ތޫނު އެއްޗެއް ބޭނުންކޮށްގެން ދެ ފުލުހަކަށް ބިރުދެއްކި މައްސަލައެއްގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ ރޭ 10:00 ހާއިރު ކުލަހެދުމުގައި ތިބި ދެ ފުލުހަކަށް ވަޅިން ބިރުދައްކައި މާރާމާރީ ހިންގި މައްސަލައާ ގުޅިގެން ދިވެހި ތިން ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ 35 އަހަރުގެ މީހަކާއި 39 އަހަރުގެ ދެ މީހުން ކަމަށެވެ.

އެ މީހުން ހައްޔަރުކުރި ގޮތާ މެދު ޝަކުވާތަކެއް ލިބިފައިވާތީ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް އިން އެކަން ބަލަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.