އެމްއެންޑީއެފްގެ ބަނޑޭރި ކޮށީގެ އެޕާޓްމެންޓެއްގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ އޮޓްޕްސީ ހެދުމަށް ނިންމާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ބުނީ މަރުވެފައިވާ މީހާ ފެނިފައިވަނީ މިއަދު 17:44 ހާއިރު ކަމަށެވެ.

"ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ބަނޑޭރި ކޮށި އެޕާޓްމެންޓެއް ބަލައި ފާސްކުރިއިރު ނިޔާވެފައި އޮތް ފިރިހެނަކު ފެނިގެން ސީންގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުން،" ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ އެޕާޓްމަންޓަކީ މިވަގުތު ބޭނުންކުރަމުންދާ އެޕާޓްމަންޓެއް ނޫންކަން ޔަގީންކުރެވިފައިވާ ކަމަށެވެ.

ފުލުހުން މިރޭ ބުނީ އެ މަރުގެ މައްސަލައިގެ ތަހުގީގު އިތުރަށް ކުރިއަށް ގެންދިއުމަށްޓަކައި ހަށިގަނޑުގެ އޮޓޮޕްސީ ހަދަން ނިންމައިފައިވާ ކަމަށެވެ.