މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ގާއިމުކުރާ ޑިވްލޮޕްމަންޓް ބޭންކުގެ ހިދުމަތް ލިބެން ފަށާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މީރުމާ ހޮޓެލުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ސައީދު ވިދާޅުވީ، ޑިވެލޮޕްމެންޓް ބޭންކާ އެކު ރާއްޖޭގެ މާލީ ދާއިރާގެ ތާރީހު ބަދަލުކޮށްލެވޭނެ ކަމަށެވެ. އެ ބޭންކުގައި ސަރުކާރުގެ އިތުރުން އަމިއްލަ ބައެއް ފަރާތްތަކުގެ ހިއްސާވެސް އޮންނާނެ ކަމަށްވެސް ވިދާޅުވިއެވެ.
ސައީދު ވިދާޅުވި ގޮތުގައި، އެ ބޭންކަށް ބޭރުގެ ބައެއް އިންވެސްޓަރުން މިހާރުވެސް ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ. އަދި ޑިވެލޮޕްމެންޓް ބޭންކުން ސަރުކާރަށާއި ރާއްޖޭގައި ހުރި ވިޔަފާރިތަކަށް އިންވެސްޓް ކުރަން އިތުރު ފައިސާ ލިބިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
ސައީދު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުން ޑިވެލޮޕްމަންޓް ބޭންކެއް އުފައްދަން ސަރުކާރުން ނިންމީ ރާއްޖޭގައި މިހާރު އޮތް ބޭންކިން ނިޒާމުގެ ތެރެއިން ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދޭނެ ޖާގަ ނެތުމުންނެވެ. އަދި އެ ބޭންކުން ރައްޔިތުންގެ ތަރައްގީއަށް ފައިސާ ދިނުމަށް މާ ލުއި ގޮތްތަކެއް ފަހިވެ، ހައުސިން ފައިނޭންސިންއަށްވެސް ލުއި ގޮތްތަކެއް ހަމަޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު