ކައުންސިލްތަކުން ހުސްވި ގޮނޑިތަކަށް މެންބަރުން އިންތިހާބު ކުރުމަށް ބާއްވާ އިންތިހާބު އަންނަ ޖުލައި މަހުގެ 20 ވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.
ކައުންސިލް މެންބަރުންގެ ގޮތުގައި ތިއްބެވި ބައެއް މެންބަރުން ވަނީ ވިހިވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގައި ވާދަކޮށް ކާމިޔާބު ހޯއްދަވައިފައެވެ. އެ މެންބަރުންނަކީ:
- ޅ. އަތޮޅު ކައުންސިލްގެ ރައީސް
- ފ. ބިލެތްދޫ ކައުންސިލްގެ ރައީސް
- ކުޅުދުއްފުށި ސިޓީ ކައުންސިލްގެ މެންބަރު (ކުޅުދުއްފުށި އުތުރު ދާއިރާ)
- ރ. ހުޅުދުއްފާރު ކައުންސިލްގެ މެންބަރު
- މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ މެންބަރު
- މާލެ ސިޓީ ކައުންސިލްގެ މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު
- މާލެ ސިޓީ ކައުންސިލްގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު
- ރ. ރަސްމާދޫ ކައުންސިލް އަންހެން މެންބަރު
އީސީ އިން ބުނީ، އެ ދާއިރާތަކަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ޖޫން މަހުގެ 14 ވަނަ ދުވަހަށް ހަމަވާނެ ކަމަށެވެ. އިންތިހާބުގައި ވޯޓުލުން ކުރިއަށްދާނީ ޖުލައި 20 ވަނަ ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 ގެ ނިޔަލަށް ކަމަށާއި ރަސްމީ ނަތީޖާ އިއުލާން ކުރާނީ އެ މަހުގެ 22 ވަނަ ދުވަހު ކަމަށްވެސް ބުންޏެވެ.
އިންތިހާބަ ކުރިމަތިލުމަށް އެދޭ މީހުން ހުށަހަޅަންޖެހޭ ފޯމު އަދި އިންތިހާބުގެ މުހިންމު ތާރީހު ހިމެނޭ ތާވަލު www.elections.gov.mv އިން މިހާރު ލިބޭނެއެވެ.
- - ދިވެހި ރައްޔިތަކަށްވުން.
- - ބޭރު ގައުމެއްގެ ރައްޔިތަކަށް ނުވުން.
- - ބޭރު ގައުމެއްގެ ރައްޔިތަކު ދިވެހި ރައްޔިތަކަށް ވެފައިވާނަމަ އެމީހަކު ދިވެހި ރައްޔިތަކަށްވުމަށްފަހު 5 (ފަހެއް) އަހަރު ފާއިތުވެފައިވުން.
- - މުސްލިމަކު ކަމުގައިވުމާއި، ސުންނަތް ޖަމާއަތުގެ މީހަކަށްވުން.
- - އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން.
- - ބުއްދި ހަމައަށް ހުރި މީހަކު ކަމުގައިވުން.
- - އަދާކުރާންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކުނަމަ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުންދާ މީހަކު ކަމުގައިވުން.
- - އެއްވެސް ޖިނާއީ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެ، ހުކުމެއް ތަންފީޒުކުރަމުންދާ މީހަކު ކަމުގައި ނުވުން.
- - ކުޑަކުއްޖަކާމެދު ބަދުއަޚްލާގީ އަމަލެއް ހިންގިކަން ނުވަތަ މީހެއްގެ އިއްފަތްތެރިކަން ފޭރިގަތްކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައިނުވުން.
- - މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެ، އެމީހެއްގެ މައްޗަށް ހުކުމެއް ކޮށްފައިވާނަމަ، އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ 7 (ހަތެއް) އަހަރު ފާއިތުވެފައިވުން ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފުކޮށްދެވުނުތާ 7 (ހަތެއް) އަހަރު ފާއިތުވެފައިވުން.
- - (9) ވަނަ ނަންބަރާއި (10) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކުށްތައް ފިޔަވައި އެހެން ޖިނާއީ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެ، އެމީހެއްގެ މައްޗަށް 12 (ބާރަ) މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކޮށްފައިވާނަމަ، އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ 3 (ތިނެއް) އަހަރު ފާއިތުވެފައިވުން ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފުކޮށްދެވުނުތާ 3 (ތިނެއް) އަހަރު ފާއިތުވެފައިވުން.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު