ތަރުޖަމާ: މަރިޔަމް ޒުމްރާ މުނީރު
-------------------------
މިދިޔަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ގެއިން ބޭރުގައި، ހިތްގައިމު މާހައުލެއްގައި ކިހާވަގުތެއް ހޭދަ ކުރެވުނު ހެއްޔެވެ؟ މަދުވެގެން ދެ ގަޑިއެއްހާއިރު ހޭދަ ނުކުރެވޭނަމަ، މިއީ ދިރިއުޅުމުގެ ވައްޓަފާޅިއާއި މެދު ފުންކޮށް ވިސްނާލުމުގެ ވަގުތު ކަމަށް ގަބޫލުކުރާށެވެ.
ދިރާސާތަކުން ދައްކާގޮތުގައި، ހަފުތާއަކު މަދުވެގެން ދެގަޑިއިރު ބޭރުގެ މާހައުލުތަކުގައި ހޭދަކުރާ މީހުންނަކީ ހުރިހާ ވަގުތެއް ގޭތެރޭގައި ހޭދަކުރާ މީހުންނަށްވުރެ ދުޅަހެޔޮ ބައެކެވެ. އުފާވެރި ބައެކެވެ. ބޭރުގެ މާހައުލުގައި ވަގުތު ހޭދަކުރުމުން ލިބޭ ސިއްހީ ފައިދާތައް ގިނައެވެ. ތިރީގައި އެ ވަނީ ފާހަގަކޮށްލެވޭ މުހިންމު ބައެއްކަންކަމެވެ.
ގަވައިދުން ކަސްރަތުކުރުމަކީ ވިސްނުން ރަނގަޅުވެ، ހަށިގަނޑުގެ ބާރު ގަދަވެ، ބަރުދަން އެއްވަރެއްގައި ހިފެހެއްޓުމަށް އެހީތެރިވެދޭ ކަމެކެވެ. ދިރާސާތަކުން ދައްކާގޮތުގައި، ބޭރުގެ މާހައުލެއްގައި ކަސްރަތުކުރުމުން ކަސްރަތުކުރެވޭ މިންވަރު އިތުރުވެ، މީހާއަށް ލިބޭ ތާޒާކަމާއި ހިތްހަމަޖެހުންވެސް އިތުރުވެއެވެ. މީގެ އިތުރުން ލޮޑުވެގެން ގޭތެރޭގައި އިނުމަށްވުރެ ބޭރުތެރެއަށް ނުކުމެލުމުން ކޮންމެވެސް މިންވަރަކަށް ހިނގައިވެސް ލެވޭނެ އެވެ. އެއީވެސް ކަސްރަތެކެވެ. މާލޭގައި އަހަރެމެން މި އުޅޭ އުޅުމުގައި، ގެއިން ބޭރަށް ނުކުންނަ ކޮންމެ ފަހަރަކު ސައިކަލަށް ނުވަތަ އެނޫންވެސް ވެހިކަލަކަށް އެރުމުގެ ބަދަލުގައި، ކައިރީގައި ހުންނަ ތަންތަނަށް ހިނގާފައި ދިއުމުން ހަށިގަނޑަށް އެ ލިއްބައިދެވެނީ މާ ބޮޑަށްވެސް ފުރިހަމަ ފުރިހަމަ ކަސްރަތެކެވެ.
ބޭރުގެ މާހައުލުގައި ވަގުތު ހޭދަކުރުމަކީ ހާސްވުމާއި ކަންބޮޑުވުން ކުޑަކޮށްދޭ ކަމެކެވެ. މިގޮތުން ސްޓްރެސް ހޯމޯން 'ކޯޓިސޮލް' ދަށްކޮށްދީ މީހާގެ މޫޑު ރަނގަޅުކޮށްދިނުމަށް އެހީތެރިވެދެއެވެ. މިކަންކަމަށް މަގުފަހިކޮށްދޭ މައިގަނޑު އެއް ސަބަބަކީ، ބަންދު މާހައުލުން ނުކުމެ ހަމަ ނޭވާއެއް ލެވުމެވެ. ސާފު ވަޔާއި ގުދުރަތީ މަންޒަރުތައް ލޮލަށް ފެނުމެވެ. ކޮންމެވެސް ވަގުތުކޮޅެއް ހުސްކޮށްލައިގެން އަތިރިމަތި ފެންނަ ހިސާބަށް ގޮސް، އެ ތަނުގައި ވަގުތުކޮޅެއް ހޭދަކޮށްލެވިއްޖެ ތަފާތެއް ފާހަގަ ކުރެވޭނެ އެވެ.
