މިއަހަރުގެ ތެރޭގައި ޗިކުންގުންޔާގެ 389 ކޭސްއެއް ރިޕޯޓުކޮށްފައިވާ ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ވިދާޅުވެއްޖެއެވެ.

ހެލްތު މިނިސްޓްރީގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހަލީލު ވިދާޅުވީ ފަހުގެ ތާރިހެއްގައި ޗިކުންގުންޔާ ފެތުރޭ މިންވަރު މިއަހަރު ދަނީ އިތުރުވަމުން ކަމަށެވެ.

"ފުރަތަމަ ކޭސް 1 މާޗް. އޭގެ ފަހުން ބައެއް އަތޮޅުތަކުން މަދު ކޭސްތައް، ގދ. އަތޮޅުން 4 ކޭސް، ށ. އަތޮޅުން 3 ކޭސް، ލ އަތޮޅުން 2 ކޭސް، ހއ. އަތޮޅުން 2 ކޭސް އަދި ބ. އަތޮޅުން 1 ކޭސް ފެނިފައި. ޖުމުލަ 389 ކޭސްއެއް ވަނީ ރިޕޯޓުކޮށްފައި،" ހަލީލު ވިދާޅުވިއެވެ.

މިނިސްޓަރު ހަލީލު ވިދާޅުވީ ޗިކުންގުންޔާގެ އިތުރުން ޑެންގޫ ފެތުރޭ މިންވަރު ވެސް އިތުރުވެފައިވާ ކަމަށާއި އެއީ ޗިކުންގުންޔާއަށްވުރެ ނުރައްކާތެރި ބައްޔެއް ކަމަށެވެ.

"ދެ ބައްޔަކީވެސް އީޑީޒް މަދިރީގެ ޒަރިއްޔާއިން ފެތުރޭ ދެ ބަލި. ފަރުދީ ޒިންމާ އަދާކުރުމަށް މަދިރި އުފެދޭ ތަންތަން ސާފުކުރުން މުހިންމު،" ހަލީލު ވިދާޅުވިއެވެ.

ހަލީލު ވިދާޅުވީ ރާއްޖެއިން ބޭރު ބިދޭސީންގެ އާބާދީ ވެސް ވަރަށް ބޮޑު ކަމަށާއި އޭގެ ތެރޭގައި އެންމެ ބޮޑު އާބާދީއެއް އޮންނަނީ ބަންގުލަދޭޝް އަދި ސްރީލަންކާގެ މަސައްކަތްތެރީންގެ ކަމަށެވެ. އަދި އެމީހުން ހޭލުންތެރިކުރުވަން އެގައުމުގެ ބަސްތަކުން ވެސް ޕްރޮގްރާމްތައް ހިންގަމުންގެންދާ ކަމަށް ހަލީލު ވިދާޅުވިއެވެ.

ސަރުކާރުގެ މަސްއޫލިޔަތުގެ އިތުރުން އާންމު ފަރުދުންގެ ހޭލުންތެރިކަން އިތުރުކޮށް ފަސޭހައިން ޖެހޭ ބަލިތައް ފެތުރުން ހުއްޓުވުމުގައި ރައްޔިތުންގެ އެއްބާރުލުން ސަރުކާރަށް ދިނުމަށް ވެސް މިނިސްޓަރު އެދިވަޑައިގެންނެވިއެވެ.