ފުލުހުންގެ ކޮމިޝަންޑް އޮފިސަރުންނަކީ ހަމައެކަނި މަގާމުގެ ކުރިއެރުމެއް ހޯދުމުގެ ނިޔަތުގައި ތިބޭ ބަޔަކަށް ނުވެ، އަމަލީ މައިދާނުގައި ގާބިލު ލީޑަޝިޕެއް ދައްކައި ބޮޑެތި ޒިންމާތައް އުފުލާ ބަޔަކަށް ވުމަށް ޕޮލިސް ކޮމިޝަނަރު އަހުމަދު މުހައްމަދު ގޮވާލައްވައިފިއެވެ.
ސީޕީ މިކަމަށް ގޮވާލެއްވީ، ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް (އެންސީޕީއެލްއީ) އިން ހިންގި ހަވަނަ އިންސްޕެކްޓާ ކޯސް ނިންމުމަށް އިސްކަންދަރު ބިލްޑިންގައި އިއްޔެ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުންނެވެ.
ނުވަ މޮޑިއުލްގެ މައްޗަށް އެކުލަވާލައިގެން ކުރިއަށްގެންދިޔަ މި ތަމްރީނު 35 އޮފިސަރަކު ވަނީ ފުރިހަމަކޮށްފައެވެ.
ސީޕީ ވިދާޅުވި ގޮތުގައި، މި އޮފިސަރުންނަކީ ނަން-ކޮމިޝަންޑް ރޭންކުތަކުން ކޮމިޝަންޑް އޮފިސަރެއްގެ ގިންތިއަށް ބަދަލުވުމުގެ މަރުހަލާ ފުރިހަމަކޮށް، މުއައްސަސާގެ އިސް ލީޑަޝިޕްގެ ޒިންމާތަކާ ހަވާލުވުމަށް ތައްޔާރުވެފައިވާ ބައެކެވެ. މިއީ މުއައްސަސާގެ މުސްތަގުބަލުގެ ލީޑަރުން ބިނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ފާހަގަކުރެއްވިއެވެ.
ފުލުހުންގެ ތަމްރީނުތަކަށް މުއައްސަސާއިން ކުރާ ބޮޑެތި އިންވެސްޓްމަންޓްތަކާއި ހޭދައަށް އަލިއަޅުއްވައިލައްވަމުން ސީޕީ ވިދާޅުވީ، ރާއްޖެއާއި ރާއްޖެއިން ބޭރުން ލިބޭ މިފަދަ ފުރުސަތުތަކުގެ ބޭނުން ހިފަންވާނީ ރައްޔިތުންނަށް އިހުލާސްތެރިކަމާއެކު ހިދުމަތްކުރުމުގެ ހެޔޮ ނިޔަތުގައި ކަމަށެވެ. މީގެ އިތުރުން، ފުލުހުންގެ ހިދުމަތަކީ ވަގުތީ ގޮތުން މަޑުކޮށްލާ ބަނދަރަކަށް ނުހަދައި، މުއައްސަސާގެ ފެންވަރު ދަމަހައްޓައި ދިގު މުއްދަތަކަށް ހިދުމަތުގައި ދެމިތިބުމަށް ހުރިހާ ފުލުހުންނަށް ސީޕީ އިލްތިމާސްކުރެއްވިއެވެ.
މުވައްޒަފުން ތަމްރީނުކޮށް، އިލްމާއި ހުނަރުގެ ފެންވަރު މަތިކުރުމަކީ އެ މުއައްސަސާއިން ކޮންމެ ދުވަހަކުވެސް ހާއްސަ އިސްކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތެއްކަން ފާހަގަކުރައްވަމުން، ސީޕީ ވިދާޅުވީ ދިވެހި ފުލުހުންގެ ހިދުމަތް ވެގެންދާނީ އިލްމީ ގޮތުން ގާބިލު، ހުނަރުވެރި، އަދި ރައްޔިތުން އިތުބާރުކުރާ ފަދަ ތަޖުރިބާކާރު ފުލުހުން ތިބި މުއައްސަސާއަކަށް ކަމަށެވެ.
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް
ކޮމެންޓް