ސައްހަ ނޫން ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރަމުން ދިޔަ މައްސަލައިގައި ދައުވާ ކޮށްފައިވާ ހުސެއިން ޝިފާއު ސަރުކާރުގައި އަދާކުރަމުންދިޔަ މަގާމުން ވަކިކޮށްފިއެވެ.
އޭނާ މި ސަރުކާރުގައި އައްޔަން ކުރީ އެނިމަލް ވެލްފެއާ މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމަށް، މީގެ ހަތަރު ވަރަކަށް ދުވަސް ކުރިންނެވެ.
ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވަނީ ޝިފާއު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް "ވަން" އަށް ކަށަވަރުކޮށްދެއްވައުފައެވެ.
ހީނާ ވިދާޅުވީ، ޝިފާއު އެ މަގާމަށް ހަމަޖެއްސި އިރު، އޭނާއަށް ތުހުމަތުކުރާ ކަންކަމުގެ މައުލޫމާތުތައް ހުރީ ނުލިބި ކަމަށާއި ދައުވާތަކުގެ ތަފްސީލް ލިބުމާ އެކު އޭނާ މިއަދު މަގާމުން ވަކިކޮށްފައިވާ ކަމަށެވެ.
"ކިންގްޑަމް އޮފް ފުރުޓްސް" ކިޔާ އަމިއްލަ މީހެއްގެ ވިޔަފާރިއެއް މެދުވެރިކޮށް، ރާއްޖެއަށް މޭވާއި ތަރުކާރީ އެތެރެކުރި މައްސަލައިގައި ފުލުހުން ޝިފާއު ހައްޔަރުކުރީ މިދިޔަ މާޗު މަހުގެ 28 ވަނަ ދުވަހުއެވެ. އޭނާގެ ބަންދަށް ފުރަތަމަ ޖެހީ 30 ދުވަހެވެ. ނަމަވެސް ދެވަނަ ފަހަރަށް ބަންދާމެދު ގޮތެއް ނިންމުމަށް މިދިޔަ އަހަރުގެ މެއި 27 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އޭނާ ބަންދުން ދޫކޮށްލިއެވެ. އެ މައްސަލަ އިސްތިއުނާފް އިސްތިއުނާފް ކުރިއިރު އޭނާ ވަނީ ރާއްޖެ އިން ބޭރަށް ފުރައިފިއެވެ.
އެ މައްސަލާގައި ފުލުހުންގެ އޭނާ ހޯދަން އިންޓަޕޯލްގެ ރެޑް ނޯޓިސް ނެރުމުން ޝިފާއު އަމިއްލަ އަށް ރާއްޖެ އައުމުން އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމަށް ފަހު ވަނީ ޝަރުތުތަކާއެކު ދޫކޮށްލާފައެވެ.
ދައުލަތުން ޝިފާއުއަށް އުފުލި ދައުވާތަކުގެ ތެރޭގައި ހިމެނެނީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ ދަށުން އެނގި ހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ ނުވަ ދައުވާއަކާއި ގާނޫނުލްއުގޫބާތުގެ ދަށުން މަކަރާއި ހިލާތް ހެދުމުގެ ހަތް ދައުވާއެއްގެ އިތުރުން މަނީ ލޯންޑަރިންގެ ހަތް ދައުވާއެކެވެ.
ޕީޖީ އޮފީހުން ބުނި ގޮތުގައި ޝިފާއު އެ ކުށް ހިންގާފައިވަނީ އިތުރު މީހަކާ ބައިވެރިވެގެން އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް ކަމަށްވާ "ކިންގްޑަމް އޮފް ފްރުޓްސް" މެދުވެރިކޮށް ރާއްޖެއިން ބޭރުގެ ކުންފުނިތަކުން މުދާ ރާއްޖެ އެތެރެކޮށް އެ މުދަލަށް އެ ކުންފުނިތަކަށް ދައްކަންޖެހޭ ފައިސާގެ ސައްހަ ނޫން ލިޔުން އުފައްދައި ހުށަހަޅައިގެންނެވެ. އެގޮތުން މި މައްސަލައިގައި ހިމެނޭ ފައިސާގެ އަދަދު 123،844.54 އެމެރިކާ ޑޮލަރު (1.9 މިލިއަން ދިވެހި ރުފިޔާ) އަށް އަރާ ކަމަށްވެސް އެ އޮފީހުން ބުނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު