ދެ މަސް ދުވަހުގެ ތެެރޭގައި މާލޭ ހެދި ގޮނޑުދޮށް ބީޗު ސަރަހައްދުގެ ތިން ނަންބަރު ފުޑްކޯޓް ނުވަތަ އެވަރުގެ ބިމެއް ގ. ސައުތު ބްރީޒް ހުސެއިން ނިޔާޒަށް ދިނުމަށް ޕްލޭނިން މިނިސްޓްރީއާއި މާލޭ ސިޓީ ކައުންސިލް އިދާރާގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމް ދައުލަތުން ހައިކޯޓަށް ހުށަހަޅައިފިއެވެ.

މި މައްސަލައަކީ ތިން ނަންބަރު ފުޑްކޯޓް ނިޔާޒަށް ކުއްޔަށް ދިނުމަށް 15 އޮކްޓޯބަރު 2012 ގައި ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަނުވަނީސް އެ އެއްބަސްވުމާ ހިލާފަށް ޕްލޭނިން މިނިސްޓްރީން އެއްބަސްވުން ބާތިލުކުރުމާ ގުޅިގެން އެ މިނިސްޓްރީއާއި މާލޭ ސިޓީ ކައުންސިލުގެ އިދާރާއާ ދެކޮޅަށް ނިޔާޒު ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެވެ.

ނިޔާޒު ކޯޓަށް ހުށަހެޅި މައްސަލައިގައި އެދިފައިވަނީ، އެއްބަސްވުމުގެ ދަށުން ހަވާލުކުރި ތިން ނަންބަރު ފުޑްކޯޓް އަލުން އަނބުރާ 10 އަހަރުގެ މުއްދަތަށް، އޭނާ ހުށަހަޅާފައިވާ ޕްރޮޕޯސަލްއާ އެއްގޮތަށް ތަރައްގީކުރުމަށް ހަވާލު ކޮށްދިނުމަށާއި އެ ބިން އެ ފަރާތާ ހަވާލު ކުރެވޭނެ ހާލަތެއް ނެތް ނަމަ، އޭނާ ހުށަހަޅާފައިވާ ޕްރޮޕޯސަލްއާ އެއްގޮތަށް ތަރައްގީ ކުރުމަށްޓަކައި، މާލެ ނުވަތަ ހުޅުމާލެ ސަރަހައްދުން އެފަދަ އެހެން ބިމެއް ލިބިދިނުމަށް ޕްލޭނިން މިނިސްޓްރީއާއި މާލޭ ސިޓީ ކައުންސިލުގެ އިދާރާގެ މައްޗަށް އެންގުމަށެވެ.

މި މައްސަލައިގައި ހުށަހެޅިފައިވާ ލިޔުންތަކާއި ދެ ފަރާތުގެ ބަޔާންތަކާއި ފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް ނަޒަރުކުރާއިރު، މާލޭ ސިޓީ ކައުންސިލްގެ އިދާރާ އިން ތިން ނަންބަރު ފުޑްކޯޓް ދޫކުރުމަށްޓަކައި ނިޔާޒްއާއި މާލޭ ސިޓީ ކައުންސިލުގެ އިދާރާއާ ދެމެދު 15 އޮކޮޓޯބަރު 2012 ގައި ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަނުވަނީސް ޕްލޭނިން މިނިސްޓްރީން އެއްބަސްވުމާ ހިލާފަށް އެ އެއްބަސްވުން ބާތިލުކޮށްފައިވާތީ އެއްބަސްވުމުގެ ދަށުން ހަވާލުކުރި ތިން ނަންބަރު ފުޑްކޯޓު އަލުން އަނބުރާ 10 އަހަރުގެ މުއްދަތަށް، ނިޔާޒުގެ ފަރާތުން ހުށަހަޅާފައިވާ ޕްރޮޕޯސަލާ އެއްގޮތަށް ތަރައްގީ ކުރުމަށް ދެ މަސް ދުވަހުގެ ތެރޭގައި އޭނާއަށް ހަވާލުކުރުމަށް އަންގައި އަދި އެ ބިން އޭނާއަށް ހަވާލު ކޮށްދެވޭނެ ހާލަތެއް ނެތް ނަމަ އެއްބަސްވުމުގައި ބުނެފައިވާ ވަރުގެ އެހެން ބިމެއް މާލެ ނުވަތަ ހުޅުމާލެ ސަރަހައްދުން ދެ މަސް ދުވަހުގެ ތެރޭގައި ނިޔާޒަށް ލިބިދިނުމަށް މާލޭ ސިޓީ ކައުންސިލްގެ އިދާރާއާއި ޕްލޭނިން މިނިސްޓްރީގެ މައްޗަށް ހުކުމްކޮށްފައި ވަނީ ހުސްވި މާޗު މަހުގެ 28 ގައެވެ.