ގެއާއި ވަޒީފާ އަދާކުރާ އޮފީހުގެ ހަތަރު ފާރުން ބޭރުގައި، ހާއްސަކޮށް އާންމުން އެއްވެ އުޅޭ ޕާކުތައް ފަދަ ތަންތަނުގައި ވަގުތު ހޭދަކުރުމުން ސިކުނޑިއާއި ވިސްނުމުގެ ބާރުދަށްވާ މިންވަރު ކުޑަކޮށްދެއެވެ. ދިރާސާތަކުން އެނގޭ ގޮތުގައި ބަންދު މާހައުލަކީ އިންސާނާގެ ބުއްދި ކޮށިކޮށްލައި، ފިކުރު ބޮޑުކުރުވާ ކަމެކެވެ. އޭގެ ބަދަލުގައި، ހުޅުވިފައި އޮންނަ ސާފު ރީތި މާހައުލަކަށް ދިއުމުން އަހަރެމެންގެ ސިކުނޑިތައް ހުޅުވައިލަދެއެވެ.
ކުޑަކުދީން އުފެދި، ބޮޑުވަމުން އަންނަ ދުވަސްވަރު، އެކުދީންނަށް އެންމެ މުހިންމު އެކައްޗަކީ ސާފު ވައެވެ. މާލޭގައި މީހުން ދިރިއުޅެމުން އަންނަ ބައެއް ތަންތަނަކީ އެތަންތަނުގެ އެތެރެއިން ކުދީންނަށް ބޭނުންވާ ސާފު ވައި ލިބޭނެ މާހައުލުތަކެއް ނޫނެވެ. 2020 ވަނަ އަހަރު 'އެންވަޔަރްމެންޓް އިންޓަނޭޝަނަލް' ގައި ޝާއިއުކުރި ދިރާސާއަކުން ދައްކާގޮތުގައި ޅަފަތުގެ ގިނަ ވަގުތު ގޭތެރޭގެ މާހައުލުން ބޭރުގައި އުޅެ، ގުދުރަތީ ސާފުވައި ލިބިގެން ބޮޑުވި ކުދީންގެ އުމުރުން 24 އަހަރު ވީއިރު އެކުދީންގެ ފުއްޕާމޭ އެހެން ކުދިންނަށްވުރެ ރަނގަޅެވެ.
ވިޓަމިން ޑީއަކީ ހަށިގަނޑުގެ މަސްތަކާއި ނާރުތައް އަދި ދިފާއީ ބާރު ވަރުގަދަކޮށް ކަށިތަކުގެ ބާރު އިތުރުކޮށްދޭ މާއްދާއެއް ކަމުގައިވާ ކެލްސިއަމް 'އެބްޒޯބް' ކުރުމަށް މަގުފަހިކުރާ އެއްޗެކެވެ. ބައެއް ދިރާސާތަކުން ދައްކާގޮތުގައި 50 އިންސައްތަ މީހުންނަކީ ހަށިގަނޑަށް ބޭނުންވާ ވަރަށް ވިޓަމިން ޑީ ލިބުމުން މަހުރޫމްވެފައިވާ މީހުންނެވެ. އެހެންނަމަވެސް އުފާވެރި ޚަބަރަކީ ހަށިގަނޑަށް ބޭނުންވާ ވަރަށް ވިޓަމިން ޑީ ހޯދުމަކީ ވަރަށްވެސް ފަސޭހަކަމެކެވެ. ތިބާގެ ހަށިގަނޑަށް ބޭނުންވާވަރަށް ވިޓަމިން ޑީ ހޯދުމަށް، އިރުގެ އަލި ހަށިގަނޑަށް ލިބޭގޮތަށް، ބޭރުގެ މާހައުލުގައި ވަގުތުކޮޅެއް ހޭދަކޮށްލާށެވެ. އެހެން ނަމަވެސް މިގޮތަށް ބޭރުގައި އުޅޭއިރު ސަންސްކްރީނެއް ބޭނުން ކުރަން ހަނދާން ކުރަންވާނެއެވެ. ސަބަބަކީ ސަންސްކްރީނަކާ ނުލައި ގިނަވަގުތު އަވީގައި ހޭދަކުރުމުން ހަމުގެ ކެންސަރުފަދަ ބަލިތައް ޖެހުމަށް މަގުފަހިވާތީއެވެ.
ގިނަ ވަގުތު ބޭރުގެ މާހައުލުގައި ހޭދަކުރުމަކީ ލޭގެ ޕްރެޝަރު ދަށްކޮށްދޭ ކަމެއް ކަމުގައި ދިރާސާތަކުން ދައްކައެވެ. މީގެ މާނައަކީ ލޭގެ ޕްރެޝަރަށް ޑޮކްޓަރު ދެއްވާފައި ހުންނަ ބޭސް ބޭނުން ކުރުމުގެ ބަދަލުގައި ހުރިހާ ވަގުތެއް ބޭރުގައި ހޭދަ ކުރާށެކޭ ނޫނެވެ. ބޭރުގެ މާހައުލުގައި ވަގުތު ހޭދަކުރުމުގެ އިތުރުން ބަރުދަން ހިފެހެއްޓުމާއި ގަވައިދުން ކަސްރަތުކުރުމާއި އެކު، ކެއުމުގައި ލޮނު މަދުން ބޭނުންކުރުމަކީ ލޭގެ ޕްރެޝަރު ދަށްކުރުމަށް އެހީތެރިވެދޭ ކަންކަމެވެ. އެހެން ނަމަވެސް ލޭގެ ޕްރެޝަރު ދަށްކުރުމަށް ޑޮކްޓަރު ބޭހެއް ދެއްވާފައިވާނަމަ އެ ބޭސް ގަވައިދުން ބޭނުންކުރުމަކީ މުހިންމު ކަމެކެވެ.
ބޭރުގެ މާހައުލުގައި ވަގުތުކޮޅެއް ހޭދަކޮށްލުމަކީ އުފާވެރިކަމާއި ހިތްހަމަޖެހުން ލިބޭ ކަމެކެވެ. 2021 ވަނަ އަހަރު 'އެންވަޔަރްމެންޓަލް ސައެންސް' ގައި ޝާއިއުކޮށްފައިވާ ދިރާސާއަކުން ދައްކާގޮތުގައި ބޭރުގެ މާހައުލުގައި ހޭދަކުރާ ވަގުތުކޮޅުގެ ސަބަބުން ހިތްހަމަނުޖެހުމާއި ހާސްކަމުން ދުރުކޮށްދީ ވިސްނުމުގެ ބާރު އިތުރުކޮށްދެއެވެ. އުފާވެރިކަން އިތުރުކޮށްދެއެވެ. ފިކުރުތަކުން ދުރުކޮށްދީ ހިތަށް ހަމަޖެހުން ގެނެސްދެއެވެ.
ގޭތެރެއާއި ވަޒީފާ އަދާކުރާ އޮފީހުގެ ހަތަރުފާރުން ބޭރުގައި ވަގުތުކޮޅެއް ހޭދަކޮށްލުމަކީ ނުހަނު ގިނަގުނަ ފައިދާތަކެއް ލިބޭ ކަމަކަށް ވާއިރު އިތުރު ފަރުވާތެރިކަމަކާއި ސަމާލުކަމެއްދީގެން ކޮންމެ ދުވަހަކުވެސް ކުޑަނަމަވެސް ވަގުތުކޮޅެއް ބޭރުގެ މާހައުލުގައި އާއިލާއާއި ރަހުމަތްތެރިންނާއެކު، ނުވަތަ ތިބާ އެކަނި ނަމަވެސް ހޭދަކުރެވޭތޯ ބަލަމާ ހިނގާށެވެ. ރަށްރަށުގައިވެސް އަދި މާލޭގައި ވެސް މިއީ އާދައެއް ކަމަށް ހަދައިގެން، ކުރެވޭ ކަމަކަށް ހަދަމާ ހިނގާށެވެ. ރަށެއްގައި ދިރިއުޅުމަކުން މިކަންކަން ފުރިހަމައެއް ނުވެއެވެ. ބައެއް ރަށްރަށުގައި ވެސް މިހާރު މި އޮންނަ ސަގާފަތަކީ ވަޒީފާއިން ގެއަށް ގެއިން ވަޒީފާއަށެވެ. މި ލިޔުމުގައި މި ފާހަގަކުރި ކަންކަމަކީ ވަކި ތާވަލެއްގެ ތެރެއިން ކުރުން މުހިންމު ކަންކަމެވެ. މާލޭގައިވެސް، ހުޅުމާލޭގައިވެސް އާއިލާތަކުން ކޮންމެހެން ކުރާން ޖެހިފައިވާ ކަމެކެވެ. މިކަންކަން ނުކުރުމުން ސިއްހަތަށް ލިބޭ ގެއްލުމަކީ ތަނެއް ކަނޑައިގެން ދިއުމުން ފެންނަހެން ފާޅުވާ ކަމެއް ނޫނެވެ. ހަމަ އެހެންމެ، މިކަންކަން ކުރުމުން ސިއްހަތަށް ލިބޭ ބޮޑެތި ފައިދާ ތަކަކީ ދިމާއަށް ފެންނާން ހުންނަ ކަމެއް ނޫނެވެ. އެކަމަކު ކޮންމެ ދުވަހަކުވެސް، ބޭރުތެރެއަށް ނުކުމެ، ހިތްގައިމު މާހައުލެއްގައި ތިބާއާއި ތިބާގެ އާއިލާ ވަގުތު ހޭދަކުރާން ފެށުމުން، ވަގުތުން ވަގުތަށްވެސް އެކަމުގެ ފައިދާތައް ކުރާން ފަށާނެ އެވެ. އަދި ގަވައިދުން މިކަން ކުރެވޭ ނަމަ މި ފައިދާތައް ތިބާއަށް ކޮންމެ ދުވަހަކުވެސް ލިބިލިބި ހުންނާނެ އެވެ. ދުވަހުގެ ތާވަލުގައި "ބޭރުގެ މާހައުލުގައި ހޭދަކުރާ ވަގުތު" ހިމަނައި، ފަށާ ދުވަހަކީ މިއަދު ނޫނީ މާދަން ކަމަށް ހަދަމާ ހިނގާށެވެ.
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް