ދަތުރުކުރައްވަމުން ގެންދެވި ހެލިކޮޕްޓަރު ވެއްޓި ހިނގި ހާދިސާގައި އަވަހާރަވެފައިވާ އީރާންގެ ރައީސް ޑރ. އިބްރާހީމް ރައީސީ އަދި ފޮރިން މިނިސްޓަރު ހުސައިން އަމީރު އަބްދުﷲ ގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ސިޓީސް، ލޯކަލް ގަވަރުމަންޓް އެންޑް ޕަބްލިކް ވޯކްސް، މިނިސްޓަރު އާދަމް ޝަރީފު މިރޭ އީރާންއަށް ފުރާވަޑައިގެންފިއެވެ.
ރައީސް އޮފީހުން މިރޭ ބުނީ ރައީސީ އާއި އަމީރު އަބްދުﷲ އަށް އެންމެ ފަހުގެ އިހުތިރާމު އަދާކުރެއްވުމަށާއި އެ ދެ ބޭފުޅުން ފަސްދާނުލުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު އާދަމް ޝަރީފު ބައިވެރިވެވަޑައިގަންނަވާނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މަންދޫބެއްގެ ގޮތުން ކަމަށެވެ.
އީރާންގެ ރައީސް އަދި އެ ގައުމުގެ ފޮރިން މިނިސްޓަރު އަވަހާރަވުމުން ރައީސް މުއިއްޒު ވަނީ ތައުޒިޔާ ފޮނުއްވައިފައެވެ.
ރައީސް މުއިއްޒު ވިދާޅުވެފައިވަނީ ރައީސީ އަވަހާރަވުމަކީ ލިބިވަޑައިގެންނެވި ބޮޑު ހިތާމައެއް ކަމަށާއި ރައީސީ ހިމެނިވަޑައިގަންނަވާ ގޮތަށް އެ ހާދިސާގައި އަވަހާރަވި ހާރިޖީ ވަޒީރު އަބްދުﷲ އާއި އެހެން ފަރާތްތަކުގެ ފުރާނަފުޅަށް ބަރަކާތް ލައްވައި ޖަންނަތުލް ފިރުދައުސްގައި ލެއްވުން އެދި ދުއާ ދަންނަވާ ކަމަށެވެ.
ރައީސީ ދަތުރު ކުރައްވަމުން ގެންދެވި ހެލިކޮޕްޓަރު މިދިޔަ އާދީއްތަ ދުވަހު ވެއްޓުނީ އީރާން އާއި އަޒަރްބައިޖާން ގުޅޭ ބޯޑަރު ކައިރީގައި އޮންނަ އަވަށަކަށެވެ. އީރާންގެ ރެޑްކްރެސެންޓުން ބުނި ގޮތުގައި ހެލިކޮޕްޓަރު އޮތީ އެއްކޮށް އަނދައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު