ލ. އަތޮޅުގައި ބާއްވާ އެންމެ ވަރުގަދަ ފުޓްސަލް މުބާރާތް، ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކްލަބު (އެފްއެމްއެސްސީ) ގެ ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖް 2024 ގްރޫޕް ސްޓޭޖުގެ ފޯރިގަދަ ކުރިމަތިލުންތައް ނިމިއްޖެއެވެ. ވަރުގަދަ މެޗުތަކަކަށްފަހު ގަދަ އަށެއް ކަނޑައެޅި، މަރުގެ މެޗުތަކަށް ޓީމުތައް ތައްޔާރުވެއްޖެއެވެ. ގްރޫޕް ސްޓޭޖުގެ ކުޅުން ރޭ ނިމުމާ އެކު ލ. ފޮނަދޫ ފުޓްސަލް ދަނޑުގައި ރޭ ވަނީ ކުއާޓާ ފައިނަލްގެ ގުރު ނަގައިފައެވެ.

ރޭގެ ގުރު ނެގުމުގެ އިވެންޓްގައި ކުއާޓާއަށް ދިޔަ ޓީމުތަކަށް ބޯނަސް ފައިސާވެސް އެފްއެމްއެސްސީން ވަނީ ދީފައެވެ. އެގޮތުން އަށް ޓީމަށް، ކޮންމެ ޓީމަކަށް 1000 ރުފިޔާގެ ފައިސާގެ އިނާމް ރޭ ހަވާލުކޮށްފައިވެއެވެ. އޭގެ އިތުރުން ޝަބްނަމީ ހޯލްޑިންގްސް ފަރާތުން ޓީމުތަކަށް ވަނީ ހާއްސަ ގިފްޓް ޕެކެއްވެސް ރޭގެ ގުރު ނެގުމުގެ ކުޑަ އިވެންޓްގައި ދީފައެވެ.

ޔުނައިޓެޑް އައުޓްރީފުން ކުއާޓާއަށް ދަތުރު ކުރީ ގްރޫޕް ބީގެ އެއްވަނަ ޔަގީން ކޮށްގެންނެވެ. ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން، އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ. ތިން މެޗުގެ ތެރެއިން ދެ މެޗުން ޔުނައިޓެޑް އައުޓްރީފް މޮޅުވި އިރު، އެއްވަރުވީ ފުރަތަމަ މެޗުންނެވެ. ޖުމުލަ ނުވަ ގޯލު އެޓީމުން ގްރޫޕް ސްޓޭޖުގައި ޖެހި އިރު، ކޮޅަށް ވަނީ ހަ ގޯލެވެ. ޔުނައިޓެޑް އައުޓްރީފަށް ގްރޫޕް ސްޓޭޖުގައި އެންމެ ވިދުންގަދަ ކުޅުންތެރިޔަކީ އަލީ އަޝްފާގު (ދަގަނޑޭ) އެވެ. އޭނާގެ ފަރާތުން ތަފާތު ކުޅުމެއް ފެނިގެން ގޮސްފައިވެއެވެ.

ފޮއެމަތި އެސްސީއަކީ ގްރޫޕް ސީގެ ދެވަނަ ޓީމެވެ. އެޓީމުން މިހާތަނަށް ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވި އިރު، އެއްވަރުވީ އެއް މެޗުންނެވެ. ފައިދާގެ ގޯލުގެ ފަރާތުން ދެވަނަ ލިބުނު ފޮއެމަތިން ވަނީ 15 ގޯލު ޖަހައިފައެވެ. އެޓީމު ކޮޅަށް ވަނީ ތިން ގޯލެވެ. އަހުމަދު ބައްސާމް މުހައްމަދު ނައީމް (ބައްކު) އާއި މުހައްމަދު ސާދު ނިޒާރު ވަނީ ގްރޫޕް ސްޓޭޖުގައި ފޮއެމައްޗަށް މުހިއްމު ކުޅުމެއް ދައްކައިފައެވެ.

ރަސްހިންނެ އެސްސީއަކީ ޔަގީނުންވެސް މުބާރާތުގެ ފެވަރިޓެކެވެ. އެޓީމުން ގްރޫޕް ސްޓޭޖު ނިންމާލީ ސައްތައިން ސައްތަ ރެކޯޑަކާ އެކު، ތިން މެޗުން ނުވަ ޕޮއިންޓާއެކުގައެވެ. ކޮޅަށް ވަނީ އެންމެ ދެ ގޯލެވެ. އެ ޓީމުން ވަނީ 20 ގޯލު ޖަހައިފައެވެ. ރަސްހިންނެ އެސްސީއަކީ މިފަހަރު ގްރޫޕް ސްޓޭޖުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން ނިންމާލި ހަމައެކަނި ޓީމެވެ. މިދިޔަ އަހަރު މުބާރާތުގެ ކިންގް، ސާމިން މުހައްމަދު ނަސީރާއި އަބްދުﷲ ޝާފިއު (ޝާއްޕެ) ފަދަ ކުޅުންތެރިންނާ އެކު ރަސްހިންނެ އޮތީ މުބާރާތް ނެގުމުގެ ވިސްނުމުގައެވެ.

ބްރޭވް ޖެނެރޭޝަން ސްޕޯޓްސް ކްލަބު (ބީޖީ) އެސްސީން ކުއާޓާއަށް ދަތުރުކުރީ ގްރޫޕް ޑީގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އެޓީމަށް ކުޅެން ޖެހުނު ދެ މެޗުން އެއް މެޗުން މޮޅުވެ، އަނެއް މެޗުން އެއްވަރު ކުރިއެވެ. އެއްވަނަ ގެއްލުނީ ފައިދާ ގޯލުންނެވެ.

މުންޑޫ ޒުވާނުންގެ ޖަމިއްޔާ (އެމްޒެޑްޖޭ) އަކީ ގްރޫޕް ޑީގެ އެއްވަނަ ޓީމެވެ. އެޓީމުން ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެ، އަނެއް މެޗުން ވަނީ އެއްވަރު ކޮށްފައެވެ. އެޓީމުން ގްރޫޕް ސްޓޭޖުގައި ޖުމުލަ އަށް ގޯލު ޖެހި އިރު، އޭގެ ތެރެއިން ގިނަ ގޯލުތަކެއް ޖެހީ އާދަމް ޝަހީމް (އާނާ) އެވެ. މިރޭގެ ކުއާޓާގައި އެޓީމުން އެންމެ ބޮޑަށް ބަރޯސާވާނެ ކުޅުންތެރިޔަކީވެސް އެއީއެވެ.

ވައްޓަފާޅި އެސްސީން ގްރޫޕް އޭގެ ދެވަނަ ޓީމުގެ ގޮތުގައި ކުއާޓާއަށް ގޮސްފައި ވަނީ ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެގެންނެވެ. އެޓީމުން ބަލިވި ހަމައެކަނި މެޗަކީ، މުބާރާތުގައި މިހާތަނަށް އޮތް އެންމެ ކާމިޔާބު ޓީމު ރަސްހިންނެ އެސްސީ އަތުންނެވެ. އިބްރާހީން ނަސްއަތާއި އަހުމަދު އައިހަމް (އައިހު) ފަދަ ކުޅުންތެރިން ތަފާތު ދައްކަމުންދާ އިރު، ވައްޓަފާޅި އެސްސީން ވަނީ 10 ގޯލު ގްރޫޕް ސްޓޭޖުގައި ޖަހައިފައެވެ.

އައުޓްރީފް އެސްސީއަކީ ތަށްޓަށް ވާދަކުރާނެ ޓީމެއްކަން މާ ކުރިންވެސް ވަނީ ލަފާކުރެވިފައެވެ. އެޓީމުން ގިނަ ތަރިންތަކެއް ފެނިގެންދާ އިރު، އައުޓްރީފް އެސްސީ ކުއާޓާއަށް ދިޔައީ ގްރޫޕް ސީގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އައުޓްރީފް އެސްސީން ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވި އިރު، އެޓީމުން ވަނީ ޖުމުލަ 21 ގޯލު ޖަހައިފައެވެ. އެޓީމު ކޮޅަށް ވަނީ ދެ ގޯލެވެ. އަލީ ޝާމިސް (ތޮއްޕެ) އާއި އިސްމާއީލް ވަޖީހު (ވައްޖެ) އަދި އަލީ ޝިޔާހުވެސް އައުޓްރީފް އެސްސީއަށް މުހިއްމެވެ.

އަމިގޯސްއަކީ ސަޕްރައިޒިން ޓީމެއް ކަމަށް ބުނެވިދާނެއެވެ. ޒުވާން ގިނަ ކުޅުންތެރިންތަކަކާ އެކު ތަފާތު ދެއްކި ޓީމެއްގެ ގޮތުގައިވެސް އެޓީމު ގުނި ދާނެއެވެ. ގްރޫޕް ބީގެ ދެވަނަ އެޓީމުން ހޯދީ ތިން މެޗުގެ ތެރެއިން ދެ މެޗު އެއްވަރުކޮށް، އިއްޔެ ކުޅުނު ފަހު މެޗުން މޮޅުވެގެންނެވެ. އެޓީމަށް މިރޭގެ މެޗަށް އޮތް އެންމެ ބޮޑު މާޔޫސްކަމަކީ މުހިއްމު ކުޅުންތެރިއެއް ކަމަށްވާ މުހައްމަދު ޖިނާހަށް ރަތް ކާޑު ދައްކާފައި އޮތުމެވެ. އެހެން ނަމަވެސް އަމިގޯސް "އަންޑައެސްޓިމޭޓް" ނުކުރެވޭނެއެވެ.