މިހާތަނަށް ޕްރިމިއާ ލީގުގެ ޓީމަކުން ޖެހިޖެހިގެން ހަތަރު ސީޒަނުގައި ލީގު ތަށި ކާމިޔާބުކޮށްފައި ނުވާތީ، އެ ކާމިޔާބީ ހާސިލް ކުރެވިއްޖެނަމަ ދުނިޔޭގެ ފުޓުބޯޅައިގެ އިހުތިރާމް ވަރަށް ބޮޑަށް ލިބޭނެ ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.
ލީގުގެ ފަހު ދުވަހަށް ނުކުންނަ އިރު، ލީގު ތަށީގެ ފުރުސަތު އެންމެ ބޮޑަށް އޮތީ އެންމެ ފަހުގެވެސް ޗެމްޕިއަން މެންޗެސްޓާ ސިޓީއަށެވެ. މި ވަގުތު ސިޓީ ލީގު ތާވަލުގެ އެއްވަނައިގައި އޮތީ 37 މެޗުން 88 ޕޮއިންޓާއެކުގައެވެ. އެ ޓީމާ އެންމެ ގާތުން ލީގު ތަށްޓަށް ވާދަކުރަމުންދާ އާސެނަލް ދެވަނައިގައި އޮތީ 37 މެޗުން 86 ޕޮއިންޓާއެކުގައެވެ. ސިޓީން ލީގުގައި ކުޅޭ ފަހު މެޗުގައި މިރޭ ވެސްޓް ހަމް ބަލިކޮށްފި ނަމަ، އެ ޓީމަށް ޖެހިޖެހިގެން ހަތަރުވަނަ ފަހަރަށް ތަށި ޔަގީންވާނެއެވެ.
އާސެނަލަށް ދެން ތަށި ލިބެން އޮތީ ސިޓީ ބަލިވެގެންނެވެ. އެ ޓީމުން ލީގުގައި ކުޅޭ ފަހު މެޗުގައި ނުކުންނަން ޖެހޭނީ އެވަޓަންއާ ދެކޮޅަށެވެ. އާސެނަލް ފައިދާ ގޯލުގެ ތަފާތުން ބޮޑުތަނުން ކުރީގައި އޮތް އިރު، ވެސްޓް ހަމް ކައިރިން ސިޓީ އެއްވަރުވެ، އާސެނަލް މޮޅުވެއްޖެ ނަމަވެސް، އާސެނަލަށް ލީގު ލިބޭނެއެވެ.
އެ މެޗުގެ ކުރިން ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ ތަށި ލިބުނަސް، ނުލިބުނަސް ސިޓީގެ ފެންވަރު ދުނިޔެއަށް ނޯޅޭނެ ނަމަވެސް، ޖެހިޖެހިގެން ހަތަރު ލީގު ތަށި ހޯދުމުގެ ތާރީހު ލިޔެލާއި، އިހުތިރާމް ހޯދަން ބޭނުންވާ ކަމަށެވެ،
"ސިޓީއަށް އިހުތިރާމް ލިބޭނެ އިތުރު ލީގު ތަށްޓަކާއެކު. އެއީ ޔަގީންކަމެއް،" ގާޑިއޯލާ ބުންޏެވެ.
ސިޓީން އެންމެ ފުރަތަމަ 2012 ވަނަ އަހަރު ލީގު ކާމިޔާބުކުރި ފަހުން މިހާތަނަށް ހަތް ފަހަރު ލީގު ކާމިޔާބު ކޮށްފައިވެއެވެ. އަދި މިފަހަރު ލީގު ލިބިއްޖެނަމަ އެ ތަށި ވެގެންދާނީ ގާޑިއޯލާގެ ހަވަނަ އިނގިރޭސި ޕްރިމިއާ ލީގު ތަށްޓަށެވެ.
ސިޓީން 2022 ވަނަ އަހަރުވެސް ޕްރިމިއާ ލީގު ތަށި ޔަގީންކުރީ އެންމެ ފަހު މެޗުންނެވެ. އެ މެޗަށް ނުކުތް އިރުވެސް ލިވަޕޫލަށްވުރެ އެއް ޕޮއިންޓް ކުރީގައި އޮތް އިރު، އެސްޓަން ވިލާ ކައިރިން މޮޅުވާން އޮތީ މަޖުބޫރުވެފައެވެ. އެ މެޗުގައި ފުރަތަމަ 2-0 އިން ސިޓީ ބަލިވާން ދިޔަ ނަމަވެސް، ފަހުން ނަތީޖާ އަނބުރާލައި ތަށި ޔަގީންކުރިއެވެ.
ގާޑިއޯލާ އިއްޔެ ބުނީ މިފަހަރުވެސް ފަހު ދުވަސް އެސްޓަން ވިލާ މެޗާ އެއްގޮތް ވެދާނެ ކަމަށާއި އެ ހުރިހާ ކަމަކަށް މެންޓަލީ ތައްޔާރު ކަމަށެވެ.
ސިޓީން އެންމެ ތާރީހީ ގޮތަކަށް ލީގު ނެގީ 2012 ވަނަ އަހަރުއެވެ. އެފަހަރު ގޯލުގެ ފަރަގުން ތަށި ނެގީ ކުން އަގުއޭރޯ އެންމެ ފަހު ސިކުންތު ކިއުޕީއާރް ކޮޅަށް ޖެހި ގޯލުންނެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު