ހޯދަން ބޭނުންވި ހުރިހާ ކާމިޔާބީއެއް ހޯދިއްޖެ ކަމަށާއި، ދެން އަޒުމު ކަނޑައަޅައިގެން މަސައްކަތް ކުރަންވީ ކޮން ކާމިޔާބީއަކަށްތޯ މިހާރު ނޭނގޭ ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

ސިޓީން ރޭ ވަނީ އެކްލަބުގެ ތާރީހުގައި 10 ވަނަ ލީގު ތަށި އުފުލާލައިފައެވެ. ޕްރިމިއާ ލީގުގެ މި ސީޒަނުގެ ކުޅުން ރޭ ނިމިފައިވާއިރު، ސިޓީން ތަށި ޔަގީންކުރީ އަމިއްލަ ދަނޑުގައި ވެސްޓް ހަމް ކައިރިން 3-1 އިން މޮޅުވެގެންނެވެ.

ރޭގެ ކުރިން އިނގިރޭސި ލީގު ތަށި ޖެހިޖެހިގެން އެންމެ ގިނައިން ކާމިޔާބުކުރި ރެކޯޑާއެކު އޮތީ ފަސް ޓީމެކެވެ. އެއީ ސިޓީއާއި މެންޗެސްޓާ ޔުނައިޓެޑްގެ އިތުރުން ލިވަޕޫލާއި އާސެނަލް އަދި ހަޑަލްސްފީލްޑް ޓައުނެވެ. އެ ރެކޯޑަށް ނިމުން ގެނެސް، ސިޓީން ރޭ ވަނީ އިނގިރޭސި ލީގު ތާރީހުގެ އާ ސަފުހާއެއް ލިޔެލައިފައެވެ. އެއީ ޖެހިޖެހިގެން ހަތަރު ލީގު ތަށި ހޯދައިގެންނެވެ.

މިދިޔަ ސީޒަނު ޓްރެބަލްވެސް ކާމިޔާބު ކުރި ސިޓީއަށް މި ސީޒަނުގެ ޗެމްޕިއަންސް ލީގު ގެއްލުނު ނަމަވެސް، އަދި އެފްއޭ ކަޕް ފައިނަލްވެސް އެބަ އޮތެވެ. އެހެންކަމުން އެ ޓީމަށް ޑޮމެސްޓިކް ދެ ތަށި އަދި ހޯދިދާނެއެވެ.

"މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލަށްފަހުވެސް އަހަރެން ބުނިން ދެން ހާސިލްކުރާނެ އިތުރު ކާމިޔާބީއެއް ނެތޭ. މިއީ ނިމުނީއޭ. އެކަމަކުވެސް އަހަރެންގެ އެއްބަސްވުމުގައި ބާކީ މުއްދަތު އޮތުމާއެކު ހިތަށްއެރި، މީގެ ކުރިން އެއްވެސް ކްލަބަކުން ނުކުރާ ކަމަކޭ ޖެހިޖެހިގެން ހަތަރު ލީގު ތަށި ނެގުމަކީ. އެހެންވީމަ އެކަމުން ހިތްވަރު ހޯދީ. ދެން ހިތްވަރު ހޯދާނެ ގޮތެއް، ވިސްނުމެއް އަހަންނަކަށް ނޭނގެ،" ގާޑިއޯލާ ރޭ ބުންޏެވެ.

ދެހާސް ސޯޅަވަނަ އަހަރު ސިޓީއާ ގުޅުނު ކޯޗު ގާޑިއޯލާ އެ ކްލަބާއެކު މިހާތަނަށް 17 ތަށި ހޯދާފައިވެއެވެ. އޭގެ ތެރޭގައި ހަތް ލީގު ތަށި ހިމެނެއެވެ. ރޭގެ މެޗަށްފަހު ގާޑިއޯލާ ބުނީ މިހާރު މަޑުކުރުމަށްވުރެ ގާތީ ދޫކޮށް ދިޔުން ކަމަށެވެ. އެހެން ނަމަވެސް އަންނަ ސީޒަނުގައި މަޑުކުރާނެ ކަމަށް ބޯޑާއެކު މަޝްވަރާ ކޮށްފައިވާ ކަމަށްވެސް އޭނާ ބުންޏެވެ. އެހެންކަމުން ދެން ސިޓީ ދޫކޮށްލަން މަޝްވަރާ ކުރާނީ އަންނަ ސީޒަނުގެ ތެރެއިންކަންވެސް ގާޑިއޯލާ ވަނީ ހާމަކޮށްފައެވެ.

ގާޑިއޯލާއަށް މި ސީޒަނުގައި އަދި އިތުރު ފައިނަލެއް އޮތް އިރު، އެޓީމުން އެފްއޭ ކަޕް ހޯދުންވެސް ވެގެންދާނީ ތާރީހީ ކާމިޔާބަކަށެވެ. އެއީ މީގެ ކުރިން އިނގިރޭސި ފުޓުބޯޅައިގައި ލީގާއި އެފްއޭ ކަޕް އެއްވެސް ޓީމަކަށް ޖެހިޖެހިގެން ދެ ސީޒަނެއްގައި ދިފާއުކުރެވިފައި ނުވާތީއެވެ.