ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބުދުއްރަހީމް އަބުދުﷲ އާ މިއަދު ބައްދަލުކުރައްވައިފިއެވެ.

އެ ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ރައީސް އޮފީހުން ބުނީ، އެ ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބުދުއްރަހީމް ވަނީ މި ވަގުތު ރާއްޖޭގެ ކަންކަން ބާރު ދުވެލީގައި ކުރިއަށް ގެންދިއުމަށް ކުރެވެން ހުރި ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައި ކަމަށެވެ.

އެ ބައްދަލުކުރެއްވުމުގައި ރާއްޖޭގެ އިގުތިސޯދީ ދާއިރާގެ ކަންކަމާ ބެހޭގޮތުންނާއި ތިމާވެއްޓަށް އަންނަ ބަދަލުތަކާއި ތިމާވެށި ހިމާޔަތްކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ދެ ބޭފުޅުން މަޝްވަރާކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެ ބައްދަލުކުރެއްވުމުގައި އަބްދުއްރަހީމް ވަނީ ސަރުކާރުން ދިވެހި ރައްޔިތުންގެ ކުރިއެރުމަށް ކުރައްވަން ރާވާފައިވާ ކަންކަމުގައި، މަޖިލީހުގެ ފަރާތުން ބޭނުންވާނެ އެއްބާރުލުން ފުރިހަމައަށް ދެއްވާނެކަމުގައި ވިދާޅުވެފައެވެ.