ސިނަމާލެ ބްރިޖާ ދިމާ ކަނޑުމަތިން އޮޔާ ދަނިކޮށް ފެނުނީ ބިދޭސީ އަންހެނެއް ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ސިނަމާލެ ބްރިޖާ ދިމާލު ކަނޑުމަތިން މީހަކު އޮޔާދަނިކޮށް މިދިޔަ ހޮނިހިރު ދުވަހު ފެނުނީ އެ ސަރަހައްދުން ދުއްވާފައި ދިޔަ ލޯންޗަކަށެވެ. އެކަން ފުލުހުންނަށް ރިޕޯޓް ކުރީ އެ ދުވަހުގެ މެންދުރު 12:35 ހާއިރެވެ.

ނަމަވެސް އޭނާ ނަގައިގެން އައިޖީއެމްއެޗް އަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް އެ ހޮސްޕިޓަލުން "ވަން" އަށް މައުލޫމާތު ދިނެވެ. އެއީ އަންހެނެއްކަންވެސް ހޮސްޕިޓަލުން ކަށަވަރުކޮށްދިނެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، އެއީ ބިދޭސީ އަންހެނެއްކަން ޔަގީން ކުރެވިފައިވާ ކަމަށެވެ. ނަމަވެސް އޭނާގެ އުމުރެއް އަދި އިތުރު ތަފުސީލެއް އަދިވެސް ނުދެއެވެ.