ރާއްޖެއަށް މިދުވަސްވަރު ބޯކޮށް ވާރޭވެހި ވައި ގަދަވާތީ، ފަޅު ރަށްރަށާއި ފިނޮޅު ފަދަ ތަންތަނަށް ދަތުރު ނުދިއުމަށާއި މޫދަށް ނޭރުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ މި ދުވަސްވަރަކީ ކަނޑުގަދަ، ވިއްސާރަ ދުވަސް ވަރަކަށް ވުމާއެކު، ކޮންމެހެން ކުރަން ޖެހިއްޖެ ހާލަތުގައި މެނުވީ ކަނޑުދަތުރު ނުކުރުމަށް އެދޭ ކަމަށެވެ. އަދި ދަތުރުކުރަން ޖެހިއްޖެ ހާލަތުގައި ވެސް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށާއި ކުދި އުޅަނދުގައި ދަތުރުނުކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.

އޭގެ އިތުރުންވެސް ސިނަމާލެ ބްރިޖު އަދި ހައިވޭއިން ދަތުރުކުރާ އިރު، ހުރިހާ ފަރާތްތަކެއްގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލައިގެން އުޅަނދު ދުއްވުމަށް ވެސް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.

މެޓް އޮފީހުން މިއަދު ބުނި ގޮތުގައި މިއަދު ވިލާގަނޑުގައި 60 މޭލަށް ވައިގަދަވާނެ ކަމަށެވެ. އަދި ވަނީ ރާއްޖޭގެ ހަ އަތޮޅަކަށް އޮރެންޖް އެލާޓް ވެސް ނެރިފައެވެ.

އޮރެންޖް އެލާޓް ނެރެފައިވަނީ ބ. އަތޮޅުން ވ. އަތޮޅަށެވެ. މެޓުން ބުނީ އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހި ގަޑިއަކު 34 މޭލާއި 40 މޭލާ ދެމެދު ވައި ޖެހޭނެ ކަމަށާއި އަދި ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވެ ކަނޑުތައް ވެސް ވަރަށް ގަދަވާނެ ކަމަށް ލަފާކުރާ ކަމަށެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީންނާއި ފުލުހުންނާއި ކަމާ ބެހޭ އިދާތާތަކުން ތަކުރާރުކޮށް މޫސުމަށް ބަލައިގެން ދަތުރުތައް ކުރުމަށާއި ދަތުރުތައް ކުރާނަމަ ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ދަތުރުކުރުމަށް ވަނީ އިރުޝާދު ދީފައެވެ.