މިއަދުން ފެށިގެން ކުރިމިނަލް ކޯޓުގެ ޝަރީއަތްތައް ހުޅުމާލޭގައި ހުންނަ ސިވިލް ކޯޓުގެ އިމާރާތުގައި ކުރިއަށް ގެންދަން ނިންމައިފިއެވެ.
ކުރިމިނަލް ކޯޓު މިހާރު ހިންގަމުންދާ އިމާރާތް ބާވުމުގެ ސަބަބުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ އެ އިމާރާތުގެ ބައެއް ބޭނުން ނުކުރަން އަންގައިފައެވެ. އަދި އޭގެ ފަހުން ކޯޓުގެ އިމާރާތަށް ފެން ފައިބައި، ކަރަންޓު ނިޒާމަށް ފެނުގެ އަސަރުކުރުމުގެ ސަބަބުން، ކޯޓުގެ ޝަރީއަތްތައް ކުރިއަށް ގެންގޮސްފައިވަނީ އެންމެ ޝަރީއަތްކުރާ މާލަމެއްގައެވެ. އޭގެ ސަބަބުން މައްސަލަތައް ދިގުލައިގެން ގޮސް ބޮޑު ބެކްލޮގެއް އެބައޮތެވެ.
ކުރިމިނަލް ކޯޓުން އެކްސްގައި ރޭ ކުރި ޕޯސްޓެއްގައި ބުނީ، މިއަދުން ފެށިގެން ކުރިމިނަލް ކޯޓުގެ ޝަރީއަތްތައް ކުރިއަށްގެންދާނީ ހުޅުމާލޭގައި ހުންނަ ސިވިލް ކޯޓުގެ އިމާރާތުގައި ކަމަށާއި ޝަރީއަތްކުރާ ތިން މާލަމުގައި ކުރިމިނަލް ކޯޓުގެ ހަ ސެކްޝަނެއްގެ އަޑުއެހުންތައް ބޭއްވޭނެ ކަމަށެވެ. އެ ސެކްޝަންތަކަކީ، ބީ2، ބީ3، ބީ5، ބީ8، ބީ10، އަދި ބީ11 އެވެ.
ކުރިމިނަލް ކޯޓުން ބުނީ ވަގުތީ ގޮތުން ގެނެވުނު ބަދަލާ ގުޅިގެން މާލޭގައި ހުރި ކޯޓުގެ އިމާރާތުން ޝަރީއަތްކުރާ ތިން މާލަން ހުސްކުރެވިފައިވާ ކަމަށެވެ. އަދި މި ވަގުތު ހުޅުމާލެ މާލަންތަކާ އެކު ޖުމްލަ ހަ މާލަން ޝަރީއަތް ކުރުމަށް ލިބިފައިވާ ކަމަށެވެ.
"6 މާލަން 11 ގާޒީންގެ މެދުގައި އެކި ދުވަސްތަކަށް ބަހާލައިގެން ޝަރީއަތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އިރު، ދުވަސްވީ މައްސަލަތަކާއި ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ މައްސަލަތަކުގެ ޝަރީއަތްތައް ކުރިއަށް ގެންދިއުމަށް އިސްކަންދޭން ނިންމާފައިވެއެވެ،" ކުރިމިނަލް ކޯޓުން ބުންޏެވެ.
ކުރިމިނަލް ކޯޓުން އިތުރަށް ބުނީ، ވޭތުވެ ދިޔަ ދޮޅު އަހަރެއްހާ ދުވަސް ތެރޭގައި ކޯޓުގެ އެންމެ މާލަމެއްގައި ޝަރީއަތްތައް ކުރިއަށް ގެންދެވުނު ނަމަވެސް، އެ މުއްދަތުގެ ތެރޭގައި 2934 މީހުންގެ ބަންދާ މެދު ގޮތް ނިންމައި، 2193 ތަފާތު އެކި ކޯޓު އަމުރުތައް ދޫކޮށްފައިވާ ކަމަށެވެ. އަދި 520 ގަޒިއްޔާ ކޯޓުން ނިންމާފައިވާ ކަމަށް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު