އިރާންގެ ރައީސް ޑރ. އިބްރާހީމް ރައީސީ ދަތުރުކުރައްވަމުން ގެންދެވި ހެލިކޮޕްޓަރު ވެއްޓުނު ހާދިސާއާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ރައީސް އެކްސްގައި މިރޭ ހިއްސާކުރެއްވި މެސެޖެއްގައި ވަނީ އެ މަނިކުފާނު އަމިއްލަ ނަންފުޅުގައި އަދި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، 'ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކަށް' ކާމިޔާބު ލިބުމަށް އެދިވަޑައިގަންނަވައިފައެވެ.

އަދި ދަތުރުގައި ހިމެނިވަޑައިގަންނަވާ އެންމެހާ ބޭފުޅުން ހެޔޮހާލުގައި އަވަހަށް ފެނުމަށް އެދިވަޑައިގަންނަވާ ކަމަށްވެސް އެ މަނިކުފާނުގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

އިރާންގެ ރަސްމީ ނިއުސް އެޖެންސީ، އިސްލާމިކް ރިޕަބްލިކް ނިއުސް އެޖެންސީގައި ބުނެފައިވާ ގޮތުން އެ ހެލިކޮޕްޓަރު ވެއްޓުނީ އިރާންއާއި އަޒަރްބައިޖާން ގުޅޭ ބޯޑަރު ކައިރީގައި އޮންނަ އަވަށަކަށެވެ. ހެލިކޮޕްޓަރު ވެއްޓެން މެދުވެރިވެ މައިގަނޑު ސަބަބެއް އަދި ނޭނގެއެވެ. ނަމަވެސް އެ ސަރަހައްދުގެ މޫސުން ގޯސް ކަމަށް ރިޕޯޓުތައް ބުނެއެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި ރައީސް ރައީސީ އަޖަރުބައިޖާނަށް ކުރެއްވި މި ދަތުރުފުޅަކީ އިއްޔެ އަޒަރުބައިޖާންގެ ޑޭމް އެއް އިފުތިތާހު ކުރައްވަން ކުރެއްވި ދަތުރުފުޅެކެވެ.

ރައީސް ރައީސީ ދަތުރުކުރައްވަމުން ގެންދެވި ހެލިކޮޕްޓަރުގައި އިރާންގެ ފޮރިން މިނިސްޓަރު ހުސެއިން އަމީރްއަބްދުﷲހިއަން އާއި އަޒަރްބައިޖާންގެ އިރުމަތީ ޕްރޮވިންސެއްގެ ގަވަރުނަރު މާލިކް ރަހްމަތީ ދަތުރުކުރައްވަމުން ގެންދެވި ކަމަށް ރިޕޯޓުތައް ބުނެއެވެ.