އިންޑިއާގެ އާންމު އިންތިހާބުގައި އެ ގައުމުގެ މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، 73އ. އަނެއްކާވެސް ބޮޑު ކާމިޔާބީއެއް ހޯއްދަވައި ތިން ވަނަ ދައުރަކަށް އިންތިހާބުވެވަޑައިގަންނަވާނެ ކަމަށް އެގްޒިޓް ޕޯލްތަކުން ދައްކައިފިއެވެ.
އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ 543 މެމްބަރުން އިންތިހާބު ކުރަން، މިދިޔަ އޭޕްރީލް މަހުގެ 19 ވަނަ ދުވަހުން ފެށިގެން ހަތް ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ ވޯޓުލުމުގެ ފަހު ފިޔަވަހި އިއްޔެ ވަނީ ނިމިފައެވެ. އެ އިންތިހާބުގެ ނަތީޖާ އިއުލާނު ކުރާނީ އަންނަ އަންގާރަ ދުވަހުއެވެ. އެ އިންތިހާބުގައި، 969 މިލިއަނަށް ވުރެ ގިނަ މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިފައިވެއެވެ.
"އަލް ޖަޒީރާ" ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޕޯލްތަކުން ދައްކާ ގޮތުގައި އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ 543 ގޮނޑީގެ ތެރެއިން ބީޖޭޕީ އާއި އެ ޕާޓީއާ ގުޅިފައިވާ ޕާޓީތަކަށް 350-380 އާ ދެމެދުގެ އަދަދަކަށް ގޮނޑި ލިބޭނެއެވެ. ގާނޫނު ހަދާ މަޖިލީހުގެ އަގުލަބިއްޔަތު ހޯދަން ބޭނުންވަނީ 272 ގޮނޑިއެވެ.
އިންތިހާބުގެ ކުރިން މޯދީ ވަނީ މި ފަހަރު 400 ގޮނޑި ހޯދުމަށް އަމާޒު ހިއްޕަވައިފައެވެ. މިދިޔަ ފަހަރު ބީޖޭޕީން އިން އެ އިންތިހާބުގައި ކާމިޔާބުކުރީ 303 ގޮނޑިއެވެ.
އެގްޒިޓް ޕޯލްތަކުން ދައްކާ ގޮތުގައި އިންޑިއަން ނެޝަނަލް ކޮންގްރެސް އިސްވެ އޮތް އިދިކޮޅު ކޯލިޝަނަށް ލިބޭނެ ކަމަށް ލަފާ ކުރަނީ 125 ވަރަކަށް ގޮނޑިއެވެ. ނަމަވެސް، އެ ކޯލިޝަނުން ވަނީ، ވޯޓު ގުނާ ދުވަހު އަގުލަބިއްޔަތު ހޯދާނެ ކަމަށް ބުނެފައެވެ.
ބައެއް ފަހަރު އެގްޒިޓް ޕޯލްތަކުގެ ނަތީޖާ ދިމާނުވެފައިވެސް އެބަހުއްޓެވެ.
ޚަބަރު
ޚަބަރު
ޚަބަރު