ދުނިޔޭގެ އެންމެ ވާދަވެރި ލީގު، އެންމެ ވަރުގަދަ ލީގުގެ ފަހު މެޗުތައް މިރޭ އޮންނާނެއެވެ. އިނގިރޭސި ޕްރިމިއާ ލީގުގެ ފަހު މެޗުތައް އޮންނަ "ފައިނަލް ޑޭ" އަކީ އަބަދުވެސް ތަފާތު މަންޒަރުތައް ދައްކުވައިދޭ ދުވަހެކެވެ. މީގެ ކުރިންވެސް ތާރީހުގައި އެ މަންޒަރުތައް ފެނިގެން ގޮސްފައިވެއެވެ.
ސިޓީން 2022 ވަނަ އަހަރުވެސް ޕްރިމިއާ ލީގު ތަށި ޔަގީންކުރީ އެންމެ ފަހު މެޗުންނެވެ. އެ މެޗަށް ނުކުތް އިރުވެސް ލިވަޕޫލަށްވުރެ އެއް ޕޮއިންޓް ކުރީގައި އޮތް އިރު، އެސްޓަން ވިލާ ކައިރިން މޮޅުވާން އޮތީ މަޖުބޫރުވެފައެވެ. އެ މެޗުގައި ފުރަތަމަ 2-0 އިން ސިޓީ ބަލިވާން ދިޔަ ނަމަވެސް، ފަހުން ނަތީޖާ އަނބުރާލައި ތަށި ޔަގީންކުރިއެވެ.
ސިޓީން އެންމެ ތާރީހީ ގޮތަކަށް ލީގު ނެގީ 2012 ވަނަ އަހަރުއެވެ. އެ ފަހަރު ގޯލުގެ ފަރަގުން ތަށި ނެގީ ކުން އަގުއޭރޯ އެންމެ ފަހު ސިކުންތު ކިއުޕީއާރް ކޮޅަށް ޖެހި ގޯލުންނެވެ. މި ފަހަރުވެސް އޮތީ ފަހު ދުވަހަށް އެކަހަލަ ހާލަތެކެވެ. ލީގު ތަށީގެ ފުރުސަތު އެންމެ ބޮޑަށް އޮތީ އެންމެ ފަހުގެވެސް ޗެމްޕިއަން ސިޓީއަށެވެ. މި ވަގުތު ސިޓީ ލީގު ތާވަލުގެ އެއްވަނައިގައި އޮތީ 37 މެޗުން 88 ޕޮއިންޓާ އެކުގައެވެ. އެ ޓީމާ އެންމެ ގާތުން ލީގު ތައްޓަށް ވާދަކުރަމުންދާ އާސެނަލް ދެވަނައިގައި އޮތީ 37 މެޗުން 86 ޕޮއިންޓާ އެކުގައެވެ. ސިޓީން ލީގުގައި ކުޅޭ ފަހު މެޗުގައި މިރޭ ވެސްޓް ހަމް ބަލިކޮށްފި ނަމަ، އެ ޓީމަށް ޖެހިޖެހިގެން ހަތަރުވަނަ ފަހަރަށް ތަށި ޔަގީންވާނެއެވެ.
އާސެނަލަށް ދެން ތަށި ލިބެން އޮތީ ސިޓީ ބަލިވެގެން ނޫނީ އެއްވަރުވެގެންނެވެ. އެ ޓީމުން ލީގުގައި ކުޅޭ ފަހު މެޗުގައި ނުކުންނަން ޖެހޭނީ އެވަޓަންއާ ދެކޮޅަށެވެ. އާސެނަލް ފައިދާ ގޯލުގެ ތަފާތުން ބޮޑުތަނުން ކުރީގައި އޮތް އިރު، ވެސްޓް ހަމް ކައިރިން ސިޓީ އެއްވަރުވެ، އާސެނަލް މޮޅުވެއްޖެ ނަމަވެސް އާސެނަލަށް ލީގު ލިބޭނެއެވެ.
ޕްރިމިއާ ލީގުގެ ތަށި، މީގެ ކުރިން އެއްވެސް ޓީމަކަށް ޖެހިޖެހިގެން ހަތަރު ފަހަރު ހޯދިފައެއް ނުވެއެވެ. ސިޓީއަށް މިރޭ އޮތީ އެ ތާރީހު ލިޔެލުމެވެ. އަނެއްކޮޅުން ނުކުންނަ އާސެނަލަށް އޮތީ އެތައް ޒަމާނެއް ވަންދެން ނުހޯދި އޮތް ކާމިޔާބީ ހޯދުމެވެ. އާސެނަލުން އެންމެފަހުން ލީގު ހޯދީ، 2003-04 ވަނަ އަހަރުގެ ސީޒަނުގައެވެ. އެއީ ލީގުގެ އެއްވެސް މެޗަކުން ބަލިނުވެ ހޯދި ލީގު ތައްޓެކެވެ.
މި ފަހަރު ޕްރިމިއާ ލީގުގެ ފަހު ދުވަސް ހާއްސަވާ އިތުރު ސަބަބަކީ ލިވަޕޫލްގެ ލެޖެންޑަރީ ކޯޗު، ޔާގަން ކްލޮޕްގެ އަލްވަދާއެވެ. އެންފީލްޑަށް މިރޭ ވެގެންދަނީ ކަރުނައިގެ ރެއަކަށެވެ. ކްލޮޕް ލިވަޕޫލް ކޯޗުކަމުގައި 491 ވަނަ މެޗަށް މިރޭ ނުކުންނާނީ ތަފާތު ޖަޒުބާތުތަކާ އެކުގައެވެ. 2015 ވަނަ އަހަރުން ފެށިގެން ލިވަޕޫލާ ހަވާލުވެ، ކްލޮޕު ވަނީ ލީގު ތައްޓާއި ޔޫރޮޕާ ލީގު، ޗެމްޕިއަންސް ލީގުގެ އިތުރުން އެފްއޭ ކަޕާއި ލީގު ކަޕްވެސް ކާމިޔާބުކޮށްފައެވެ.
ކްލޮޕަކީ ލިވަޕޫލް އާއެކު އެ ޝަރަފު ހޯދާފައިވާ ހަމައެކަނި ކޯޗެވެ. އުމުރުން 56 އަހަރުގެ ކްލޮޕް ލިވަޕޫލަށް ހާއްސަ މެސެޖެއް ދީފައިވާ އިރު، އެ މެސެޖު އިންތިހާއަށް އަސަރުގަދައެވެ. އިނގިރޭސި އެހެން ކްލަބަކަށް ކޯޗުކަން ކޮށްނުދޭނެ ކަމަށް ކްލޮޕް ބުނެފައިވެއެވެ. އަދި ލިވަޕޫލަށް އޮތް ހާއްސަ ލޯބީގެ ވާހަކައާއި އެ މުޅި ސިޓީއަށް އޮތް އިހުތިރާމުގެ ވާހަކަވެސް ކްލޮޕް ފާހަގަކޮށްފައިވެއެވެ. އޭނާ އިތުރަށް ބުނީ ލިވަޕޫލް އެކަނިވެރި ނުވާނެ ކަމަށާއި ލިވަޕޫލުން ދުވަހަކުވެސް އޭނާ އެކަނިވެރި ނުކުރާ ކަމަށްވެސް ބުނެފައެވެ.
ލިވަޕޫލުން މިރޭ އަމިއްލަ ދަނޑުގައި ވުލްވްސްއާ ދެކޮޅަށް ކުޅޭ މެޗު ހާއްސަވާ ސަބަބަކީ ކްލޮޕްގެ އަސަރުގަދަ އަލްވަދާއަށެވެ.
އޭގެ އިތުރުން ބްރައިޓަން އިން މިރޭ އަމިއްލަ ދަނޑުގައި ކުޅޭ މެޗަކީ އެ ޓީމުގެ މިހާރުގެ ކޯޗު، ރޮބާޓޯ ޑި ޒާބީވެސް ޓީމަށް އިރުޝާދު ދޭނެ ފަހު މެޗެވެ. ބްރައިޓަން އިން މިރޭ ނުކުންނާނީ މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށެވެ.
ޕްރިމިއާ ލީގުގެ މި އަހަރުވެސް ރަން ބޫޓު އާލިން ހާލަންޑަށް ގާތްގަނޑަކަށް އޮތީ ކަށަވަރުވެފައެވެ. ދެން އޮތީ ޔޫރޮޕާ ލީގާއި ކޮންފަރެންސް ލީގަށް އޮތް ވާދަވެރި ކަމެވެ. ޗެމްޕިއަންސް ލީގުގެ ހަތަރު ޖާގަ ޓީމުތަކުން ޔަގީންކޮށްފައި އޮތް ނަމަވެސް، ދެން އޮތް ޔޫރަޕްގެ ޖާގަތަކަށް ބާރު ބޮޑެވެ. ޗެލްސީއާއި ޓޮޓެންހަމް އަދި ނިއުކާސަލްއަށް ވާދަވެރި ފުރުސަތެއް އޮތް އިރު، ޔުނައިޓެޑަށްވެސް ހަނި ޖާގައެއް އަދި އެބަ އޮތެވެ.
މިރޭގެ ފަހު މެޗުތައް އިންތިހާއަށް ފޯރިގަދަވާނެ އެތައް ސަބަބެއް އެބަހުއްޓެވެ. އިންތިޒާރު ކުރަމާ ހިނގާށެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު