މެންޗެސްޓާ ސިޓީގެ ކާމިޔާބީ ގުޅިފައިވަނީ ފައިސާއާ އެކަނި ނޫން ކަމަށް ޕެޕް ގާޑިއޯލާ ބުނެފިއެވެ.
މި ސީޒަނުގެ ލީގު ހޯދުމަށްވެސް ފުރުސަތު ބޮޑުކޮށް އޮތް ސިޓީއަށް ސީޒަނުގައި ބާކީ އޮތީ ތިން މެޗެވެ. އެއީ ލީގުގެ ދެ މެޗާއި އެފްއޭ ކަޕްގެ ފައިނަލް މެޗެވެ. ލީގު ދެ މެޗާއި އެފްއޭ ކަޕް ފައިނަލް މެޗުން މޮޅުވެ، ސިޓީއަށް ލީގު ދިފާއުކޮށް، އެފްއޭ ކަޕްވެސް ދިފާއުކުރުމުގެ ފުރުސަތު އޮންނާނެއެވެ. އަދި ސިޓީ ވެގެންދާނީ އިނގިރޭސި ފުޓުބޯޅައިގެ އެންމެ ޝަރަފުވެރި ދެ ތަށި ޖެހިޖެހިގެން ދެ އަހަރު ހޯދި ފުރަތަމަ ޓީމަށެވެ. އަދި މި ސީޒަނުގެ ލީގު ތަށި ލިބިއްޖެނަމަ، އެއީ ޖެހިޖެހިގެން ސިޓީން ހޯދާ ހަތަރުވަނަ ލީގު ތަށިވެސް މެއެވެ.
ސިޓީން އިނގިރޭސި ފުޓުބޯޅައިގައި ފަސޭހަކަމާއެކު ރަސްކަން ކުރަމުން އަންނަ އިރު، އެ ކާމިޔާބީ މިހާރު ފޫހި ކަމަކަށް ވެއްޖެތޯއާއި ކާމިޔާބީ ލިބުނީ ފައިސާއިންތޯ ނޫސްވެރިޔަކު ވަނީ ގާޑިއޯލާއާ ސުވާލުކޮށްފައެވެ. އެ ސުވާލުގެ ޖަވާބުގައި ގާޑިއޯލާ ބުނީ މޮޅުވުމަކީ ފޫހިވާނެ ކަމެއް ނޫން ކަމަށާއި، ފައިސާއަކީ ސިޓީގެ ކާމިޔާބީގެ ސިއްރު ނޫން ކަމަށެވެ.
"ކާމިޔާބީއަކީ ފޫހިވާނެ ކަމެއް ނޫން. އެއީ އުނދަގޫ ކަމެއް. ފައިސާއަކީ ސިޓީގެ ކާމިޔާބީކަމަކަށް ނުބުނެވޭނެ. އެހެންނަމަ މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީ އަދި އާސެނަލްވެސް ތަށިތައް ހޯދައި މުބާރާތްތަކަށް ވާދަވެސް ކުރާނެ. އެޓީމުތައްވެސް އަހަރެމެން ކުރި ވަރަށް ހަރަދުކުރި މިދިޔަ ފަސް އަހަރު ތެރޭގައި،" މިރޭ ސިޓީން ޓޮޓެންހަމްއާ ދެކޮޅަށް ކުޅޭ މުހިންމު މެޗުގެ ކުރިން ގާޑިއޯލާ ބުންޏެވެ.
ސިޓީން މިދިޔަ ފަސް އަހަރުގައި ބޮޑެތި ހަރަދުތަކެއް ކުރި ނަމަވެސް، ޖުމުލަ ހަރަދު އެންމެ ބޮޑު ކްލަބުތަކުގެ ލިސްޓުގައި އެޓީމު އޮތީ ހަވަނައިގައެވެ. ސިޓީން ހަރަދު ކަނޑައި ކްލަބަށް ފައިދާ ބޮޑުކުރަމުންދާ އިރު، ސިޓީއަށްވުރެ ޖުމުލަ ހަރަދު ބޮޑެތި ކްލަބުތަކަކީ ޔުނައިޓެޑާއި ޗެލްސީ، ޓޮޓެންހަމް، ނިއުކާސަލް އަދި އެސްޓަން ވިލާއެވެ.
މެންޗެސްޓާ ސިޓީ
މެންޗެސްޓާ ސިޓީ
މެންޗެސްޓާ ސިޓީ
މެންޗެސްޓާ ސިޓީ