ރާއްޖެއާއެކު މިނިވަން ވިޔަފާރީގެ އާ އެއްބަސްވުން ގާއިމްކުރުމަށް އިންޑިއާއިން ޝައުގުވެރިކަން ފާޅު ކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އިކޮނޮމިކް މިނިސްޓްރީގެ މަސައްކަތްތަކާ ބެހޭގޮތުން މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި މިނިސްޓަރު ސައީދު ވިދާޅުވީ، އިންޑިއާ އިސްވެ އެފަދަ އެގްރިމެންޓަކަށްދާން ޝައުގުވެރިވާކަން އެ ގައުމުން ހުށަހެޅީ ވަރަށް ފަހުން ކަމަށެވެ.

"އަޅުގަނޑު ވަރަށް ފަހުން އިންޑިއާއާއެކު ކުރި މަޝްވަރާތަކެއްގައި ހަމަ އެބޭފުޅުން އިސްވެ ބޭނުންވޭ ދިވެހި ރާއްޖެއާއެކު ފްރީ ޓްރޭޑް އެގްރީމެންޓެއް އޮންނަން ވަކިން ހަމަ ސަފްޓާގެ އިތުރަށްވެސް،"

ސަފްޓާ އަކީ ދެކުނު އޭޝިއާގެ ގައުމުތަކުގެ މެދުގައި 2004 ވަނަ އަހަރު ގާއިމްކުރި މިނިވަން ވިޔަފާރީގެ އެއްބަސްވުން (ސައުތު އޭޝިއަން ފްރީ ޓްރޭޑް އެގްރީމެންޓް) އެވެ.

މި ސަރަހައްދު އިގުތިސޯދީ ގޮތުން ބާރުވެރިކޮށް ވިޔަފާރިއަށް ފަހިކުރުމުގެ ގޮތުން ސޮއިކުރި އެ އެއްބަސްވުމުގައި ރާއްޖޭގެ ބައިވެރިވުން ހިމެނެއެވެ.

މިނިސްޓަރު ވިދާޅުވީ، މިހާރު ޗައިނާއާއެކު ގާއިމްކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް މިއަހަރު ތެރޭގައި އަމަލުކުރަން ފެށޭނެ ކަމަށެވެ.

މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ޗައިނާއާއެކު ރާއްޖެއިން ސޮއިކުރީ 2014 ވަނަ އަހަރުއެވެ. އެއްބަސްވުމަށް އަމަލުކުރުމަށް 2017 ވަނަ އަހަރު މަޖިލީހުން ރުހުން ލިބިފައިވާ އިރު 2018 ވަނަ އަހަރު ސަރުކާރު ބަދަލުވުމާއެކު އެ އެއްބަސްވުމަށް އަމަލުކުރުން އޮތީ މަޑުޖެހިފައެވެ.

ނަމަވެސް މިނިސްޓަރު މިއަދު ވިދާޅުވީ ޗައިނާއާ އެކު ހަދާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަން ފެށުމަށްޓަަކައި މަޖިލީހުގެ މަޖިލިސް ހުޅުވުނުހާ އަވަހަކަށް އެ މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހަޅުއްވާނެ ކަމަށެވެ.

މި އެއްބަސްވުމުގެ ދަށުން ރާއްޖެއިން 296 ބާވަތެއްގެ ސީފުޑް ޗައިނާއަށް އެއްވެސް ޓެރިފަކާ ނުލައި އެކްސްޕޯޓުކުރެވޭނެ ކަމަށާއި އެކަމުގެ ސަބަބުން ދިވެހ ވިޔަފާރިވެރިންނަށް ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.