ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ދިވެހި ސަރުކާރުން ގަނެފައިވާ 200 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބޮންޑުގެ ތެރެއިން 50 މިލިއަން ޑޮލަރު އަނބުރާ ދެއްކުން އަހަރަކަށް ފަސްކޮށްދޭން އިންޑިއާ އިން ނިންމައިފިއެވެ.

ބަޖެޓް ސަޕޯޓަށް ފަހަރަކު 50 މިލިއަން ޑޮލަރުގެ މަގުން 200 މިލިއަން ޑޮލަރުގެ އެ ބޮންޑް ގަތީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 2019 ވަނަ އަހަރުއެވެ. އެ ބޮންޑުގެ ތެރެއިން 50 މިލިއަން ޑޮލަރަކީ ހިލޭ އެހީއެވެ.

މި ބޮންޑުތައް ކުރީ ސަރުކާރުގައި ކޮންމެ އަހަރަކު ރޯލްއޯވާ ކުރަމުން އައީ އިންޑިއާ ސަރުކާރުން އިންޓްރެސްޓް ދައްކާ ގޮތަށެވެ. ނަމަވެސް ބޮންޑުގެ ބާކީ 150 މިލިއަން ޑޮލަރުގެ ތެރެއިން ފުރަތަމަ ޓީބިލަށްވާ 50 މިލިއަން ޑޮލަރު މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ވަނީ ދައްކައިފައެވެ.

ބާކީ ނުދައްކާ އޮތް 100 މިލިއަން ޑޮލަރުގެ ތެރެއިން ދެވަނަ ޓީބިލް މި މަހުގެ ތެރޭގައި ދައްކަން އޮތްއިރު، ތިންވަނަ ޓީބިލް ދައްކަން ޖެހެނީ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އިންޑިއާ އިން ރާއްޖެ އަށް ބަޖެޓް ސަޕޯޓުގެ ގޮތުގައި ދިން ފައިސާގެ ތެރެއިން 50 މިލިއަން ޑޮލަރު އަނބުރާ ދެއްކުން އެއް އަހަރަށް ފަސްކޮށްދިނުމަށް އެ ބޭންކުން މިހާރު ނިންމާފައިވާ ކަމަށެވެ.

އެގޮތަށް ނިންމާފައިވަނީ ފޮރިން މިނިސްޓަރު މޫސާ ޒަމީރު މިދިޔަ ހަފުތާގައި އިންޑިއާ އަށް ކުރެއްވި ދަތުރުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރު އާއެކު ބޭއްވި މަޝްވަރާތަކަށް ފަހުގައި ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

އިންޑިއާ ސަރުކާރުގެ މި ނިންމުމަށް ދިވެހި ސަރުކާރުގެ ފަރާތުން ޝުކުރު އަދާކުރަމުން، ފޮރިން މިނިސްޓްރީން ވަނީ އިންޑިއާގެ އެހީ އާއި ލޯނުތައް ބޭނުންކޮށްގެން ރާއްޖޭގައި އުމްރާނީ ތަރައްގީއަށް މުޖުތަމައު ބާރުވެރިކުރުވުމާ ގުޅޭ ގިނަ މަޝްރޫއުތަކެއް މިހާރު ވެސް ހިނގަމުންދާ ކަން ފާހަގަކޮށްފައެވެ.