އިންޑިއާގެ ކެމިކަލް ފެކްޓްރީއެއް ރޯވެ އަށް މީހަކު މަރުވެއްޖެއެވެ.

އިންޑިއާގެ މަހާރާސްޓްރާގައި ހުރި ކެމިކަލް ފެކްޓްރީ ރޯވެފައިވަނީ ބާރުގަދަ ގޮވުމަކަށް ފަހު ކަމަށް އޮފިޝަލުން ބުނެއެވެ.

އިއްޔެ ރޯވި ކެމިކަލް ފެކްޓްރީއިން އަށް މީހުން މަރުވެފައިވާ އިރު 60 އަށް ވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާ ވެފައިވާ ކަމަށް އޮފިޝަލުންނާ ހަވާލާދީ މީޑިއާތަކުން ބުނެއެވެ.

ރެސްކިއު ޓީމުތަކުން ވަނީ އެ ފެކްޓްރީ ރޯވެ އެއިމާރާތް ވެއްޓިފައިވުމުން އޭގެ ދަށުގައި މަރުވެފައިވާ މީހުންގެ ހަށިތައް ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޮފިޝަލުން ބުނެއެވެ.

ފެކްޓްރީގެ ބޮއިލަރު ގޮވައި ހިނގި އެހާދިސާގައި އެސަރަހައްދުގައި ހުރި އެހެން ފެކްޓްރީތަކާއި އާންމުން ދިރިއުޅޭ ގެތަކަށް ވެސް ބޮޑެތި ގެއްލުން ވެފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.

މަރުވި މީހުންގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑު މިހާރު ދެނެގަނެވިފައިވާ އިރު އަނދާފައިވުމުގެ ސަބަބުން އެހެން މީހުން ދެނެގަތުމުގައި އުނދަގޫތަކެއް ހުރިކަމަށް އޮފިޝަލުން ބުނެއެވެ.

އިންޑިއާގެ ފުލުހުން ވަނީ މިހާތަނަށް ބެލި ބެލުމުން އެފެކްޓްރީގައި ކެމިކަލް ގެންގުޅެން ޖެހޭ ގަވާއިދުތަކާ ހިލާފަށް އަމަލުތައް ބަހައްޓާފައިވާކަން ފާހަގަވެފައިވާ ކަމަށް ބުނެފައެވެ. އަދި އިތުރަށް ތަހުގީގު ކުރިޔަށް ދާކަމަށް ފުލުހުންނާ ހަވާލާދީ އެގައުމުގެ މީޑިއާތަކުން ބުނެއެވެ.