އޮގަސްޓު 31، 2018ގައި ވަޅިން ހަމަލާދީ ގދ. ފަރެސްމާތޮޑާ/ ކޮކާ، 18 އަހަރުގެ އިބްރާހީމް އާގިލް މަރައިލި ކަމުގެ ކުށް ހއ. ދިއްދޫ/ ސްނޯބާޑް، އިބްރާހީމް ވިޝާމްގެ މައްޗަށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
އާގިލްގެ މަރުގެ މައްސަލައިގައި ތިން މީހެއްގެ މައްޗަށް ދައުލަތުން ދައުވާ ކުރެއެވެ. ވިޝާމްގެ އިތުރުން ދެން އެ މައްސަލައިގައި ހިމެނެނީ ލ. ފޮނަދޫ/ ހިޔާ، ހަމްދޫން ހަމްޒަތާއި ސ. ހިތަދޫ/ ސްވޭހުހީނާގެ، އަލީ މިޖުވާދު މާލިކު އިބްރާހީމެވެ.
ވިޝާމްގެ މައްޗަށް ދައުވާކުރީ 5 ޑިސެންބަރު 2019 ގައެވެ. ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން އޭނާގެ މައްޗަށް ދައުލަތުން ދައުވާކުރީ، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ދައުވާއެވެ.
އޭނާގެ މައްޗަށް އެ ދައުވާކުރި ސަބަބެއް ކަމަށް ޕީޖީ އޮފީހުން ބުނެފައި ވަނީ، 31 އޮގަސްޓް 2018 ދުވަހު 14:00 އާއި 17:00 އާދެމެދުގެ ވަގުތެެއްގައި ވ. ފުލިދޫ އިން މާލެއަށް އައުމަށް އާގިލަށް ލޯންޗެއް ހަމަޖައްސައިދީ، އެ ދުވަހުގެ 17:30 އެހާކަންހާއިރު އާގިލާއެކު ފުލިދޫން މާލެއަށް އައި "ސްކަލް ރައިޑާ" ލޯންޗުގައި އިނދެ އެ ލޯންޗު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާ ދިމާލަށް ލަފާނެކަމުގެ މައުލޫމާތު ކ.މާފުށި/ ސްވީޓްމީޑު އަހުމަދު މާހިރުއަށްދީ، އާގިލް މަރައިލުމަށް އެހީތެރިވެފައިވާތީ އެވެ.
މި މައްސަލައާ ގުޅިގެން ހަމްދޫން ހަމްޒަތާއި މިޖުވާދު މާލިކު އިބްރާހިމްގެ މައްޗަށް ކޮށްފައިވަނީ، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާއެވެ.
މި މައްސަލައިގައި ވިޝާމްގެ މައްޗަށް ކޮށްފައިވާ ދައުވާ ސާބިތުނުވާ ކަމަށް، ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކުރި ނަމަވެސް އަލީ މިޖުވާދު މާލިކު އިބްރާހީމްއާއި ހަމްދޫން ހަމްޒަތުގެ ބައި ކްރިމިނަލް ކޯޓުގައި ކުރިއަށް އެބަ ދެއެވެ. އެ ދެ މީހުންގެ ބައިވެސް މިހާރު އޮތީ ހުކުމް ކުރުމުގެ މަރުހަލާގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު