ފުލުހުންނަށް ބިރު ދެއްކި ބަޔަކު ހައްޔަރުކުރަން ފުލުހުން ހަރަކާތްތެރިވި ގޮތް ބެލުމަށް ޕްރޮފެޝަނަލް ސްޓޭޑާޑްސް ކޮމާންޑަށް އަންގައިފިއެވެ.

ފުލުހުން މިއަދު ބުނީ ރޭ 10:00 ހާއިރު ކުލަހެދުމުގައި ތިބި ދެ ފުލުހަކަށް ވަޅިން ބިރުދައްކައި މާރާމާރީ ހިންގި މައްސަލައާ ގުޅިގެން ދިވެހި ތިން ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ 35 އަހަރުގެ މީހަކާއި 39 އަހަރުގެ ދެ މީހުން ކަމަށެވެ.

ފުލުހުން ބުނީ އެ މީހުން ހައްޔަރުކުރުމުގައި ފުލުހުން އަމަލުކޮށްފައިވާ ގޮތާމެދު ޝަކުވާތަކެއް ލިބިފައިވާތީ އެކަން ބެލުމަށް ޕްރޮފެޝަނަލް ސްޓޭޑާޑްސް ކޮމާންޑަށް އަންގައިފައިވާ ކަމަށެވެ.

ރޭ ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯގައި މާރާމާރީ ހިންގަން އުޅުނު މައްސަލައެއްގައި ރޭ ތިން ދިވެހިން ވަނީ ހައްޔަރު ކޮށްފަ އެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކުރީ 39 އަހަރުގެ ދެ މީހަކާއި، 35 އަހަރުގެ މީހެއް ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުންގެ ތަރުޖަމާނު ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ފުލުހުން މިފަދަ ހާލަތްތަކުގައި ބާރުގެ ބޭނުންކުރި ގޮތް އާންމު އުސޫލެއްގެ ތެރެއިން ބަލައި ރިވިއު ކުރާ ކަމަށެވެ.

"މި ހާދިސާގައި ފުލުހުން އަމަލުކުރިގޮތް ބަލާ ފުލުހެއްގެ ފަރާތުން ބާރުގެ ބޭނުން ނަހަމަގޮތުގައި ބޭނުންކޮށްފައިވާނަމަ އެ ހާލަތެއް އިތުރަށް ތަހުގީގުކުރާނެ،" ޝިފާން ވިދާޅުވިއެވެ.

ރޭ ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯއިން ފެންނަނީ ކުލަ ހެދުމުގައި ތިބި ދެ ފުލުހަކާއި ޔުނިފޯމްގައި ތިބި ފުލުހުންތަކެއް ބާރުގެ ބޭނުންކޮށްގެން ގަދަ ބާރުން މީހަކު ހައްޔަރުކުރާ މަންޒަރެވެ. އަދި އެވަގުތު އެ ސަރަހައްދުގައި ތިބި އާންމުން ވީޑިއޯ ނުކުރުމަށްވެސް ފުލުހުން އަންގާ މަންޒަރު ފެނެއެވެ.

އެ މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.