އޮގަސްޓު 31، 2018ގައި ވަޅިން ހަމަލާދީ ގދ. ފަރެސްމާތޮޑާ/ ކޮކާ، 18 އަހަރުގެ އިބްރާހީމް އާގިލް މަރާލުމުގައި ބައިވެރިވި ކަމުގެ ކުށް ހއ. ދިއްދޫ/ ސްނޯބާޑް، އިބްރާހީމް ވިޝާމްގެ މައްޗަށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމާއި، އެކަމާބެހޭ ރިޕޯޓުތައް ލިބުމުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމާމެދު ގޮތެއް ނިންމާނެކަމަށް ޕްރޮސިކިއުޓާ ޖެެނެރަލް އޮފީސް (ޕީޖީ) އޮފީހުން ބުނެފިއެވެ.
އާގިލްގެ މަރުގެ މައްސަލައިގައި ވިޝާމްގެ މައްޗަށް ދައުލަތުން ކުރި ދައުވާ ސާބިތު ނުވާކަމަށް މިއަދު ކުރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
އާގިލްގެ މަރުގެ މައްސަލައިގައި ތިން މީހެއްގެ މައްޗަށް ދައުލަތުން ދައުވާ ކުރެއެވެ.
ވިޝާމްގެ އިތުރުން އޭގެ ތެރޭގައި ހިމެނެނީ ލ. ފޮނަދޫ، ހިޔާ، ހަމްދޫން ހަމްޒަތާއި ސ. ހިތަދޫ، ސްވޭހުހީނާގެ، އަލީ މިޖުވާދު މާލިކު އިބްރާހީމެވެ.
މީގެ ތެރެއިން ވިޝާމްގެ މައްޗަށް ދައުވާކުރީ ފަހެއް ޑިސެމްބަރު 2019 ގައެވެ.
ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން އޭނާގެ މައްޗަށް ދައުލަތުން ދައުވާކުރީ، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ދައުވާއެވެ.
މީގެ އިތުރުން އެ ދައުވާކުރި ސަބަބެއްކަމަށް ޕީޖީ އޮފީހުން ބުނެފައިވަނީ، 31 އޮގަސްޓް 2018 ދުވަހުގެ 14:00 އާއި 17:00 އާ ދެމެދުގެ ވަގުތެެއްގައި ވ. ފުލިދޫއިން މާލެއަށް އައުމަށް އާގިލަށް ލޯންޗެއް ހަމަޖައްސައިދީ، އެ ދުވަހުގެ 17:30 ހާއިރު، އާގިލާއެކު ފުލިދޫން މާލެއަށް އައި "ސްކަލް ރައިޑާ" ލޯންޗުގައި އިނދެ އެ ލޯންޗު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާ ދިމާލަށް ލަފާނެކަމުގެ މައުލޫމާތު ކ. މާފުށި ސްވީޓްމީޑު އަހްމަދު މާހިރުއަށް ދީ، އާގިލް މަރައިލުމަށް އެހީތެރިވެފައިވާތީ އާއި، ހަމަ އެ ދުވަހު 19:30 ހާއިރު، އެ ލޯންޗު އެމްއެމްއޭއާ ދިމާލުން ބޮޑުތަކުރުފާނު މަގުގެ ޖެޓީ ސަރަހައްދަށް ގާތްކުރި ވަގުތު އާގިލު އެ ލޯންޗުން ފޭބުމުން، ހަމްދޫން ހަމްޒަތު ތޫނު އެއްޗެއް ބޭނުންކޮށްގެން އާގިލަށް ހަމަލާ ދިނުމުން ލިބުނު އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދަނިކޮށް ހަމަ އެ ދުވަހު 20:59 ހާއިރު އޭނާ ނިޔާވެފަިއވާތީއެވެ.
މި މައްސަލައާ ގުޅިގެން ހަމްދޫން ހަމްޒަތުގެ މައްޗަށް އެކެއް ނޮވެންބަރު 2018 ގައި ދައުލަތުން ދައުވާ ކޮށްފައި ވަނީ، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާއެވެ. އަލީ މިޖުވާދު މާލިކު އިބްރާހީމްގެ މައްޗަށް ވެސް ކޮށްފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާއެވެ.
އެއީ ހަމްދޫން ހަމްޒަތު އާގިލަށް ހަމަލާދިނުމުން އަލީ މިޖުވާދު މާލިކު އިބްރާހީމް ދުއްވަން އިން ސައިކަލުގައި ހަމްދޫން ހަމްޒަތު ގޮވައިގެން އެތަނުން ފިލާފައިވާތީ އާއި، އާގިލް ނިޔާވި މައްސަލައިގައެވެ.
މި މައްސަލައިގައި ވިޝާމްގެ މައްޗަށް ކޮށްފައިވާ ދައުވާ ސާބިތުނުވާކަމަށް، ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކުރި ނަމަވެސް އަލީ މިޖުވާދު މާލިކު އިބްރާހީމް އާއި ހަމްދޫން ހަމްޒަތުގެ ބައި ކްރިމިނަލް ކޯޓުގައި ކުރިއަށް އެބަދެއެވެ. ނަަމަވެސް އެ ދެމީހުންގެ ބައި ވެސް މިހާރު އޮތީ ހުކުމް ކުރުމުގެ މަރުހަލާގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު