ގކ. ތިލަފުށިން ފުރައިގެން މ. މެދުފުށި އައިލެންޑް ރިސޯޓަށް ދަތުރުކުރަމުން ދަނިކޮށް ގެއްލުނު ''AAA-37'' ނަމަކަށް ކިޔާ މުދާ އުފުލާ ދޯނި ފެނިއްޖެއެވެ.

އެމްއެންޑީއެފުން މިއަދު ބުނީ ގެއްލިގެން ހޯދަމުންދިޔަ ދޯންޏާ މިހާރު ގުޅިފައިވާ ކަމަށާއި އެމްއެންޑީއެފްގެ ކޯސްޓްގާޑް ޝަހީދު އަލީ އެ ދޯނި އޮތް ސަރަހައްދަށް ދަތުރުކުރަމުންދާ ކަމަށެވެ. އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.

އެ ދޯނިން ދަތުރުކުރީ ތިން ބިދޭސީންނާއި ދިވެއްސެކެވެ.

ދޯނި ގެއްލުނު ކަމުގެ މައުލޫމާތު ލިބިގެން ދޯނި ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ފެށީ މިދިޔަ ހުކުރު ދުވަހުއެވެ. ދޯނި ހޯދުމަށް ކަނޑާއި ވައިގެ މަގުން ބޮޑު ސަރަހައްދެއް ބަލާފައިވެއެވެ.