އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ ފަހު މެޗު ދުވަހުގައި ކުޅުނު މެޗުތަކުން މޮޅުވެ، ޗެލްސީއާއި ޓޮޓެންހަމް އިން އަންނަ ސީޒަނުގެ ޔޫރަޕް ފުޓުބޯޅަ ޔަގީންކޮށްފިއެވެ.

އަންނަ ސީޒަނުގެ ޔޫއެފާ ކޮންފަރެންސް ލީގު މަގާމު، ތާވަލުގެ ހަވަނައިގައި އޮވެގެން ޔަގީންކުރި ޗެލްސީން މިރޭ އަމިއްލަ ދަނޑުގައި ބޯންމައުތު ކައިރިން މޮޅުވީ 2-1ގެ ނަތީޖާ އަކުންނެވެ. އަދި ފަސްވަނައިގައި ސީޒަން ނިންމާލި ޓޮޓެންހަމް އަށް ޔޫރޮޕާ ލީގު ޔަގީންވީ މިރޭ ޝެފީލްޑް ކައިރިން 3-0 އިން މޮޅުވުމުންނެވެ. މިއަދުގެ މެޗުތައް ފެށި އިރު، ޔޫރަޕް ފުޓުބޯޅައިގެ ޖާގަތައް ކަނޑަނޭޅި އޮތުމުން، ޗެލްސީއާއި ނިއުކާސަލް އަދި ޓޮޓެންހަމް ކުޅުނު މެޗުތައް ފެނުނީ ވާދަވެރިކޮށެވެ. ޗެލްސީއާއި ޓޮޓެންހަމް އަމިއްލަ ބާރުގައި އޮތްއިރު، ނިއުކާސަލްއަށް ޔޫރަޕްގެ ފުރުަސަތު ލިބެން އޮތީ ޗެލްސީއާއި ޓޮޓެންހަމްގެ ނަތީޖާއަށް ބަރޯސާ ވެގެންނެވެ.

ޗެލްސީއަށް ކޮންފަރެންސް ލީގު ޔަގީންވެފައިވާ އިރު، އަންނަ ސީޒަނުގައި ޔޫރޮޕާ ލީގަށްވެސް އެ ޓީމަށް ދެވިދާނެއެވެ. އެއީ އެފްއޭ ކަޕް މެންޗެސްޓާ ސިޓީން ކާމިޔާބުކޮށްފި ނަމައެވެ. މެންޗެސްޓާ ޔުނައިޓެޑާއި ސިޓީ އެފްއޭ ކަޕް ފައިނަލުގައި އޮތްއިރު، އެފްއޭ ކަޕް ޗެމްޕިއަންނަށް ލިބޭ ޔޫރޮޕާ ލީގުގެ ޖާގަ ޗެލްސީއަށް ލިބުމުގެ ފުރުސަތު އެބަ އޮތެވެ. އެއީ ސިޓީ ޗެމްޕިއަންސް ލީގުގައި އޮތުމުންނެވެ. އޭރުން ކޮންފަރެންސް ލީގުގެ މަގާމު ލިބޭނީ މިރޭ ކުޅުނު ފަހު މެޗުގައި ބްރެންޓްފޯޑު ބަލިކުރި ނިއުކާސަލްއަށެވެ.

ޗެލްސީން މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ ލީޑު ނަގައިފައެވެ، ރަނގަޅު ފޯމެއްގައި މި ވަގުތު ކުޅެމުންދާ ޗެލްސީން ލީޑު ނެގީ ބޯންމައުތުގެ ގޯލްކީޕަރު ކުރިއަށް އަރައި ޖައްސާލި ބޯޅައެއްގެ ބޭނުން ހިފައިގެންނެވެ. ޗެލްސީން މެޗުގައި ޖެހި ފުރަތަމަ ގޯލު މޮއިސެސް ކައިސޭޑޯ ޖެހީ މެދު ރޮނގާ ހަމައިންނެވެ.

ދެވަނަ ހާފަށް ނުކުމެ ރަހީމް ސްޓާލިން ޖެހި ގޯލުން ޗެލްސީ ލީޑު ފުޅާކުރި ނަމަވެސް، ބެނޮއިޓް ބަޑިއަޝީލް އަތުން ބައިކޮޅަށް ވަން ގޯލުން ބޯންމައުތު އުންމީދު ހޯދިއެވެ. އޭގެފަހުންވެސް ބޯންމައުތުން ނުރައްކާ ކުރި ނަމަވެސް ޗެލްސީ ސަލާމަތްވިއެވެ.

ޓޮޓެންހަމް ކުޅުނު މެޗުގައި އެ ޓީމުގެ ގޯލުތައް ޖަހައި ދިނީ ޑެޖާން ކްލުސެވްސްކީ އާއި ޕެޑްރޯ ޕޯރޯއެވެ. ކްލުސެވްސްކީ މެޗުގައި ދެ ގޯލު ޖެހިއެވެ.

މި ސީޒަން ހުސްއަތާ ނިންމާލި ލިވަޕޫލަށް މިރޭ ވީ ހާއްސަ ރެއަކަށެވެ. 2015 ވަނަ އަހަރު ކްލަބާ ހަވާލުވި ލެޖެންޑަރީ ކޯޗު، ޔާގަން ކްލޮޕް މި ސީޒަނަށްފަހު ލިވަޕޫލް ދޫކޮށްލަން ނިންމާފައި އޮތްއިރު، މިރޭ މީ އެންފީލްޑުން އޭނާއަށް އަލްވަދާއު ކީ ރެޔެވެ. ލިވަޕޫލް ކޯޗުކަމުގައި 491 ވަނަ މެޗަށް މިރޭ ކްލޮޕް ނުކުތުމާއެކު ސަޕޯޓަރުން އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައިވެއެވެ. އެ ޖަޒުބާތީ ސަޕޯޓަރުންނާއެކު ލިވަޕޫލުން މިރޭ ވުލްވްސް ބަލިކުރީ 2-0 އިންނެވެ.

ވުލްވްސްގެ ނެލްސަން ސަމެޑޫއަށް މެޗުގެ ކުރީކޮޅުގައި ދެއްކި ރަތް ކާޑާއެކު ލިވަޕޫލަށް މެޗު ފަސޭހަވި އިރު، އެ ޓީމުން ފުރަތަމަ ހާފުގައި ދެ ގޯލު ޖެހިއެވެ. އެ ގޯލުތައް ޖެހީ އެލެކްސިސް މެކް އަލިސްޓާއާއި ޖަރެލް ގުއަންސާހެވެ.

ލިވަޕޫލުން މި ސީޒަން ނިންމާލީ ތާވަލުގެ ތިންވަނައިގައެވެ. އެއީ 38 މެޗުން 82 ޕޮއިންޓާއެކުގައެވެ.