުއްވައިފައެވެ.

ނަމަވެސް އެ ބިލު ތަސްދީގު ކުރެއްވުމުގެ ބަދަލުގައި ބިލުގައި ހުރި ކަންބޮޑުވުންތައް ފާހަގަ ކުރައްވައި އެ ބިލާ މެދު އަލުން ވިސްނެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ބިލް އަނބުރާ މަޖިލީހަށް ފޮނުއްވައިފައެވެ.

އެކަމާ ބެހޭގޮތުން ރައީސް މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީފުޅު މަޖިލީހަށް އިއްވަވައިދެއްވީ މަޖިލީހުގެ އަމީން އާއްމު ފާތުމަތު ނިއުޝާއެވެ.

އެސިޓީފުޅުގައި ރައީސް ވިދާޅުވެފައި ވަނީ، މި ބިލަކީ ގޯތިތައް ހަވާލުކުރުން އަވަސްކުރުމުގެ މަގުސަދުގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލެއް ނަމަވެސް، ގޯތި ލިބުނު ކަމަށް ލިސްޓް ކުރެވިފައިވާ ފަރާތްތަކަށް ގޯތިތައް ހަވާލު ކޮށް، ގޯތީގެ ރަޖިސްޓްރީ ހަދައިދީފައި ނުވަނީ، ގޯތިތައް ކަނޑައެޅުމުގައި އަމަލުކޮށްފައިވާ ގޮތުގެ މައްސަލަތަކެއް ހުރުމުންނާއި ހިއްކާފައިނުވާ ސަރަހައްދުތަކުން ބަންޑާރަ ގޯތި ދޫކޮށްފައިވާތީ ކަމަށެވެ.

އޭގެ އިތުރުން ކަމާބެހޭ ގާނޫނާއި ކަމާބެހޭ ގަވާއިދުތަކުން، ނުހިއްކާ އޮތް ފަޅަކުން ގޯތި ދިނުމަކީ ބިމާ ބެހޭ ގާނޫނު ތަސައްވުރު ކޮށްފައިވާ ކަމެއްކަމާ މެދު ސުވާލުއުފެދޭތީ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން މިހާރު އޮތް ބިމާ ބެހޭ ގާނޫނު އުވާލެވޭ ގޮތަށް މާ ފުރިހަމަ ބިލެއް ބިމުގެ ބިލުގެ ނަމުގައި މި ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ އިރު، އެބިލް އިސްލާހު ކުރުމަކީ މި ބިލުން ހާސިލްކުރަން ބޭނުންވާ ނަތީޖާ ހާސިލްވާނެ ކަމަކަށް ފެނިވަޑައިނުގަންނަވާ ކަމަށްވެސް ސިޓީގައި ވިދާޅުވެފައިވެއެވެ.

އެހެންކަމުން މި ބިލާމެދު އިތުރަށް ވިސްނެވުމަށް އެ ސީޓީފުޅުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މަޖިލީހުގެ ކިބައިން އެދިވަޑައިގެންފައެވެ.

މި މައްސަލައަށް މަޖިލީހުގައި ކުރިއަށްދިޔަ ބަހުސްގައި ސަރުކާރަށް ނިސްބަތްވާ ހުރިހާ މެންބަރުންވެސް ވިދާޅުވީ، މިއީ މިހާރުން މިހާރަށް މަޖިލީހުން ބޭރުކުރަންޖެހޭ އަދި ބާތިލް ކުރަންޖެހޭ ގާނޫނެއް ކަމަށެވެ.

ނަމަވެސް މި ބިލް ހުށަހެޅުއްވި މެންބަރު މީކާއީލް ވިދާޅުވީ މާލޭ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހި ކަމުގެ މައްސަލަ ކަމަށެވެ. އެހެންކަން މި މައްސަލައަށް ވީހާވެސް އަވަސް ހައްލެއް ގެނައުން މުހިއްމު ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން މި ބިލް އިތުރަށް އިސްލާހު ކުރުމަށް މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީ އަށް ފޮނުވުމަށް މީކާއީލް ހުށަހެޅުއްވިއެވެ. އޭނާ ވިދާޅުވީ ސަރުކާރުގެ އިހުލާސްތެރިކަން ހުރިނަމަ އެ ބިލް ކޮމިޓީއަށް ފޮނުވައިގެން ސަރުކާރު ބޭނުންވާ ބަދަލުތައް ބިލަށް ގެނެވިދާނެ ކަމަށެވެ. މީކާއީލްގެ އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ގަފޫރު މޫސާއެވެ.

ނަމަވެސް އެ ހުށަހެޅުމަށް ނެގި ވޯޓުގައި، މަޖިލިސް ތަޅުމުގައި އެވަގުތު ޖަލްސާގައި ތިއްބެވި 89 މެންބަރުންގެ ތެރެއިން ބިލް ކޮމިޓީއަށް ފޮނުވަން ވޯޓު ދިނީ ހަމައެކަނި އެމްޑީޕީގެ 12 މެންބަރުންނެވެ. ބިލް ކޮމިޓީއަށް ނުފޮނުވަން 75 މެންބަރުން ވޯޓު ދެއްވިއެވެ.

ދެން ރިޔާސަތުން ވޯޓަށް އެއްސެވީ އެއްވެސް ބަދަލެއް ނުގެނެސް އެބިލް އޮތް ގޮތަށް ފާސްކުރުމަށް ފެނޭތޯއެވެ. މިއީ ރިޔާތުން މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހެޅުއްވި ހުށަހެޅުއްވުމެކެވެ.

އެ ވޯޓުގައިވެސް ބިލް ފާސްކުރަން ވޯޓު ދެއްވީ، ޖަލްސާގައި ތިއްބެވި 90 މެންބަރުންގެ ތެރެއިން އެމްޑީޕީގެ 12 މެންބަރުންނެވެ. ނަމަވެސް އެބިލް ބޭރުކޮށްލަން ޕީއެންސީއަށް ނިސްބަތްވާ 76 މެންބަރުން ވޯޓު ދެއްވިއެވެ.

އެގޮތަށް ފާސް ނުވުމުން މަޖިލީހުގެ ރައީސް އަބްދުއްރަހީިމް އަބުދުﷲ ވިދާޅުވީ މިހާ ހިސާބުން ބިލް ބާތިލްވީ ކަމަށެވެ.