ޖަރުމަނުގެ އެންމެ ކާމިޔާބު ކްލަބު، ބަޔާން މިއުނިކުން ކޯޗަކު ހޯދަން ކުރަމުން އަންނަ މަސައްކަތުގައި ވިންސެންޓް ކޮމްޕެނީއާ ކުރަމުން އަންނަ މަޝްވަރާތައް އިތުރު މަރުހަލާއަކަށް ކުރިއަށް ގޮސްފިއެވެ.
މިދިޔަ ސީޒަނުގައި ބާންލީއާ ހަވާލުވެ ހުރި ކޮމްޕެނީ ގެންދަން ބަޔާނުން މިހާރު މަޝްވަރާ ކުރަމުންދަނީ ބާންލީއާ ކަމަށް ނޫސްތަކުން ބުނެފައިވެއެވެ. ކޮމްޕެނީން ބަޔާންގެ ކޯޗުކަަން ބޭނުންވެ ހުށަހަޅާފައިވާ އިރު، ބަޔާނުން މިހާރު ބާންލީއާ މަޝްވަރާ ކުރަމުންދަނީ ކޮމްޕެނީ ގެންދަން ދެ ފަރާތް އެއްބަސްވާ އަގެއް ހޯދުމަށެވެ. އެއީ 2023 ވަނަ އަހަރު ބާންލީ އާއެކު ފަސް އަހަރަށް ކޮމްޕެނީ ހަދާފައި އޮތް އެއްބަސްވުން އުވާލަން ޖެހޭތީއެވެ.
ބާންލީ މި ސީޒަނުގައި ޕްރިމިއާ ލީގުން ރެލިގޭޓްވި ނަމަވެސް، ކޮމްޕެނީއަށް އެކަމުގައި ފާޑުކިޔުންތައް އަމާޒުވެފައެއް ނުވެއެވެ. ބާންލީގެ ކުރިން ކޮމްޕެނީ މަސައްކަތް ކުރީ އަންދަރްލެޗްގައެވެ. އެ ކްލަބާއެކު ކުރި މަސައްކަތަށް ވަނީ ތައުރީފު ލިބިފައެވެ.
ބަޔާންގައި މި ސީޒަނުގައި ހުރި ކޯޗު ތޯމަސް ޓުޗެލް ސީޒަން ނިމުމުން އެ ކްލަބާ ދުރަށް ގޮސްފައިވާ އިރު، ބަޔާނުން ފުރަތަމަ މަސައްކަތް ކުރީ ޓުޗެލް މަޑުކުރުވާށެވެ. ނަމަވެސް އެކަން ކާމިޔާބެއް ނުވިއެވެ. އޭގެފަހުން ބަޔާނުން ވަނީ މި ސީޒަނުގައި ބަޔާން ލެވަކޫސަން އާއެކު ލީގު ހޯދި ޒަބީ އެލޯންސޯއާއި ޖަރުމަނުގެ ގައުމީ ޓީމުގެ ކޯޗު، ކުރީ ބަޔާން މިއުނިކްގެ ކޯޗު ޖޫލިއަން ނާގެލްސްމަން އާއި އޮސްޓްރިއާ ކޯޗު ރާފް ރަންގްނިކަށްވެސް އެ ކްލަބުގެ ކޯޗުކަން ހުށަހަޅައިފައެވެ. ނަމަވެސް އޭގެން އެއްވެސް ކޯޗަކު ބަޔާންގެ ކޯޗުކަން ގަބޫލުނުކުރި ކަމަށް ނޫސްތައް ބުނެއެވެ.
ކޮމްޕެނީއަކީ ކުޅުންތެރިއެއްގެ ގޮތުގައި މެންޗެސްޓާ ސިޓީ އާއެކު ހަތަރު ފަހަރަށް ލީގު ހޯދާފައިވާ ކޯޗެކެވެ. އޭނާ ބާންލީގެ ކޯޗުކަމާ ހަވާލުވީ 2022 ވަނަ އަހަރު ޖޫންގައެވެ.
ބަޔާން މިއުނިކް
ބަޔާން މިއުނިކް
ބަޔާން މިއުނިކް
ބަޔާން މިއުނިކް