ރާއްޖޭގައި އުފެއްދުންތެރިކަން އިތުރުކޮށް ވިޔަފާރި ފުޅާކުރުމުގެ މަގުސަދުގައި ވިޔަފާރިއާއި އުފެއްދުންތެރިކަމަށް އަމާޒުކޮށް "ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު" އެއް ބޭއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ރައީސް އެގޮތަށް ނިންމެވީ ރައީސް އޮފީހުގައި އިއްޔެ ބޭއްވި ކެބިނެޓް ބައްދަލުވުމުގައެވެ. ރައީސް އޮފީހުން މިރޭ ބުނީ ކެބިނެޓުގައި މަޝްވަރާ ކުރެއްވުމަށްފަހު އެ މައުރަޒު ބާއްވަން ނިންމާފައިވަނީ އަންނަ އަހަރުގެ މެއިމަހުގެ ތެރޭގައި ކަމަށެވެ.

އެ މައުރަޒަކީ ވާދަވެރި މާހައުލެއްގައި ބޭއްވޭ މައުރަޒަކަށް ހެދުމަށްޓަކައި އެކި ދާއިރާތަކުން ވާދަކުރެވޭ ގޮތަށް އެ މައުރަޒު ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށާއި އެގޮތުން ކްރިއޭޓިވް އިކޮނޮމީ ޑިސްޓްރިކްޓާއި ޑިޖިޓަލް އެންޑް އިނޮވޭޓިވް ޑިސްޓްރިކްޓާއި އެންޓަޓެއިންމަންޓް ޑިސްޓްރިކްޓް އަދި މާކެޓް ޕްލޭސް ޑިސްޓްރިކްޓް ހިމަނައިގެން އެ މައުރަޒު ބޭއްވުމަށް ނިންމާފައިވާ ކަމަށް ބުންޏެވެ.

ރައީސް އޮފީހުން ބުނީ، އެ މައުރަޒު އިންތިޒާމުކޮށް ހިންގާނީ އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އިން ކަމަށެވެ. އަދި އަހަރުން އަހަރަށް އެ މައުރަޒު ހަރުދަނާ ގޮތެއްގައި ކުރިއަށް ގެންދިއުމަށް މުހިންމު ނިންމެވުންތަކެއް ކެބިނެޓް ލަފާގެ މަތިން ރައީސް ނިންމަވާނެ ކަމަށް ބުންޏެވެ.