އެކި ރޮނގުތަކުން ގައުމަށް ގިނަ ހިދުމަތްތަކެއް ކުރެއްވި އަދި މަސްވެރިކަމުގެ ދާއިރާއިން މާހިރެއްގެ ގޮތުގައި ފާހަގަކޮށްލެވޭ މ. ޒިޔާރަތްދޮށޫގޭ އަހުމަދު ހާފިޒް އަވަހާރަވެއްޖެއެވެ.

އުމުރުފުޅުން 62 އަހަރުގައި ހާފިޒް އަވަހާރަވީ ގިނަ ދުވަސްތަކެއް ވަންދެން ބަލިވެ އުޅުއްވުމަށްފަހު، އައިޖީއެމްއެޗުގައި ފަރުވާދެމުން ދަނިކޮށް މިއަދުގެ ވަގުތެއްގައެވެ.

ހާފިޒަކީ ރާއްޖޭގައި ފުރަތަމަ މެރިން ރިސާޗް ސެންޓަރު އުފެދުނީއްސުރެ، 1999 ވަނަ އަހަރުން ފެށިގެން 2004 އަހަރާ ހަމައަށް އެ ސެންޓަރުގެ ޑިރެކްޓަރުގެ މަގާމުގައި ގިނަ ހިދުމަތްތަކެއް ކުރެއްވި ބޭފުޅެކެވެ.

ހާފިޒަކީ ސަރުކާރުގެ މަސްވެރިކަމުގެ ޕޮލިސީތައް ރޭއްވެވުމުގެ އިތުރުން މަސްވެރިކަމުގެ ރޮނގުން އާންމުން ހޭލުންތެރިކުރުވުމަށް ވަރަށް ގިނަ މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އެގޮތުން ފިޝަރީޒް މިނިސްޓްރީގެ އެކި މަގާމުތަކުގައި ވަރަށް ގިނަ އަހަރުތަކެއް ވަންދެން ހިދުމަތް ކުރެއްވިއެވެ. އޭގެ ތެރެއިން ގިނަ އަހަރުތަކެއް ވަންދެން އެ މިނިސްޓްރީން ނެރުނު "ރަސްއައިން" ގެ އެޑިޓަރުކަން ވެސް އަދާކުރެއްވިއެވެ.

އޭގެ އިތުރުން ރާއްޖެއިން އަލަށް ފެންނަ މަސްމަހަށް ނަން ދިނުމާއި މެރިން ރިސާޗްގައި ވެސް ހާފިޒުގެ ތަޖުރިބާ ފާހަގަ ކޮށްލެވެއެވެ. ރާއްޖޭގެ ކަނޑުތަކުގައި އުޅޭ މަސްމަހާ ބެހޭ މައުލޫމާތު ދެނެވަޑައިގަންނަވާ ވަރަށް މަދު ބޭފުޅުންގެ ތެރޭގައި އޭނާ ހިމެނިވަޑައިގަންނަވައެވެ. ސައިންޓިސްޓުން ހާފިޒްގެ ނަމާ ގުޅުވައިގެން މަހަކަށް "ހާފިޒް"ގެ ނަން ދިން ހަމައެކަނި ބޭފުޅަކީ ވެސް އޭނާއެވެ. އެ މަސް ހޯއްދެވި ބޭފުޅަކީ ވެސް ހާފިޒެވެ.

ހާފިޒް ވަނީ ކަނޑުއަޑީގެ ދިރުންތަކާއި މަސްމަހާމެއްސާ ގުޅޭ ގޮތުން ވަރަށް ބައިވަރު އިލްމީ ދިރާސާތައް ކުރައްވައި ލިޔުންތައް ވެސް ޝާއިއު ކުރައްވައިފައެވެ. އެގޮތުން ލިޔުއްވި ފޮތްތަކުގެ ތެރޭގައި ކޮމަން ރީފް ފިޝަސް އޮފް މޯލްޑިވްސް 1،2 އަދި 3 އާއި މޯލްޑިވްސް ޑައިވާސް ޕެރަޑައިސް ފާހަގަކޮށްލެވެއެވެ.

އީޕީއެސް ސްކޫލުން ތައުލީމު ހާސިލު ކުރެއްވި ހާފިޒް މެރިން ބަޔޮލޮޖީ އިލްމުގެ ތެރެއަށް ވަދެވަޑައިގެންނެވީ 1981 ވަނަ އަހަރު އޭރުގެ ސަރުކާރުން ދެއްވި ޓްރޭނިން ކޯހެއްގައި ތައިލެންޑަށް ވަޑައިގެން ކަނޑުގައި އުޅޭ މަސްމަހުގެ އަދަދުތައް ދެނެގަތުމާބެހޭ (ސްޓޯކް އެސެސްމަންޓް) މަސައްކަތްތަކެއްގެ ތެރެއިންނެވެ. އޭގެފަހުން 1985 ގައި ކޮރެއާގައި ބޭއްވި ސްޓޮކް އެސެސްމެންޓު ކޯހެއްގައި ވެސް އޭނާ ބައިވެރިވެވަޑައިގެންނެވިއެވެ.

މަސްވެރިކަމަށް ހާފިޒް ކޮށްދެއްވަމުން ގެންދެވި ހިދުމަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން 1991 ވަނަ އަހަރު ކުރީގެ ރައީސް މައުމޫންގެ ސަރުކާރުން ވަނީ މަސްވެރިކަމަށް ހިދުމަތް ކުރުމުގެ ރޮނގުން އާންމު ހިދުމަތުގެ އިނާމު ވެސް އޭނާއަށް ދެއްވައިފައެވެ.

ހާފިޒް ވަނީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމާއި ފިޝަރީޒް މިނިސްޓަރީގެ ޑެޕިއުޓީ މިނިސްޓަރުކަމުގެ އިތުރުން ދިރާގުގެ ބޯޑު މެންބަރުކަން ވެސް ކުރައްވައިފައެވެ.

ހާފިޒަކީ ކުޅުވަރުގައި ވެސް ފާހަގަ ކޮށްލެވޭ ބޭފުޅެކެވެ. އެގޮތުން ކްލަބް ވެލެންސިއާއަށް ގޯލް ކީޕަރެއްގެ ގޮތުގައި ކުޅުއްވުމުގެ އިތުރުން ބާސްކެޓު ބޯޅަ އެސޯސިއޭޝަނުގެ ރައީސްކަމުގެ މަގާމުގައި ހުންނަވައި އެ ކުޅިވަރަށް ކޮށްދެއްވި ހިދުމަތްތައްވެސް ފާހަގަ ކޮށްލެވެއެވެ.

ތައުލީމީރޮނގުން ހާފިޒު ކޮށްދެއްވި ހިދުމަތްތައްވެސް ފާހަގަ ކޮށްލެވެއެވެ.

އެގޮރުން ހާފިޒް ވަނީ އަހުމަދިއްޔާ ސްކޫލަށް ވިއްސަކަށް އަހަރު ހިދުމަތް ކޮށްދެއްވައިފައެވެ. އެ ސްކޫލުގެ ސްޕޯޓްސް ސުޕަވައިޒަރުކަމުން ފެށިގެން ސީނިއާ އެސިސްޓެންޓް ޕްރިންސިޕަލް ކަން ވެސް އޭނާ ކުރެއްވިއެވެ.

އަވަހާރަވީ އިރު ހާފިޒްގެ ދެ ބޭފުޅުން ދުނިޔޭގައި އެބަ ތިއްބެވިއެވެ.