އިނގިރޭސި ޕްރިމިއާ ލީގުގެ ޝަރަފުވެރި ތަށި، ޖެހިޖެހިގެން ހަތަރު ސީޒަނެއްގައި ހޯދި ހަމައެކަނި ޓީމަކަށް މެންޗެސްޓާ ސިޓީ ވެއްޖެއެވެ.
ޕްރިމިއާ ލީގުގެ މި ސީޒަނުގެ ކުޅުން މިރޭ ނިމިފައިވާއިރު، ސިޓީން ތަށި ޔަގީންކުރީ އަމިއްލަ ދަނޑުގައި ވެސްޓް ހަމް ކައިރިން 3-1 އިން މޮޅުވެގެންނެވެ. އެ ޓީމަށް 38 މެޗުން 91 ޕޮއިންޓް ލިބިފައިވާ އިރު، އެންމެ ގާތުން ލީގު ތައްޓަށް ވާދަކުރި އާސެނަލް ނިންމާލީ 38 މެޗުން 89 ޕޮއިންޓާ އެކުގައެވެ. މިރޭގެ މެޗުތަކަށް ނުކުތްއިރު އާސެނަލަށް ލީގު ލިބުމުގެ ފުރުސަތު އޮތް ނަމަވެސް، އެ ޓީމަށް އޮތީ ސިޓީގެ ނަތީޖާއަށް ބަރޯސާވާން ޖެހިފައެވެ. އެއީ ސިޓީއަށް މޮޅުވެ، ތަށި ހޯދުމުގެ އަމިއްލަ ބާރު އޮތުމުންނެވެ.
އާސެނަލުން މިރޭ ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި އެވަޓަންއާ ދެކޮޅަށް ނުކުމެ މޮޅުވީ 1-2ގެ ނަތީޖާއަކުންނެވެ.
މިރޭގެ ކުރިން އިނގިރޭސި ލީގު ތަށި ޖެހިޖެހިގެން އެންމެ ގިނައިން ކާމިޔާބުކުރި ރެކޯޑާއެކު އޮތީ ފަސް ޓީމެކެވެ. އެއީ ސިޓީއާއި މެންޗެސްޓާ ޔުނައިޓެޑްގެ އިތުރުން ލިވަޕޫލާއި އާސެނަލް އަދި ހަޑަލްސްފީލްޑް ޓައުނެވެ. އެ ރެކޯޑަށް ނިމުން ގެނެސް، ސިޓީން މިރޭ ވަނީ އިނގިރޭސި ލީގު ތާރީހުގެ އާ ސަފުހާއެއް ލިޔެލައިފައެވެ. މިދިޔަ ސީޒަނު ޓްރެބަލްވެސް ކާމިޔާބު ކުރި ސިޓީއަށް މި ސީޒަނުގެ ޗެމްޕިއަންސް ލީގު ގެއްލުނު ނަމަވެސް، އަދި އެފްއޭ ކަޕް ފައިނަލްވެސް އެބަ އޮތެވެ. އެހެންކަމުން އެ ޓީމަށް ޑޮމެސްޓިކް ދެ ތަށި އަދި ހޯދިދާނެއެވެ.
މިރޭގެ މެޗު ސިޓީން ފެށީވެސް ޗެމްޕިއަނުންގެ ފޯމުގައެވެ. އެ ޓީމުން ވަނީ މެޗުގެ ކުރީކޮޅުގައި ދެ ގޯލު ޖަހައިފައެވެ. އެ ދެ ގޯލުވެސް ޖެހީ މި ސީޒަނުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ފިލް ފޮޑެންއެވެ. އެ ދެ ގޯލާއެކު ސިޓީން ފޯމުގައި ފެށި ނަމަވެސް ހާފު ނިމެން ދަނިކޮށް ވެސްޓްހަމް އިން ގޯލެއް ޖަހައި އާސެނަލަށް އުންމީދެއް ހޯދައި ދިނެވެ. އެ ގޯލަކީ ކޯނަރެއްގައި މުހައްމަދު ކުޑޫސް އޯވަހެޑަކުން ޖެހި ގޯލެކެވެ.
އާސެނަލް ފުރަތަމަ ހާފު ނިމުނުއިރު އެވަޓަންއާ 1-1 އިން އެއްވަރު ވެފައި އޮތްއިރު، ދެވަނަ ހާފަށް ސިޓީ ނުކުތީ ސަމާލުވާން ޖެހޭކަން އެނގި ތިބެއެވެ. އެ ޓީމުން ރަނގަޅަށް ހާފު ފަށައިގެން ކުޅުނު އިރު، 60 ވަނަ މިނެޓުގައި ގޯލު ޖަހައި ސަޕޯޓަރުން ކައްކުވާލީ ރޮޑްރީއެވެ. މުހިންމު ވަގުތެއްގައި ޖެހި މުހިންމު ގޯލާއެކު ސިޓީން އެ ކްލަބު ތާރީހުގެ ދިހަވަނަ ލީގު ތަށި ޔަގީންކުރިއެވެ. މިއީ ކޯޗު ޕެޕް ގާޑިއޯލާ ކާމިޔާބުކުރި ހަތްވަނަ ލީގު ތައްޓެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު