ބިޒްނަސް އިމޭޖް ގްރޫޕް ޕްރައިވެޓް ލިމިޓެޑް (ބިގް) އަށް 78.5 މިލިއަން ރުފިޔާ ދޭން ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ މައްޗަށް ސިވިލްކޯޓުން ކުރި ހުކުމް ބާތިލުކޮށް އެ މައްސަލަ އަލުން ބަަލަން ހައިކޯޓުން ސިވިލްކޯޓަށް އެންގި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.

މި މައްސަލައަކީ މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަނާއި ބިޒްނަސް އިމޭޖް ގްރޫޕް ޕްރައިވެޓް ލިމިޓެޑާ ދެމެދު ހަތެއް މާޗް 2010 ގައި ވެފައިވާ އެއްބަސްވުމެއްގެ ދަށުން ބިގްއަށް ޕީއެސްއެމުން ދައްކަން ޖެހޭ ފައިސާއެއް ނުދައްކައިގެން ބިގްގެ ފަރާތުން ޕީއެސްއެމްގެ މައްޗަށް ސިވިލް ކޯޓުގައި ދައުވާކޮށްފައިވާ މައްސަލައެކެވެ.

މައްސަލަ ބެލުމަށްފަހު ސިވިލް ކޯޓުން ހުކުމް ކުރީ، އެ އެއްބަސްވުމުގެ ދަށުން ބިގަށް ދައްކަންޖެހޭ 5,644,874/88 ރުފިޔާ އާއި، 22 އޮކްޓޫބަރު 2012 ގައި ބިގް އިން ޕީއެސްއެމަށް ފޮނުވާފައިވާ ސިޓީގައިވާ ގޮތުގެ މަތިން އެ ފައިސާ ދައްކާފައިނުވުމުގެ ސަބަބުން ހަތެއް ޖޫން 2016 އާ ހަމައަށް ޖޫރިމަނާގެ ގޮތުގައި އަރާފައިވާ 72,931,785 ރުފިޔާއާއެކު ޖުމުލަ 78,576,659/88 ރުފިޔާ ބިގަށް ދައްކަން ޖެހި ނުދައްކައިވާކަން ސާބިތުވާ ކަމަށެވެ.

އެހެންކަމުން އެ ފައިސާ ބިޒްނަސް އިމޭޖް ގްރޫޕް ޕްރައިވެޓް ލިމިޓެޑަށް ލިބިދިނުމަށްޓަކައި، މި ހުކުމް ކުރި ދުވަސް ކަމަށްވާ، ހަތެއް ޖޫން 2016 އިން ފެށިގެން ކޮންމެ މަހަކު މަދުވެގެން އެ މަހަކަށްޖެހޭ މިންވަރު ސިވިލް ކޯޓަށް ދައްކަމުން ގޮސް، އެ ފައިސާގެ އެކުޖުމުލަ ހަ މަސްދުވަހުގެ ތެރޭގައި ދައްކައި ހަލާސްކުރުމަށް ޕީއެސްއެމްގެ މައްޗަށް ހުކުމް ކުރިއެވެ.

މި ހުކުމަކީ ޝަރުއީ އަދި ގާނޫނީ ހަމަތަކާ އެއްގޮތަށް ކޮށްފައިވާ ހުކުމެއް ނޫން ކަމަށްބުނެ ޕީއެސްއެމްގެ ފަރާތުން، އަށެއް ޖޫން 2019 ގައި މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.

ނަމަވެސް މި މައްސަލަ އިސްތިއުނާފަށް ހުށަހަޅާފައިވަނީ، ސިވިލް ކޯޓުން މައްސަލަ ނިމުނުތާ އެތައް ދުވަހެއް ފަހުން ކަމަށްބުނެ އެ މައްސަލަ ބަލައިގަތުމުގެ ހުއްދަ ދެވެން ނެތްކަމަށް މައްސަލަ ބެއްލެވި ދެ ފަނޑިޔާރުންގެ އަގުލަބިއްޔަތުން 20 އޮގަސްޓް 2019 ގައި ނިންމެވިއެވެ.

ހައިކޯޓުގެ މި ނިންމުން މުރާޖައާކޮށްދިނުމަށް އެދި ޕީއެސްއެމްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ.

މައްސަލަ ބެލުމަށްފަހު އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ހުއްދަ ނުދިނުމަށް ހައިކޯޓުން ނިންމާފައިވާ ނިންމުން ބަދަލުކޮށް، މި މައްސަލައަކީ އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ހުއްދަ ދޭންޖެހޭ މައްސަލައެއްކަމަށް ފެންނާތީ، ހަތަރެއް މާރިޗް 2021 އިން ފެށިގެން 10 ދުވަހުގެ ތެރޭގައި މި މައްސަލައިގެ އިސްތިއުނާފު ފޯމު ހައިކޯޓަށް ހުށަހެޅުމަށް އަންގައި ސުޕްރީމް ކޯޓުން މައްސަލަ ނިންމިއެވެ.

ބިގަށް 78.5 މިލިއަން ރުފިޔާ ދޭން ޕީއެސްއެމްގެ މައްޗަށް ސިވިލްކޯޓުން ކުރި ހުކުމް ބާތިލުކޮށް އެ މައްސަލަ އަލުން ބަަލަން ސިވިލްކޯޓަށް އަންގައި ހައިކޯޓުން ހުކުމް ކުރީ މިދިޔަ މެއި މަހުގެ 19 ގައެވެ.