ދުނިޔޭގެ އެންމެ ބޮޑު ކްރިކެޓް ލީގު، އިންޑިއާގެ އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގެ ތަށި ކަލްކަތާ ނައިޓް ރައިޑާސްއިން އުފުލާލައިފިއެވެ.

ކަލްކަތާ ނައިޓް ރައިޑާސްއިން އައިޕީއެލްގެ ތަށި ރޭ ޔަގީން ކުރީ ސައިރައިސް ހައިދްރައާބާދު ކައިރިން ފަސޭހަ މޮޅެއް ހޯދައިގެންނެވެ. ކަލްކަތާއިން ރޭ މޮޅުވީ އަށް ވިކެޓުންނެވެ. ޗެންނާއީގައި ރޭ ހޯދި މޮޅާއެކު ކަލްކަތާއިން ރޭ އުފުލާލައި ތިންވަނަ އައިޕީއެލް ތަށްޓެވެ. އަދި އެއީ 2014 ވަނަ އަހަރަށްފަހު އެޓީމުން އައިޕީއެލް ކާމިޔާބު ކުރި ފުރަތަމަ ފަހަރުވެސް މެއެވެ. ކަލްކަތާއިން މިފަހަރު ލީގުގައި ކުޅުނު 16 މެޗުގެ ތެރެއިން އެޓީމު ބަލިވީ އެންމެ ތިން މެޗުންނެވެ.

ޗިދަމްބަރާމް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ޓޮސް ދިމާވުމުން ހައިދަރުއާބާދުން ނިންމީ ކުޅެން އަރާށެވެ. އުކަން ނުކުމެ ކަލްކަތާއިން ތަފާތު ދައްކާފައިވެއެވެ. ކަލްކަތާއިން އުކަން އެރި ކޮންމެ ކުޅުންތެރިޔަކުވެސް ރޭ ވިކެޓެއް ނަގާފައިވާ އިރު، އަންދްރޭ ރަސަލް ވަނީ ތިން ވިކެޓް ނަގައިފައެވެ. އަދި ސްޓާކާއި ހާޝިޓް ރަނާ ވަނީ ކޮންމެ ކުޅުންތެރިޔަކު ދެ ވިކެޓް ނަގައިފައެވެ.

ހައިދްރައާބާދަށް 18.3 އޯވަރު ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 113 ލަނޑެވެ. އެންމެ ގިނަ ލަނޑު ހަދައިދިން ކެޕްޓަން، ޕެޓް ކަމިންސް ވަނީ 19 ބޯޅައިން 24 ލަނޑު ހަދައިފައެވެ.

ޖަވާބުގައި ކުޅެން އަރައި ކަލްކަތާއިން 10.3 އޯވަރުގެ ތެރޭގައި 114 ލަނޑު ހަމަކޮށް، މެޗު ކާމިޔާބުކުރިއެވެ. އެއީ ދެ ކުޅުންތެރިން ނުބައިވެގެންނެވެ. ކަލްކަތާގެ ވެންކަޓޭޝް އިޔާ ވަނީ 26 ބޯޅައިން 52 ލަނޑު، ނުބައިނުވެ ހަދައިފައެވެ. އަދި ރަހުމާނުﷲ ގުރުބާޒް ވަނީ 32 ބޯޅައިން ނުބައިނުވެ، 39 ލަނޑު ހަދައިފައެވެ.