ރެއާލް މެޑްރިޑްގެ ޖަރުމަން މިޑްފީލްޑަރު ޓޯނީ ކްރޫސް، ކުރިއަށް އޮތް ޔޫރޯ 2024 އަށްފަހު ފުޓްބޯޅައިން ރިޓަޔާވާނެ ކަމަށް އިއުލާންކޮށްފިއެވެ.
އުމުރުން 34 އަހަރުގެ ކްރޫސް ޔޫރޯއަށްފަހު ރިޓަޔާކުރާނެ ކަމަށް އޭނާ މިއަދު ވަނީ ރަސްމީކޮށް އިއުލާންކޮށްފައެވެ. ކްރޫސް މިއަދު ޕޯސްޓް ކުރި މެސެޖުގައި ބުނެފައިވަނީ އަބަދުވެސް ބޭނުންވަނީ ކެރިއަރުގެ ޕީކުގައި ކެރިއަރު ނިންމާލަން ކަމަށާއި މިއީ އެންމެފަހު މުބާރާތްކަން ޔަގީންކުރާ ކަމަށެވެ.
"އަހަރެން އަބަދުވެސް ބޭނުންވަނީ ކެރިއަރުގެ އެންމެ އުހުގައި ސީޒަން ނިންމާލަން. އަހަރެން އުފާވޭ އަހަންނަށް އެންމެ ރަނގަޅު ފެންވަރުގައި ކެރިއަރު ނިންމާލެވޭތީ. އަހަރެން ނިންމުން ނިންމީ އަލިއްލައަށް ގިނަ ކަންތައްތަކެއް ވިސްނާފައި،" ކްރޫސް ބުންޏެވެ.
ކްރޫސް މީގެ ކުރިންވެސް ގައުމީ ޓީމަށް ކުޅުން ހުއްޓާލިއެވެ. 2021 ވަނަ އަހަރު ގައުމީ ޓީމަށް ކުޅުން ހުއްޓާލި ނަމަވެސް، މިހާރުގެ ހެޑް ކޯޗު، ޖޫލިއަން ނާގެލްސްމަންއާ ވާހަކަ ދެއްކުމަށްފަހު އަލުން އެނބުރި ގައުމީ ޓީމަށް ނުކުތީ މާޗު މަހުގައެވެ. އޭގެ ފަހުން ކްރޫސް ކުޅުނު ދެ މެޗުގައިވެސް އޭނާ ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. އެހެންކަމުން ޔޫރޯ ސްކޮޑުގައިވެސް ކޯޗު އޭނާ ހިމަނާފައިވެއެވެ.
ކްރޫސްގެ ކެރިއަރު ފެށީ އުމުރުން 17 އަހަރު ޖަރުމަނުގެ ބަޔާން މިއުނިކުންނެވެ. އެއީ 2007 ވަނަ އަހަރުއެވެ. ފުރަތަމަ ތިން ސީޒަނުގައި ޖަރުމަނު ލީގު ކާމިޔާބުކުރި ކްރޫސް، 2013 ވަނަ އަހަރު ޗެމްޕިއަންސް ލީގުވެސް ބަޔާނާއެކު ކާމިޔާބު ކުރިއެވެ. ކްރޫސް، 10 އަހަރުގެ ކެރިއަރު ނިންމާލައި ރިޓަޔާކުރާނީ ރެއާލް މެޑްރިޑްގައެވެ.
ބަޔާނަށްފަހު ރެއާލް މެޑްރިޑަށް ގޮސް ކްރޫސް، އެ ކްލަބާއެކު ވަނީ ހަތަރު ފަހަރަށް ލީގު އަދި ޗެމްޕިއަންސް ލީގުވެސް ކާމިޔާބުކޮށްފައެވެ. ކްރޫސް ރިޓަޔާ ވެގެންދާނީވެސް ދުނިޔޭގައި ހުރި އެންމެ ކުޅަދާނެ، އެންމެ މޮޅު އެއް މިޑްފީލްޑަރުގެ ގޮތުގައެވެ.
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް