ޕްރިމިއާ ލީގުގައި އަންނަ ސީޒަނުން ފެށިގެން ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރް) ބޭނުން ނުކުރާ ގޮތް ހެދުމަށް ވުލްވްސް އިން ހުށަހަޅައިފިއެވެ.

ވުލްވްސް އިން އެ ހުށަހެޅުން ހުށަހެޅީ ޕްރިމިއާ ލީގުގެ 20 ކްލަބުން ރަސްމީކޮށް ހަރޮގޭޓްގައި ޖޫން ހަވަނަ ދުވަހު ބޭއްވި ބައްދަލުވުމުގައެވެ. ވުލްވްސްގެ އެ ހުށަހެޅުމާއެކު، ޕްރިމިއާ ލީގުގެ ކްލަބުތަކުން ވޯޓަކަށް ދާން މަޖުބޫރުވާނެއެވެ. އެ ހުށަހެޅުން ފާސްވާނީ ތިން ބައިކުޅަ ދެބައިގެ ވޯޓު ލިބިގެންނެވެ. އެއީ 20 ކްލަބުން 14 ކްލަބެއްގެ ވޯޓެވެ.

ވުލްވްސް އިން ހުށަހެޅި ހުށަހެޅުމުގައި ބުނެފައި ވަނީ ވީއޭއާރް ތައާރަފު ކުރީ އިންސާފުން ނިންމުންތައް ނިންމައި ކްލަބުތަކަށް އަދި ފުޓުބޯޅައަށްވެސް ފައިދާތަކެއް ވާނެ ކަމަށް ބަލައިގެން ކަމަށާއި ނަމަވެސް ވީއޭއާރްގެ ސަބަބުން ޕްރިމިއާ ލީގަށް ގެއްލުންތަކެއްވާ ކަަމަށެވެ. އޭގެ ތެރޭގައި ސަޕޯޓަރުންނާއި ޕްރިމިއާ ލީގުގެ ފުޓުބޯޅައާ އޮންނަ ގުޅުން ވަރަށް ބޮޑަށް ހީނަރުވަމުންދާ ކަމަށްވެސް ވުލްވްސް އިން ބުނެފައިވެއެވެ.

ޕްރިމިއާ ލީގަށް ވީއޭއާރް ތައާރަފު ކުރީ 2019 ވަނަ އަހަރުއެވެ. އޭގެފަހުން ވީއޭއާރްގެ އެހީ ވަރަށް ބޮޑަށް ލީގުގައި ބޭނުންކުރަމުންދާ އިރު، ވީއޭއާރްގެ ސަބަބުން މައްސަލަ ބޮޑެތި ނިންމުންތަކެއްވެސް ފެނިގެން ގޮސްފައިވެއެވެ. ވީއޭއާރް ރަނގަޅު ކުރުމަށް ރެފްރީންގެ ޖަމިއްޔާއާއެކު މަސައްކަތް ކުރަމުންދާ ކަމަށް ޕްރިމިއާ ލީގުން ދާދިފަހުން ބުނެފައިވާ އިރު، އަންނަ ސީޒަނުން ފެށިގެން އޮޓޮމޭޓެޑް އޮފްސައިޑް ސިސްޓަމް ބޭނުންކުރަން ޕްރިމިއާ ލީގުގެ ކްލަބުތަކުން ވަނީ ވޯޓް ކޮށްފައެވެ.