ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކްލަބް (އެފްއެމްއެސްސީ) އިން ބާއްވާ ލ. އަތޮޅުގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ޕަސްކުއާލް ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖް 2024ގެ ފުރަތަމަ މެޗުގައި ރަސްހިންނަ އެސްސީން ބޮޑު ތަފާތަކުން ވައްޓަފާޅު އެސްސީ ބަލިކޮށްފިއެވެ.

މިއަހަރުގެ މުބާރާތުގައި ޖުމުލަ 15 ޓީމަކުން ވާދަކުރާ އިރު، މިރޭ ފޮނަދޫ ފުޓްސަލް ދަނޑުގައި މުބާރާތް ފެށީ ހާއްސަ ހުޅުވުމުގެ ރަސްމިއްޔާތަކާ އެކުގައެވެ. ގްރޫޕް އޭގެ އެއް މެޗު މިރޭ ކުޅެފައިވާ އިރު، އެ މެޗުގައި ވަރުގަދަ ރަސްހިންނަ އެސްސީން ވައްޓަފާޅި އެސްސީ ބަލިކުރީ 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުނު އިރުވެސް ރަސްހިންނައިން ދެ ގޯލުގެ ލީޑެއް ނަގާފައިވާ އިރު، ފުރަތަމަ ގޯލު ހިލޭ ޖެހުމަކުން ޖަހައިދިނީ އަބުދުﷲ ޝާފިއު (ޝާއްޕެ)އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު ޝާއްޕެ ވަނީ އިތުރު ދެ ގޯލު ޖަހައި ހެޓްރިވެސް ފުރިހަމަ ކޮށްފައެވެ.

މެޗުގައި އަނެއް ގޯލުތައް ރަސްހިންނަ އެސްސީއަށް ޖަހައިދިނީ މިދިޔަ ފަހަރު މުބާރާތުގެ ކިންގް، ސާމިން މުހައްމަދު ނަސީރާއި އަބުދުﷲ ޖުނައިދު (ޖޭނޭ) އަދި ހުސައިން އަޒްމީއެވެ.

އެފްއެމްސީން ވަނީ ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަން ޓީމަށް މިއަހަރުވެސް 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ކަނޑައަޅައިފައެވެ. މުބާރާތުގައި ނަން މަޝްހޫރު ތަރިން ފެނިގެންދާ އިރު، ގްރޫޕް ސްޓޭޖުވެސް ފޯރިގަދަވާނެއެވެ.

ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖްގެ ޓައިޓަލް ސްޕޮންސަރަކީ ޕަސްކުއާލްއެވެ. ޕްލެޓިނަމް ސްޕޮންސަރުންނަކީ ކޮކާ ކޯލާ، ޝަބްނަމީ ހޯލްޑިންގްސް، ފޮނަދޫ ކައުންސިލް، ސޯސަން ފިހާރަ، ދަ ސުޕާރީ ފިހާރައެވެ. ސިލްވާ ސްޕޮންސަރުންނަކީ ބެސްޓް ބައި މޯލްޑިވްސް، ރެޑްބުލްގެ އިތުރުން ބޭންކް އޮފް މޯލްޑިވްސް އަދި ފެންސީ ފުޑްސްއެވެ. ލައިވް ޕާޓްނަރަކީ ލާމު ލައިވްއެވެ. ފޮޓޯގްރަފީ ޕާޓްނަރަކީ އިމޭޖަސް އެމްވީއެވެ. އަދި ޑިޖިޓަލް ޕާޓްނަރަކީ ދިރާގެވެ.

މިއަހަރުގެ މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ. "ވަން ސްޕޯޓްސް" އިން މުބާރާތުގެ އެންމެ ފަހުގެ މައުލޫމާތު ގެނެސްދެމުންދާނެއެވެ.

  • 17:00 ކިންގް އެސްސީ - އަފޭން
  • 20:15 ސޭންޑްސް އޮފް ލާމު - ކިއުއެމް ސްޕޯޓްސް އެކަޑެމީ
  • 21:15 މުންޑޫ ޒުވާނުންގެ ޖަމިއްޔާ - ބީޖީއެސްސީ
  • 22:15 ފޮއިމަތި އެސްސީ - ބެސްޓް ބޯއީސް