ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް)ގެ ފުރަތަމަ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ފުރުއްވަން މިދިޔަ ޖެނުއަރީ މަހު ގާނާއަށް ދިރިއުޅުއްވަން ބަދަލުކުރެއްވި ފަހުން ރައްޔިތުންގެ މަޖިލީހުގެ މުސާރަ ނުނަންގަވާ ކަމަށް މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ސްރީލަންކާގެ ނޫހެއް ކަމަށްވާ "ދަ މޯނިން" އަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ، ޖެނުއަރީން ފެށިގެން މަޖިލީހުގެ މުސާރަ ނެންގެވުން ހުއްޓާލައްވާފައިވާ ކަމަށާއި ނަމަވެސް މަޖިލީހުގެ މި ދައުރު ނިމެންދެން އެ މަނިކުފާނަކީ މަޖިލީހުގެ މެންބަރެއް ކަމަށެވެ.

"ސީވީއެފްގައި އަޅުގަނޑު މަސައްކަތް ކުރަން ފެށީ ފެބްރުއަރީ މަހު. ޖެނުއަރީ މަހުން ފެށިގެން އަޅުގަނޑު ހުއްޓާލައިފިން މަޖިލީހުން މުސާރަ ނެގުން،" ނަޝީދު ވިދާޅުވިއެވެ.

ޖެނުއަރީ މަހުން ފެށިގެން މަޖިލީހުގެ މުސާރަ ނުނަންގަވާ ކަމަށް ނަޝީދު ވިދާޅުވި އިރު، މިދިޔަ މާޗު މަހުގެ 31 ވަނަ ދުވަހު މަޖިލީހުގެ އިދާރާއަށް އެ މަނިކުފާނު ފޮނުއްވި ސިޓީގައި، އޭޕްރިލް މަހުން ފެށިގެން މި ދައުރުގައި ބާކީ އޮތް މުއްދަތަށް، މެމްބަރެއްގެ ހައިސިއްޔަތުން ލިބިވަޑައިގަންނަވާ މުސާރަ އުނިކޮށްދެއްވުމަށް ވަނީ އެދިވަޑައިގެންފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ދައުރު މާދަމާ ހަމަވާނެއެވެ.

މަޖިލީހުގެ މުސާރަ އުނިކުރި ނަމަވެސް ނަޝީދަށް މިހާރުވެސް ކުރީގެ ރައީސުންގެ އިނާޔަތް ލިބިވަޑައިގަންނަވައެވެ. ރައީސްކަން ކުރައްވާފައިވާ ބޭފުޅުންގެ ރައްކާތެރިކަމާއި އިނާޔަތް ދިނުމުގެ ގާނޫނުގައިވާ ގޮތުން، ކުރީގެ ރައީސަކަށް މާލީ އިނާޔަތުގެ ގޮތުގައި މަހަކު 172،000 ރުފިޔާ ލިބިވަޑައިގަންނަވައެވެ.