ސަރުކާރުގެ ސުިޔާސީ މަގާމުތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބަދަލު ގެންނަވަމުން ގެންދަވަނީ، ސަރުކާރު ހިންގުން ހަރުދަނާ ކުރައްވައި، އެމަނިކުފާނަށް ފަސޭހަ ކުރެއްވުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފިއެވެ.

މިދުވަސްވަރު ބައެއް ސިޔާސީ މަގާމުތަކުން މީހުން ވަކިކުރެއްވުމާއި ބައެއް ސިޔާސީ މަގާމުތައް ބަދަލު ކުރެއްވުމުގެ ކަންތައްތައް ކުރިއަށްދާތީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި އެކަމާބެހޭ ގޮތުން ނޫސްވެރިން ވަނީ ސުވާލު ކޮށްފައެވެ.

އެގޮތުން ބައެއް ސިޔާސީ ފަރާތްތައް ސަސްޕެންޑްކޮށް ބައެއް ފަރާތްތައް ވަކިކުރަމުންދަނީ ކޮރަޕްޝަންގެ ތުހުމަތުގައި ތޯ އާއި ހާއްސަކޮށް އެމްއެމްޕީއާރުސީގެ ކޮރަޕްޝަން ވާހަކަތައެއް ފެންމަތިވެފައިވާ އިރު، އެތަނުގެ މެނޭޖިން ޑިރެކްޓަރު ފާތިމަތު ތައުފީގު (ކުޑީ) ވަކި ކުރެއްވީ ކޮރަޕްޝަންގެ މައްސަލައިގަތޯ ވެސް ނޫސްވެރިއަކު ސުވާލު ކުރިއެވެ.

އެސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު މިއަދު ވިދާޅުވި، ސަރުކާރު ހިންގުމުގައި ރައީސުލްޖުމްހޫރިއްޔާއަށް ފަސޭހަފުޅުވާ ގޮތަށް ކަންކަން ބައްޓަން ކުރެއްވުމަކީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ބާރެއް ކަމަށެވެ. އޭގެ ތެރޭގައި ކުންފުނިތަކަށް މީހުން އައްޔަންކުރުމާއި ބަދަލު ކުރުމާއި ދައުލަތުގެ ވުޒާރާތަކަށް މީހުން އައްޔަން ކުރުމާއި ބަދަލު ކުރުން ހިމެނޭ ކަމަށްވެސް ވިދާޅުވިއެވެ.

"އެގޮތުގެމަތިން ސަރުކާރު ހިންގުމަށް އެމަނިކުފާނަށް ބޭނުންފުޅުވާ ކަންކަން ފަސޭހަފުޅު ކުރެއްވުމަށްޓަކައި ނުވަތަ އިތުރަށް ހަރުދަނާކޮށް ރަނގަޅު ކުރެއްވުމަށްޓަކައި ކުރައްވަންޖެހޭ ކަންކަން އެމަނިކުފާނު އަބަދުވެސް ކުރައްވަމުން ގެންދަވާނެ،" ހީނާ ވިދާޅުވިއެވެ.

މިދުވަސްވަރު ދަނީ ސަރުކާރުގެ ބައެއް ސިޔާސީ މަގާމުތަކަށް ބަދަލު ގެންނަމުންނެވެ. އެގޮތުން ފާހަގަކޮށްލެވޭ ބައެއް މަގާމުތަކުގެ ތެރެއިން، އެޗްޑީސީގެ ޗެއާމަން ކަމުގެ މަގާމުން އަހުމަދު ޒުހޫރު އަދި މިފްކޯގެ ސީއީއޯ ކަމުގެ މަގާމުން އަހުމަދު ސަމާހު އަދި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ފާތިމަތު ތައުފީގު (ކުޑީ) ވަނީ ވަކި ކުރައްވައިފައެވެ. ނަމަވެސް އޭގެ ތެރެއިން ސަމާހު ވަނީ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް އައްޔަން ކުރައްވައިފައެވެ. މީގެ އިތުރުން އެކި އެކި ސަބަބުތަކާހުރެ ބައެއް ސްޓޭޓް މިނިސްތަރުން ވަނީ ސަސްޕެންޑްވެސް ކުރައްވައިފައެވެ.