އަރްމީނިއާގެ ޔެރެވާންގައި ކުރިއަށްދިޔަ އަރްމީނިއަން ޔޫތު އޯޕަން ބެޑްމިންޓަން މުބާރާތުގައި ވާދަކުރި ރާއްޖޭގެ ލައިބާ އަހުމަދު މަހްލޫފް، އެ މުބާރާތުގެ ދެ ކަޓަގަރީއަކުން މެޑަލް ހޯދައިފިއެވެ.
ރާއްޖޭގައި މިވަގުތު ހުރި އެންމެ މޮޅު އެއް ޖޫނިއާ ބެޑްމިންޓަން ކުޅުންތެރިޔާ ލައިބާ އިއްޔެ ނިމުމު މުބާރާތުގައި މެޑަލް ހޯދީ ޑަބަލްސްގެ ދެ ކެޓަގަރީއަކުންނެވެ. ލައިބާ ރިހި މެޑަލް ހޯދީ 13 އަހަރުން ދަށުގެ އަންހެން ޑަބަލްސް އިވެންޓުންނެވެ. އަދި ލޯ މެޑަލް ހޯދީ، 13 އަހަރުން ދަށުގެ މިކްސް ޑަބަލްސް އިވެންޓުންނެވެ.
އިއްޔެ ހޯދި މެޑަލްތަކާއެކު ލައިބާ ހޯދި ބައިނަލްއަގުވާމީ މެޑަލްތަކުގެ ލިސްޓަށް އަނެއްކާވެސް ވަނީ ކުރިއެރުމެއް ލިބިފައެވެ. މިހާތަނަށް ލައިބާ ވަނީ ބައިނަލްއަގުވާމީ އެކިއެކި މުބާރާތްތަކުގައި ވާދަކޮށް، ތިން ރިހި މެޑަލްއާއި ފަސް ލޯ މެޑަލް ހޯދާފައެވެ. ލައިބާ ވާދަކުރަމުންދާ މުބާރާތްތަކަކީ ޔޫރަޕްގެ ޖޫނިއާ ކަލަންޑަރުގައި ހިމަނައިގެން ކުރިއަށް ގެންދާ މުބާރާތްތަކެވެ.
ލައިބާ މިކްސް ޑަބަލްސްގެ ސެމީން ބަލިވި ނަމަވެސް، ޑަބަލްސް ފައިނަލަށް ދަތުރުުކުރިއެވެ. ސައިޕްރަސްގެ ކުޅުންތެރިޔަކާއެކު ޕެއާކޮށް، ލައިބާ ފައިނަލުގައި ވާދަކުރީ ބަލްގޭރިއާގެ އުމުރުފުރާގެ އެއްވަނަ ޕެއާއާ ދެކޮޅަށެވެ. އެ މެޗު ބަލްގޭރިއާގެ ޕެއާއިން ގެންދިޔައީ 13-21، 12-21 އިންނެވެ.
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޖޫނިއާ ޕޫލްގައި ހިމެނޭ ލައިބާ ދެން މިއަހަރު ވާދަކުރާނީ ޔޮނެކްސް ޕޮލިސް އިންޓަނޭޝަނަލް ފެސްޓިވަލްގައެވެ.
މިދިޔަ އަހަރުވެސް ލައިބާ ވަނީ ބައިނަލްއަގުވާމީ ޖޫނިއާ މުބާރާތްތަކުން މެޑަލް ހޯދާފައެވެ. އެގޮތުން ރަނގަޅު ރޭންކްތަކުގެ ޖޫނިއާ ކުޅުންތެރިންނާ ވާދަކޮށް ލައިބާ ވަނީ މެޑަލް ހޯދާފައެވެ.
ބެޑްމިންޓަން
ބެޑްމިންޓަން
ބެޑްމިންޓަން
ބެޑްމިންޓަން