އިނގިރޭސި ޕްރިމިއާ ލީގު ސީޒަންގެ ހަތަރުވަނަ ޔަގީންކޮށް، އެސްޓަން ވިލާ އިން ކްލަބު ތާރީހުގައި ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގު ފުޓުބޯޅަ ޔަގީންކޮށްފިއެވެ.

ވިލާއަށް އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގު ފުޓުބޯޅަ ޔަގީންވީ، ރޭ ވާދަވެރި ޓޮޓެންހަމް އިން މެންޗެސްޓާ ސިޓީ ކައިރިން 2-0 އިން ބަލިވުމުންނެވެ. އެ ނަތީޖާ އާއެކު ޓޮޓެންހަމްއަށް ގަދަ ހަތަރެއްގެ ފުރުސަތު ގެއްލިފައިވަނީ ވިލާއަށްވުރެ ފަސް ޕޮއިންޓް ފަހަތުގައި އޮތުމުންނެވެ. ލީގުގައި ވިލާއާއި ޓޮޓެންހަމްއަށްވެސް ދެން ބާކީ އެންމެ މެޗެއް އޮތް އިރު، އެ މެޗުން ޓޮޓެންހަމް އަށް ވިލާގެ ކުރިއަކަށް ނޭރޭނެއެވެ.

ޔޫރަޕިއަން ކަޕްގެ ނަން 1991-92 ވަނަ އަހަރުގެ ސީޒަނުގައި ބަދަލުކޮށް، އެ ނަން ޗެމްޕިއަންސް ލީގަށް، ރީބްރޭންޑް ކުރިފަހުން ވިލާ އިން ޔޫރަޕްގެ އެންމެ މަތީ ފަންތީގައި ކުޅެފައެއް ނުވެއެވެ. އެ ޓީމުން ޔޫރަޕްގެ އެންމެ މަތީ ފަންތީގައި މީގެ ކުރިން އެންމެފަހުން ކުޅެފައި ވަނީ 41 އަހަރު ކުރިންނެވެ. އެއީ 1982-1983 ވަނަ އަހަރުގެ ސީޒަނުގައި ޔޫރަޕިއަން ކަޕެވެ.

ވިލާއަކީ އޭރު ޔޫރަޕްގައި ކާމިޔާބު ނަމެއްގެ ގޮތުގައި އޮތްއިރު، އޭގެ ކުރީ ސީޒަނުގައި އެ ޓީމުން ވަނީ ޔޫރަޕިއަން ކަޕްވެސް ކާމިޔާބުކޮށްފައެވެ.

މީގެ ކުރިން ވިލާ އިން ޕްރިމިއާ ލީގުގެ ދެވަނައިގައި އަދި ހަތަރުވަނައިގައިވެސް ސީޒަން ނިންމާލިއެވެ. އެއީ 1992-93 އަދި 1995-96 ވަނަ އަހަރުގެ ސީޒަންގައެވެ. އޭރު އުސޫލު އޮންނަ ގޮތުން ޗެމްޕިއަންސް ލީގުގައި ކުޅެން ފުރުސަތު ލިބެނީ އިނގިރޭސި ލީގު ޗެމްޕިއަން ޓީމަށް އެކަންޏެވެ. އެހެންކަމުން ވިލާއަށް އޮތީ ޗެމްޕިއަންސް ލީގުގެ ނަސީބު ނުލިބިއެވެ.