މިދިޔަ އެމްޑީޕީގެ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެކި ކަންކަމުގައި އިހުމާލް ވެފައިވާ ކަމަށާއި އެ މައްސަލަތައް، ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީތަކުން ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގު ގޮވާލައްވައިފިއެވެ.

އައްޑޫ ސިޓީގެ ހިތަދޫއާ ގުޅިފައިވާ ރަށްރަށުގެ ރައްޔިތުންނަށް ސާފު ފެން ނުލިބޭ މައްސަލަ ވަގުތުން ވަގުތައް ހައްލުކޮށްދިނުމަށް ސަރުކާރަށް ގޮވާލައި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުން އަޒާން ވިދާޅުވީ، އައްޑޫ ސިޓީއަށް ސާފު ފެން ލިބެމުން ނުދަނީ ކުރީގެ ސަރުކާރުން ވެފައިވާ އިހުމާލުގެ ސަބަބުން ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވި އިރު، ފެނަކައިގެ ދަރަންޏަކީ ހަތަރު ބިލިއަން ރުފިޔާ ކަމަށާއި އެއީ އެ ސަރުކާރުން ވެފައިވާ އިހުމާލެއް ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް ރައީސް މުއިއްޒުގެ ސަރުކާރުން އެކަން ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

އެގޮތުން އެ ޕްރޮޖެކްޓް ނިމުމުން، ފެން އުފައްދައި ފެން ރައްކާކުރުމުގެ ކެޕޭސިޓީ އެތައް ގުނައަކަށް އިތުރުވެގެންދާނެ ކަމަށްވެސް އަޒާން ވިދާޅުވިއެވެ.

އަޒާން ވިދާޅުވީ، މުއައްސަސާތަކުގެ އިސްވެރިން މަޖިލީހުގެ ކޮމިޓީތަކަށް ހާޒިރުކޮށް އެ މައްސަލަތައް ބަލަންޖެހޭ ކަމަށެވެ. އަދި ޖިނާއީ ތަހުގީގުތައް ކުރާވަރަށް ވެސް ކުރީ ސަރުކާރުގެ ބައެއް ކަންކަން ކޮށްފައިވާ ކަމަށްވެސް އަޒާން ވިދާޅުވިއެވެ.

އަޒާންގެ އިތުރުން ޕީއެންސީގެ އެހެން ބައެއް މެންބަރުންވެސް ވަނީ ކުރީ ސަރުކާރުގެ އިހުމާލުތައް ބަލައި ޒިންމާވާ ފަރާތްތަކަށް އަދަބު ދިނުމަށް ގޮވާލައްވައިފައެވެ.