އެމްއެންޑީއެފުން، ލ. ކައްދޫގައި ތަމްރީން ކުރިއަށް ގެންދަނިކޮށް މިޔަރެއް ހަމަލާދިނުމުގެ ސަބަބުން ނިޔާވި ކޯޕްރަލް މުހައްމަދު ޒައިދާންގެ ޖަނާޒާ ރަސްމީ އިއްޒަތުގައި ބާއްވައިފިއެވެ.

ޒައިދާންގެ ޖަނާޒާ ބާއްވާފައިވަނީ މިއަދުގެ އަސްރު ނަމާދަށްފަހު، ރ. އުނގޫފާރު އިސްލާމީ މަރުކަޒުގައެވެ.

އެ ޖަނާޒާގައި އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ކޮމާންޑަރު، ބްރިގޭޑިއާ ޖެނެރަލް އިސްމާއީލް ޝަރީފް، އެޖުޓަންޓް ޖެނެރަލް، ބްރިގޭޑިއާ ޖެނެރަލް އަބްދުﷲ އިބްރާހީމް، ކޯސްޓްގާޑްގެ ކޮމަޑާންޓް ބްރިގޭޑިއާ، ޖެނެރަލް މުހައްމަދު ސަލީމް ބައިވެރިވަޑައިގެންނެވިއެވެ. އެ ބޭފުޅުން ވަނީ ޒައިދާންގެ އާއިލާއާ ބައްދަލު ކުރައްވައި ތައުޒިޔާ ދަންނަވައިފައެވެ.

ޖަނާޒާއަށްފަހު ސަންދޯކުގައި އަޅާފައި އޮތް ރާއްޖޭގެ ގައުމީ ދިދަ، ޒައިދާންގެ އާއިލާއާ ވަނީ ހަވާލުކޮށްފައެވެ.

"ވަން"އަށް އެނގިފައިވާ ގޮތުގައި މިޔަރު ހަމަލާދީފައިވަނީ ޒައިދާންގެ ފަޔަށެވެ. އޭނާގެ ހާލު ސީރިއަސްވެ، ފަރުވާ ދީފައިވަނީ ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައެވެ. ޒައިދާން ނިޔާވެފައިވަނީ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ.