ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ)ގެ މެންބަރުންގެ އަދަދު 13 އަށް ދަށްކޮށް، 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ދާއިމީ އެހެން ކޮމިޓީތަކުގެ މެންބަރުންގެ އަދަދަކީ 11 ކަމަށް ފާސްކޮށްފިއެވެ.
މިއަދު މަސައްކަތް ފެށި 20 ވަނަ ރައްޔިތުންގެ މަޖިލީހުން އެގޮތަށް ފާސްކުރީ، އެ މަޖިލީހުގެ ގަވާއިދު އެކުލަވާލައި ދާއިމީ ކޮމިޓީތައް ކަނޑައަޅަންދެން، މަޖިލީހުގެ މަސައްކަތްތައް ނުހުއްޓި ކުރިއަށް ގެންދިއުމަށްޓަކައެވެ.
މަޖިލީހުގެ 241 ކޮމިޓީއަކީ ގާނޫނުއަސާސީގެ 241 ވަނަ މާއްދާގެ ދަށުން އުފައްދަންޖެހޭ ކޮމިޓީއެކެވެ. ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގައި ތިއްބެވީ 18 މެންބަރުންނެވެ.
ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ ފިޔަވައި މަޖިލީހުގެ ގަވާއިދުގައި ކަނޑައަޅާފައިވާ ދާއިމީ ކޮމިޓީތަކުގެ މެންބަރުންގެ އަދަކީ 11 ކަމަށް ހަމަޖެއްސުމަށްވެސް މަޖިލީހުން މިއަދު ވަނީ ފާސްކޮށްފައެވެ.
އޭގެ އިތުރުން މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުންނާއި ޕާޓީއަކަށް ނިސްބަތްނުވާ މެންބަރުން މަޖިލީހުގެ ދާއިމީ ކޮމެޓީތަކަށް ހަމަޖެއްސުމަށް ބޭނުންވާ ނަންތައް އަންނަ ޖޫން މަހުގެ ދޭއް ވާ އާދީއްތަ ދުވަހުގެ ނިޔަލަށް މަޖިލީހުގެ ސެކްރެޓޭރިއޭޓަށް ފޮނުވުމަށް ވެސް މަޖިލީހުން ވަނީ ފާސްކޮށްފައެވެ.
ޕީއެންސީގެ ޕީޖީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ހުށަހެޅުއްވި މި ހުށަހެޅުއްވުންތަކަށް ތާއީދު ކުރެއްވީ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ސުޖާއުއެވެ.
އެ ހުށަހެޅުންތައް ފާސްކުރީ އެވަގުތު މަޖިލިސް ޖަލްސާގައި ތިއްބެވި 91 މެންބަރުންގެ ތެރެއިން 88 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު